ބޮލީވުޑް

ރަންބީރާއި އާލިއާ އެކުގައި ކުޅެން ލިބޭ ފިލްމުތައް ގަބޫލު ނުކުރަނީ ކީއްވެ؟

ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކުގައި ކުޅޭ ފުރަތަމަ ފިލްމަކީ އަޔާން މުކަރުޖީ ޑައިރެކްޓްކުރާ "ބްރަހްމަސްތުރަ" އެވެ. މި ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރު އެވެ. މި ފިލްމު ނޫނަސް ވަރަށް ގިނަ ފިލްމުތައް މިހާރު ވެސް މި ދެ ތަރިން އެކުގައި ކުޅެން ލިބެ އެވެ. ނަމަވެސް "ބުރަހްމަސްތުރަ" ރިލީޒް ކުރުމުގެ ކުރިން އިތުރު ފިލްމެއް އެކުގައި ކުޅެން ސޮއި ކުރާކަށް ރަންބީރު ވެސް އާލިއާ ވެސް ބޭނުމެއް ނޫނެވެ.

"ބުރަހުމަސްތުރަ"ގެ ޝޫޓިން ފެށީތާ މާ ގިނަ ދުވަހެއް ނުވެ ރަންބީރާއި އާލިއާ ވަނީ ހަގީގީ ދެ ލޯބިވެރިންނަށް ވެފަ އެވެ. ނަމަވެސް އެކުގައި އިތުރު ފިލްމުތައް ކުޅެން އެއްބަސް ނުވަނީ މިސަބަބާ ހެދިއެއް ނޫނެވެ. މި ދެ ތަރިންގެ ފުރަތަމަ ފިލްމަށް ބެލުންތެރިން ދޭ ތަރުހީބެއް ބަލާފައި ނޫނީ އިތުރު ފިލްމެއް އެކުގައި ކުޅެން ބޭނުން ނުވަނީ އެވެ.

ބޮލީވުޑަށް ބަލާއިރު ހަގީގީ ލޯބިވެރިންގެ ފިލްމީ ލޯތްބެއް ބެލުންތެރިންނަކަށް އެހާ ކަމަކު ނުދެ އެވެ. އަޖޭ ދޭވްގަން އާއި ކާޖޮލް، އަބީޝެކް ބައްޗަން އާއި އައިޝްވަރިޔާ ރާއީ ފަދަ މަޝްހޫރު ތަރިން ވެސް ރައްޓެހިވުމަށްފަހު ނުވަތަ ކައިވެންޏަށްފަހު ކުޅުނު ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ.

ރަންބީރު އާއި އާލިއާއަށް އެކުގައި ކުޅެން ގިނަ ފިލްމުތަކެއް ޕްރޮޑިއުސަރުން މިހާރުވެސް ހުށަހަޅަމުންދިޔަސް އެކަން ގަބޫލު ނުކުރަން މި ދެ ތަރިން ނިންމީ މި ސަބަބާ ހުރެ ކަމަށް ވެދާނެ އެވެ. ފުރަތަމަ ފިލްމު ރަނގަޅަށް ހިނގައިފިނަމަ އެމީހުންގެ ޖޯޑު ބެލުންތެރިން ބަލައިގެންފިކަން ޔަގީންވާނެ އެވެ. އަދި އޭރުން އެކުގައި ގިނަ ފިލްމުތަކެއް ކުޅެން އާލިއާ އާއި ރަންބީރު ވިސްނަފާނެ އެވެ.

އެހެންވެ އާލިއާ ރަންބީރުގެ ފޭނުން އަދި ޖެހޭނީ ދުވަސްކޮޅަކު އިންތިޒާރު ކޮށްލާށެވެ. "ބްރަހްމަސްތުރަ" ރިލިޒް ވަންދެނެވެ.