ހަބަރު

ގާނޫނެއް ނެތީސް ބައިނަލްއަގްވާމީ ނިންމުންތަކާ ހިލާފުވިޔަސް ކުށްވެރިނުވާނެ: ހުކުމް

އދ. ފަދަ ޖަމިއްޔާތަކުގެ މުއާހަދާތަކުގައި ރާއްޖެ ބައިވެރިވެފައި އޮތް ނަމަވެސް އެއަށް އަމަލު ކުރަން އަންގާ ގާނޫނެއް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ނެތް ހާލަތުގައި މުއާހަދާއިން މަނާ ކުރާ އަމަލެއް ކުރިޔަސް ކުށްވެރި ނުވާނެ ކަމަށް ކުރިމިނަލް ކޯޓުން ބުނެފި އެވެ.

ކުރިމިނަލް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ އުތުރު ކޮރެއާގެ ބޯޓަކާއެކު، ރާއްޖޭގެ ބޯޓަކުން ތެލުގެ މުއާމަލާތްތަކެއް ހިންގި މައްސަލާގައި ދައުލަތުން އުފުލި ދައުވާގެ ހުކުމްގަ އެވެ. އެ ދައުވާ ދައުލަތުން އުފުލީ ގދ. މަޑަވެލި އަރިނަގާގެ އަބްދުﷲ ފަހުމީގެ މައްޗަށެވެ. އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އެވެ.

އެ ދައުވާ އޭނާގެ މައްޗަށް އުފުލި ސަބަބެއް ކަމަށް ދައުލަތުން ބުނެފައިވަނީ އޭނާގެ އަމަލުގެ ސަަބަބުން ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރާ، އެކަމުގެ ސަބަބުން އާންމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ހާލަތެއް އޮތުމުންނެވެ. އޭނާ އެ އަމަލު ހިންގިއިރު އދ.ގެ ސަލާމަތީ މަޖިލީހުން އޮތީ އުތުރު ކޮރެއާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އެ ގައުމާއެކު އެއްވެސް ތެލުގެ މުއާމަލާތެއް ނުކުރުމަށް ފާސްކޮށް އަންގާފަ އެވެ.

ދައުވާއިން ސަލާމަތްވުމަށް ފަހުމީގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާގައިވާ ގޮތުން މުއާހަދާތަކަކީ އޭގެ ޒާތުގައި ރައްޔިތުން އަމަލު ކުރުން ލާޒިމްވާ އެއްޗެއް ނޫން ކަމާއި މުއާހަދާތައް ރައްޔިތުންގެ މައްޗަށް ލާޒިމް ކުރެވޭނީ އެއާ ގުޅޭ ގާނޫނުތައް ފާސްކޮށްގެން ކަމަށެވެ. ރާއްޖެ އާއި އުތުރު ކޮރެއާ ދެމެދު ތެލުގެ މުއާމަލާތްކުރުން މަނާ ކުރާ އެއްވެސް ގާނޫނެއް އަދި ގަވައިދެއް ވެސް ވުޖޫދުގައި ނެތް ކަމެވެ. ދައުލަތުން ވެސް އެކަމަށް އެއްބަސްވެ އެވެ.

އެކަމަކު ދައުލަތުގެ ނުކުތާއަކީ ފަހުމީގެ މައްޗަށް ދައުވާ ކުރީ އދ.ގެ ނިންމުމަކާ ހިލާފުވެގެން ނޫން ކަމަށެވެ. ނަމަވެސް ފަހުމީގެ އެ އަމަލުގެ ސަބަބުން ސަރުކާރަށް ނޭދެވޭ އަސަރެއްކޮށް ނުރައްކަލެއްގެ ބިރުވެރިކަން އާންމުންނަށް އޮތް ހާލަތަކަށް ދިޔުމުން ކަމަށެވެ. ދައުލަތުގެ އެ ނުކުތާއަކީ ގަބޫލު ކުރެވޭ ނުކުތާއެއްގެ ގޮތުގައި ޝަރީއަތަކަށް ނުފެނުނެވެ.

މިދިޔަ މަހުގެ ތެރޭގައި ކުރިމިނަލް ކޯޓުން އިއްވައި ވެބްސައިޓްގައި އާންމުކޮށްފައިވާ ހުކުމްގައި ގޮތުން ފަހުމީގެ މައްޗަށް ހުކުމް ކުރުމުގެ މައިގަނޑު އަސާސަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ނިންމުމާ ހިލާފަށް އުތުރު ކޮރެއާއަށް ތެޔޮ ވިއްކާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ. އެފަދަ މުއާމަލާތްތައް ނުވަތަ ބައިނަލްއަގްވާމީ ނިންމުންތަކާ ހިލާފަށް ކުރާ އަމަލުތައް ތަޖުރީމުކުރާ ގާނޫނެއް ނުވަތަ ގަވައިދެއް ނެތް ހާލަތުގައި އެ އަމަލުގެ މައްޗަށް ޖިނާއީ ކުށެއްކޮށް އަދަބު ކަނޑައެޅިދާނެ ކަމަށް ނުދެކޭ ކަމަށް ހުކުމްގައިވެ އެވެ. އަދި އެކަމަކީ ގާނޫނު އަސާސީގެ ރޫހާ ވެސް ހިލާފު ކަމެއް ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ ދައުވާ ފަހުމީގެ މައްޗަށް ސާބިތެއް ނުވި އެވެ.