ލައިފްސްޓައިލް

އޮފީހުގައި ހަމަޖެހިގެން އުޅެން ބޭނުންތަ؟

Sep 24, 2019
9

ދިރިއުޅުމުގައި މުހިންމު އެއްކަމަކީ ވަޒީފާއެއްގައި ޒިންމާދާރުވެ ހަޔާތެއް ބިނާ ކުރުމެވެ. ވަޒީފާގެ މާހައުލަކީ އާއްމު ގޮތެއްގައި އެތަކެއް ތަފާތު ބުރޫއެރުމާއި އުނދަގޫތަކާ ކުރިމަތިލާންޖެހޭ މާހައުލެކެވެ. އެކުގައި އުޅޭ އެހެން މުވައްޒަފުންނާޖެހޭ ކުންޏާއި ހަމަނުޖެހުންތަކާއި އަވަދިނުވާ ތާވަލެއްގައި ބެދިގެން ވެސް އުޅެން ޖެހެ އެވެ. މިފަދަ ކަންކަމުން ދުރުހެލިވާން ބޭނުން ކުރެވޭނެ އެތަކެއް އުކުޅު ވެސް ހުރެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަން ފާހަގަ ކޮށްލައި ދޭނަމެވެ.

މަސައްކަތުގެ ދައިރާގައި ތަފާތު ތޮބީއަތްތަކުގެ މީހުނާ ދިމާވާނެ އެވެ. ސަމާލުކަން ބަހައްޓަން ޖެހޭނެ ކަމަކީ، އެއިން ކޮންމެ ބަޔަކާއެކު ވެސް އެއްބައިވެ ސުލްހަވެރި މާހައުލެއް ގާއިމް ކުރާށެވެ. ކުރިއެރުމަށް ވިސްނައި ރަނގަޅު ގޮތުގައި ވާދަވެރިވުމުގެ މިންގަނޑެއް ބެހެއްޓުމެވެ. ކޮންމެ މުވައްޒަފަކާއި ދޭތެރޭ ވަކި މިންގަނޑަކަށް ރަހުމަތްތެރިކަމުގެ ގުޅުން ގާއިމް ކޮށްގެންނެވެ. މިގޮތަށް ދަމަހައްޓައިފިނަމަ، އޮފީހެއްގެ ތެރެއިން އަތުވެދާނެ ކުދި އަރާރުންތަކާއި ކޯޅުންތައް މަދުވެ، ހިތްހަމަޖެހިލައިގެން މަސައްކަތްތައް ނިންމުމަށް މަގުފަހި ވެގެން ދެއެވެ.

ހަވާލުކުރާ މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތަށް ނިންމުމުގެ ހަރުދަނާ ކަމުގެ ސިފަ އަށަގަންނުވަން ޖެހޭނެ އެވެ. ތަރުތީބު ކަމާއެކު ނިންމާ މަސައްކަތްތައް ފަރުވާތެރި ކަމާއެކީ ހަވާލު ކުރަންޖެހޭ ފަރާތަކަށް ހަވާލު ކުރެވުނުކަން ޔަގީން ކުރަންޖެހެ އެވެ. މީގެ އިތުރުން، ނިންމި މަސައްކަތްތައް ދެވަނަ ފަހަރަށް ޗެކުކޮށް ކުށްތައް ރަނގަޅުކޮށް، ފުރިހަމަ ނިންމުމެއް ގެނެވުމަށް މަސައްކަތް ކުރަންޖެހެ އެވެ. އޭގެ ސަބަބުން، އެ ކުންފުނި ކުރިމަތިލާންޖެހޭނެ ހުއްޓުންތަކާއި ލަސްވުންތަކާއި ހިތްހަމަ ނުޖެހުންތަކުން ދުރުވެ އެވެ. މުވައްޒަފަށް ރީތި ނަން ލިބެ އެވެ.

ވަޒީފާއެއްގައި އުޅޭއިރު ހިތްހަމަޖެހުމާއި ސުލްހަވެރި ކަމާއެކު މަސައްކަތް ކުރެވޭނެ އަނެއް ގޮތަކީ ކޮންމެ ކަމެއްގައި ވެސް ތެދުވެރިވެ އުޅުމެވެ. ކިތަންމެ ބޮޑު ލަދަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އެއިން ފަހަށް ކުރާނެ މަންފާއަކީ ކައިރީގައި މަސައްކަތްކުރާ މުވައްޒަފުންނާއި އިސްވެރިންގެ އިހްތިރާމާއި އިތުބާރު ލިބިގެންދާ ކަމެވެ.

އެންމެ ޝައުގުވެރި އުކުޅަކީ މަސައްކަތުގެ ދާއިރާގައި އަވަދިނެތި އުޅެމުންދާއިރު، ލަވައެއްވެސް ޖަހާލައިގެން އުޅުމެވެ. ކުރަންޖެހޭ މަސައްކަތްތަކަކީ ކޮންމެ ދުވަހަކު، ނުވަތަ ކޮންމެ މަހަކު އެއްފަހަރު ކުރަންޖެހޭ އެއްކަމަކަށް ވާނަމަ، އެކަމެއް ކޮށް އުޅުމަށް ފޫހިވާނެ އެވެ. އެހެންވެ ވައެއް އަޑުއަހާލާ ހެދުމުން ފޫހިކަން ފިލައި ދެއެވެ. އޭގެއިތުރުން، ލަވަ އަޑުއަހަމުން މަސައްކަތް ކުރުމަކީ ކުރާ ކަމެއް ސިނކުޑީގައި ހަރުލުމަށް ފަސޭހަ ކޮށްދޭ ކަމެއްކަމަށް ވެއެވެ.

ބޮޑު، ކުޑަ ކުންފުނިތަކުގައި އެތައް ގަޑިއިރަކު މަސައްކަތްކުރާއިރު އިންސާނެއްގެ ހަޔާތުގެ ބޮޑު ޕަސެންޓެއް ދަނީ މަސައްކަތުގަ އެވެ. ދުނިޔޭގެ ވައްޓަފާޅި ބައްޓަންވެފައިވާ ގޮތުން އެކަން މަޖުބޫރު ވެއެވެ.