އާލިއާ ބަޓް

ވަރަށް އަވަހަށް ބާންސާލީގެ ފިލްމެއް ފަށާނަން: އާލިއާ

Sep 22, 2019

ސަލްމާން ޚާނާއި އާލިއާ ބަޓް ލީޑް ރޯލަށް ލައިގެން ސަންޖޭ ލީލާ ބާންސާލީ އުފައްދަން އިއުލާން ކުރި "އިންޝާﷲ" ކުއްލިއަކަށް ހުއްޓާލުމުން ގިނަ ބަޔަކަށް ވަރަށް ބޮޑު ޝޮކެއް ލިބުނެވެ. ފިލްމު އިންޑަސްޓްރީގެ އިތުރުން ފިލްމު ބަލާ ގިނަ ބަޔަކަށް ވެސް މިއީ ވަރަށް މާޔޫސްވި ޚަބަރެކެވެ. މިހާތަނަށް މިކަމާ ގުޅޭ ގޮތުން އާލިއާ އެއްވެސް ވާހަކައެއް ނުދައްކާ ހުރުމަށް ފަހު މިފަހަރުގެ އައިފާ އެވޯޑު ހަފުލާގައި އާލިއާ ވަނީ ފިލްމު ހުއްޓުމާ ގުޅޭ ގޮތުން އޭނާގެ އިހްސާސްތައް ކިޔައިދީފަ އެވެ.

އާލިއާ ބުނީ ބާންސާލީގެ ފިލްމެއް ކުޅެން ލިބުމުން އޭނާ ހުރީ ވަރަށް އުފާވެފަ އެވެ. އަދި ޚާއްސަކޮށް ސަލްމާން އާއެކު ފިލްމެއް ކުޅެން ލިބުމުން އިތުރަށް އުފާވި އެވެ. ނަމަވެސް ބައެއް ކަންތައްތަކަކީ އެމީހާގެ އިޚްތިޔާރުން ބޭރުގައިވާ ކަންތައްތައް ކަމަށާއި އެ ފިލްމު ހުއްޓިފައިވީ ނަމަވެސް ވަރަށް އަވަހަށް ބާންސާލީގެ ފިލްމެއްގެ މަސައްކަތް ފަށާނެ ކަމަށް އާލިއާ ބުންޏެވެ.

މި ފަހަކަށް އައިސް ބާންސާލީގެ އޮފީހަށް އާލިއާ މާ ގިނަގިނައިން ދާކަން ފާހަގަ ކުރެވިގެން އިންޑިއާގެ ނޫސްވެރިން ބުނެފައިވަނީ އާލިއާ ލައިގެން ބާންސާލީ އާ ފިލްމެއް އުފެއްދުމުގެ ތައްޔާރީތައް ކުރިޔަށް ދާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އައިފާ އެވޯޑުގައި "އިންޝާﷲ" އާ ބެހޭ ގޮތުން ސަލްމާން ޚާނާ ވެސް ބައެއް ނޫސްވެރިން ސުވާލު ކުރި އެވެ. ޖަވާބުގައި ސަލްމާން ބުނީ "އިންޝާﷲ" މިވަގުތަށް ހުއްޓީފައި އޮތް ނަމަވެސް އެ ފިލްމު އުފެއްދުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ. ނަމަވެސް އެ ފިލްމުގައި އޭނާ ބައިވެރި ނުވާނެ ކަމަށެވެ.

ބާންސާލީ ގަސްތު ކުރަނީ ސަލްމާންގެ ރޯލު ރިތިކް ރޯޝަން އަށް ދީގެން އާލިއާ އާއި ރިތިކް އާއެކު ފިލްމު ކުރިޔަށް ގެންދަން ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ. ނަމަވެސް މިކަން އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

އެހެން ބައެއް ޚަބަރުތައް ބުނާ ގޮތުގައި އާލިއާ ލައްވާ ބާންސާލީ ކުޅުވަން އުޅެނީ "ގަންގޫބާއީ" ކިޔާ ފިލްމެކެވެ. މި ފިލްމު ކުރިން ދޭން ހަމަޖެހިފައި އޮތީ ޕްރިޔަންކާ ޗޯޕްޅާ އަށެވެ. ނަމަވެސް އާލިއާ ކަހަލަ ހުނަރުވެރި ބަތަލާ އަކާއެކު ފިލްމެއް އުފައްދަން ބާންސާލީ ވަރަށް ބޭނުންވެފައިވާތީ މި ފިލްމު އާލިއާ ލައްވާ ކުޅުވަން އޭނަ ނިންމީ ކަމަށް ވެއެވެ.

އާލިއާ ކުޅޭ ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރާނީ "ބްރަހްމަސްތުރާ" އެވެ. މި ފިލްމުގެ ބަތަލަކީ އާލިއާގެ ހަގީގީ ލޯބިވެރިޔާ އަދި ފިލްމު އެކްޓަރު ރަންބީރު ކަޕޫރެވެ. ރަންބީރާއި އާލިއާގެ އިތުރުން އަމީތާބް ބައްޗަން އާއި މޯނީ ރޯއީ އަދި ސައުތު އިންޑީއާގެ މަޝްހޫރު އެކްޓަރު ނަގަރްޖުނާ އަކިނޭނީ ވެސް މި ފިލްމުގައި މުހިއްމު ބައިތަކެއް ކުޅޭނެ އެވެ.