އަފްޣާނިސްތާން

ތާލިބާނުން ދިން ހަމަލާއެއްގައި 20 މީހަކު މަރުވެއްޖެ

ޕާކިސްތާނާއި އަފްގާނިސްތާނުގެ ބޯޑަރު ކައިރީގައި ގާއިމްވެގެން އުޅޭ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ތާލިބާނުން ދިން ކާރު ބޮމުގެ ހަމަލާއެއްގައި 20 މީހަކު މަރުވެ 95 މީހުން ޒަހަމްވެއްޖެ އެވެ.

ކާރު ބޮމުގެ ހަމަލާދީފައި ވަނީ އަފްގާނިސްތާނުގެ ހުޅަނގު ޕްރޮވިންސްގައި ހުންނަ ހޮސްޕިޓަލެއްގެ ކައިރީގަ އެވެ. ހަމަލާގެ މައުލޫމާތު ދެމުން އަފްޣާނިސްތާން ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ތާލިބާނުން އެންމެ ފުރަމަ ހަމަލާދޭން އުޅުނީ އެގައުމުގެ ސަލާމަތީ ގޮތުން ބާރުގަދަ މިލިޓަރީ ކޭމްޕަކަށް ކަމަށެވެ. ނަމަވެސް ކޭމްޕަށް ހަމަލާދޭން ނުކުޅެދެމުން ކާރު ބޮމުގެ ހަމަލާއެއް ހޮސްޕިޓަލް ކައިރީގައި ދިނީ ކަމަށެވެ.

ފާއިތުވި ދެ މަހެއްހާ ދުވަސް ތެރޭގައި ތާލިބާނުން ވަނީ އަފްގާނިސްތާނުގެ މުހިންމު ސަރަހައްދުތަކެއްގައި ބޮމުގެ ހަމާލަތައް ދީފަ އެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް އަފްގާނިސްތާނުގައި ވަނީ ރެލީތަކަށް އަމާޒުކޮށް ގެން ބޮމުގެ ހަމަލާދީފަ އެވެ.