ދުނިޔެ

ރާޅާއަޅައިގެން ނޯވޭގެ ޖަޒީރާއެއްގައި ހުރި ޖަލަކުން ގައިދީއަކު ފިލައިފި

Aug 7, 2015

ބެސްޓޯއި ނަމަކަށް ކިޔާ ސެކިއުރިޓީ ދަށް ޖަލުން ޖިންސީ ގޯނާ ކުރި ކަމުގެ ކުށުގައި ހުކުމް ތަންފީޒު ކުރަމުން އައި ގައިދީ ފިލީ ރާޅައަޅާ "ސާފް ބޯޑެއް"ގެ މަތީގައި ކަމަށާއި ނޯވޭގެ މައި ބިމާ ހަމައަށް ފޯރީ ޕްލާސްޓިކް އުދައްޔަކުން ފަލި ޖަހައިގެން ކަމަށް ވެސް ވެއެވެ.

ނޯވޭއަކީ ކުށްވެރިންނާމެދު އެންމެ ހިތްހެޔޮ ގައުމު ކަމަށް ވުމުގެ ނަމޫނާއަކަށް ވުމަށް މަސައްކަތް ކުރާ ގައުމަކަށް ވާތީ މި ޖަލުގައި ގައިދީންނަށް ވަރަށް ބޮޑު ދޫތައް ދެވިފައި ހުރެއެވެ. އެ ގޮތުން ދަނޑުވެރިކަން ކުރުމާއި ފިލްމް ބަލަން ދިއުމާއި ބައިސްކަލް ދުއްވަން ދިއުމާއި އަދި ގޮނޑުދޮށަށް ގޮސް މޫދަށް އެރުން ހިމެނެއެވެ.

އުމުރުން ވިހީގެ ދުވަސްތައް ގުނަމުން އަންނަ މި ކުށްެވެރިއަކީ އާއްމުންނަށް ނުރައްކާތެރި ކުށްވެރިންގެ ލިސްޓްގައި ހިމެނޭ ގައިދީއެއް ނޫން ކަމަށާއި އޭނާ ގެއްލުނީ ރޭގަނޑު ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. އަދި އޭނާ ފިލިކަން އެނގުނީ އެ ޖަޒީރާއާ ތިން ކިލޯމީޓަރު ކައިރީގައި އޮންނަ ނޯވޭގެ މައި ބިމުގެ ގޮނޑުދޮށުން، ޖަލުގެ އެ މުދާ ކަމަށްވާ ރާޅާއަޅާ ބޯޑާއި އުދަލި ފެނުމުން ކަމަށްވެއެވެ.

"މި ކަހަލަ ކަމެއް ދިމާވުމުން ވަރަށް ހައިރާންކުރަނިވި ކަމެއްހެން ވެސް ހީވެދާނެ. ނަމަވެސް ހަގީގަތަކީ ސާފް ބޯޑެއް ނުލިބުނު ނަމަ އޭނާ ކޮންމެވެސް އެހެން ވަސީލަތެއްގެ ބޭނުން ހިފާނެ. ފެންމަތީގައި އޮންނާނެ ކަހަލަ ކިތައްމެ އެއްޗެއް މި ރަށުގެ ތެރެއިން ހޯދުމަކީ އެހާ އުނދަގޫ ކަމެއް ނޫން،" ޖަލުގެ އިސް ވޯޑަން ކަމަށްވާ ޓޮމް އެބަރހާރޑްޓް ރޮއިޓާސް ނޫސް އެޖެންސީއަށް ވިދާޅުވިއެވެ.

މި ޖަލުގައި އާއްމު ގޮތެއްގައި ތިބެނީ މީހުން މެރުމުގައި ހައްދުފަހަނަޅާފައިވާ "ސީރިއަލް ކިލާ" ނުވަތަ ސިލްސިލާ ގާތިލުންނާއި ރޭޕް ކުރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ކަމަށް ވާތީ، އަމިއްލައަށް ކެއްކުން ފަދަ މިނިވަންކަން ދެވިފައިވަނީ އަލުން މުޖުތަމައަށް އެނބުރި ރަނގަޅު އާދައިގެ ދިރިއުޅުމަކަށް މި ކުށްވެރިން ތައްޔާރު ކުރުމަށް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

އެ ގޮތުން އެންމެ ފުރަތަމަ ސެކިއުރިޓީ މަތި ޖަލެއްގައި ހުކުމްގެ ބައެއް ތަންފީޒުކޮށްފައި، އޭގެ ތެރެއިން 115 ގައިދީން ވަނީ މި ޖަލަށް ބަދަލުވެފައެވެ. އަދި މި ގޮތަށް މި ސެކިއުރިޓީ ދަށް ޖަލަށް ބަދަލު ކުރަނީ ވަރަށް ބޮޑަށް ސްކްރީން ކޮށްފައި މި ކަހަލަ މާހައުލަކަށް އެކަށީގެންވާ ގައިދީން ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

މި ޖަޒީރާއާ ނޯވޭގެ މައި ބިމާ ދެމެދު ކޮންމެ ދުވަހަކު ބާރަ ވަރަކަށް ފެރީ ދަތުރު އޮވެއެވެ. އެއީ އާއްމު ގޮތެއްގައި އެ ޖަލުގެ މުވައްޒަފުންނާއި ޖަލަށް ޒިޔާރަތް ކުރާ އޮފިޝަލުންނާއި އާއިލާތަކަށެވެ.

މި ޖަލުން ފިލާ މީހުން ވަރަށް މަދު ކަމަށް ވެއެވެ. އަދި އެއް ފަހަރު ވެސް ފިލައިފި ނަމަ ދެވަނަ ފަހަރަށް އަނބުރާ ނުގެންނަ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

"ފިލައިފިއްޔާ ދެވަނަ ފަހަރަށް އައުމަށް ޓިކެޓެއް ނުދެވޭނެ،" ޓޮމް ވިދާޅުވިއެވެ.