ދުނިޔެ

ދުންތަރިއެއްގެ އައިސްތައް އަނދާ "ވާރޭއެއް" ދުނިޔެއަށް އަންގާރަ ދުވަހު ފެންނާނެ

Aug 7, 2015

ދުނިޔެއަށް ކުރިމަތިވާ "ގިނިހިލައިގެ ވާރޭ"ތަކުގެ ތެރެއިން ޕާސެއިޑް ނަމަކަށް ކިޔާ "ގިނިހިލައިގެ ވާރޭ" އަކީ ހަގީގަތުގައި ގިނިހިލައިގެ ވާރޭއެއް ނޫނެވެ.

ޕާސެއިޑް "ގިނިހިލަތަ"ކީ ސްވިފްޓް-ޓުޓްލް ނަމަކަށް ކިޔާ ދުންތަރިއެއްގެ އެތިކޮޅުތަކެވެ. ދުންތަރިއަކީ ޖައްވުގައި އިރުގެ ވަށައިގެން ދައުރު ކުރާ އައިސް ހިމެނޭ ބިންތަކެކެވެ. ދަތުރު ކުރާ އޯބިޓްގައި އިރާ އެންމެ ކައިރިވާ ވަގުތު އަންނަ ހޫނުން މި ދުންތަރީގެ އައިސްތައް ވިރިގެން ދޫކުރާ ކުދިކުދި އައިސްކޮޅުތަކުގެ ސައިޒަކީ ދުނިޔޭގެ ވެލިފުށްތަކެއްގެ ސައިޒު ނަމަވެސް ދުނިޔޭގެ ހަވާގެ ތެރެއަށް ވަދެ ކުރިމަތިވާ ހޫނުގައި ކުއްލިއަކަށް "ގޮވައިގެން" ގަދަ އަލިިގަނޑެއް ދޫކޮށްލާފައި ވިރިގެންދަނީއެވެ. އެހެންކަމުން "ޝޫޓިންގ ސްޓަރ" ނަމުން އާއްމު ގޮތެއްގައި ނިސްބަތްވާ "ގިނިހިލައިގެ ވާރޭ" އާ މި ތަފާތެވެ. ސަބަބަކީ އާއްމު ގޮތެއްގައި ގިނިހިލައިގެ ވާރޭ ކިޔަނީ ޖައްވުން ދުނިޔެއަށް ވަންނަ ބޮޑެތި އަދި ކުދި ހިލަކޮޅުތައް މި ގޮތަށް އަނދައިގެންދާ ދިއުމަށެވެ.

އަންނަ އަންގާރަ ދުވަހު ފެންނަން ފަށާނެ ކަމަށާއި ގަޑިއަކު ގާތްގަނޑަކަށް 80 ވަރަކަށް އައިސް ފުށްތައް ދުނިޔޭގެ ހަވާގެ ތެރެއަށް ވަދެ އަނދައިގެންދާ މަންޒަރު ފެންނާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުންޏެވެ.

"ނަމަވެސް ވިއްސަކަށް މިނެޓް އުޑާ ދިމާއަށް ބަލަން ފަށާ ފަހުން ހަގީގަތުގައި އިންސާނުންގެ ލޯ އެ އަނދިރި ކަމަށް ހޭނޭނީ. އެހެންވީމާ އައިސްތައް އަނދަން ފަށާ ތަން ފެންނަން ފަށާނީ އުޑާ ދިމާއަށް ބަލަން ހުންނަތާ 20 މިނެޓް ފަހުން. އެހެންވީމާ ވަގުތު ހޯދައިގެން ހަމަޖެހިލައިގެން ބަލައިލެވޭނީ. އަވަސްއަރުވާލައިގެން ނުވާނެ،" އާތްސްކައި ޑޮޓް އޯގްގެ ބްރޫސް މެކްލުއާ ވިދާޅުވިއެވެ.

އައިސްތައް އެންމެ ރަނގަޅަށް ފެންނާނީ ފަތިހު އިރު އެރުމުގެ ކުރިން ކަމަށާއި އަދި އެންމެ ހިތްގައިމުކޮށް މި ކަންތައް ފެންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށް ވެސް ނާސާއިން ބުންޏެވެ.

އެމެރިކާގެ ގިނިހިލައާ ބެހޭ ޖަމިއްޔާ ކަމަށްވާ އެމެރިކަން މީޓިއޯ ސޮސައިޓީން ބުނީ ޕާސެއިޑް އައިސްތައް ފެންނާނީ އުޑުގެ އުތުރު ފަޅިން ކަމަށެވެ.