ކުޅިވަރު

ސެންޓޭ އާއި ރިޒޭއަށް ކުޅެވޭ ގޮތް ހަދައިފި

ގައުމީ ޓީމުގެ ސްކޮޑާއެކު ގުއާމް އާ ދެކޮޅަށް ކުޅުނު މެޗަށް ނުދިއުމުން، ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކުރި އީގަލްސްގެ ދެ ފޯވަޑުން ކަމަށްވާ، އަހްމަދު ރިޒްވާން (ރިޒޭ) އާއި އަލީ ފާސިރު (ސެންޓޭ) ގެ ޖޫރިމަނާގެ ކަންކަން ކަމަށް އީގަލްސްގެ މެނޭޖުމެންޓުން ހަވާލުވެ އެ ދެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

މިދިޔަ މަހު ލަންކާގައި ބޭއްވި ޓްރޭނިން ކޭމްޕަށް ގެންދިއުމަށް ފައިނަލު ކުރި ގައުމީ ސްކޮޑުން ރިޒޭ އާއި ސެންޓޭ ނުދިޔައީ އަމިއްލަ ސަބަބެއް ދިމާވެގެން ކަން އެފްއޭއެމުން ކުރިން ބުންޏެވެ. ހޯމަ ދުވަހު އެފްއޭއެމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ ކުޅުންތެރިން ހިމެނުމުން މަގުބޫލު ސަބަބެއް ނެތި ގައުމީ ޓީމާއެކު ނުދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.،

މިދިޔަ މަހު، ލަންކާގައި ބޭއްވި ގައުމީ ޓީމުގެ ފަރިތަކުންތަކުގަ އާއި ގުއާމަށް ދިއުމަށް ވިސާ ޖެހުމަށް ގައުމީ ޓީމު ފުރި ދުވަހު އެ ދެ ކުޅުންތެރިން ޓީމާއެކު ދަތުރު ކޮށްފައި ނުވެ އެވެ. ނަމަވެސް އެ ދުވަސްވަރު، ބ. އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ސެންޓޭ ވަނީ ކުޅެފަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހި ސެންޓޭއަކީ މިހާރު ޓީމުގެ ސީނިއާ އެއް ކުޅުންތެރިޔާ އެވެ.

ކޮންމެ ކުޅުންތެރިޔަކު 50،000 ރުފިޔާއިން ޖޫރިމަނާކުރިއިރު އީގަލްސްއަށް ޖުމުލަ 100،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ. އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ) ވިދާޅުވީ، އެ ދެ ކުޅުންތެރިންގެ ޖޫރިމަނާ އަށް ދައްކަން ޖެހޭ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އާ ޗެއާމަން [ސަރަނގު އާދަމް މަނިކު] އާ މެނޭޖުމެންޓުން ކުރި މަސައްކަތުން ދެ ކުޅުންތެރިންގެ ޖޫރިމަނާއަށް ވާ އެއް ލައްކަ ރުފިޔާ ވަނީ ހަމަޖެހިފަ." މުފާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 38 ދުވަހުގެ ބުރޭކަކަށް ފަހު ލީގުގެ ކުޅުން މިއަދު ފަށާއިރު އީގަލްސް ނުކުންނާނީ ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށެވެ. އިއްޔަ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ، އެ ދެ ކުޅުންތެރިންނަށް ކުޅެވޭ ގޮތް ހެދުމަށް މެނޭޖުމެންޓާއި އެ ކުޅުންތެރިންނާ ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ.

"މެނޭޖުމެންޓުން އެކަމާ ބެހޭގޮތުން ވާހަކަ ދައްކާނީ، އެހެންނަމަވެސް އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުން ހުރިހާ ކުޅުންތެރިންވެސް މެޗަށް ހަމަވާނެ،" މޯހަން ބުންޏެވެ. "ނޫންބެ [އަހްމަދު ނޫމާން ހެލްމެޓް] ފިޔަވާ ހުރިހާ ކުޅުންތެރިންނަށްވެސް މެޗަށް ލިބޭނެ، ނޫންބެ އަށް ގައުމީ ޓީމުގައި ލިބުނު އަނިޔާގައި އޭނާ ކުރިއަށް ދެ މެޗުގައިވެސް ނުކުޅެވޭނެ."

ހެލްމެޓް އަށް އަނިޔާވީ މި މަހުގެ 10 ވަނަ ދުވަހު ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.