ލައިފްސްޓައިލް

ޕަންޖާބު މީހަކު 83 އަހަރުގައި މާސްޓާޒް ޑިގްރީ ނަގައިފި

ކިޔަވާ، ދަސް ކުރާ ހިތްވާ މީހަކަށް އުމުރަކީ އެއްގޮތަކަށް ވެސް ހުރަހަކަށް ނުވެ އެވެ. އިންޑިއާގެ ޕަންޖާބުގެ ސޯހަން ސިންގް ގިލްއަކީ 83 އަހަރު ވެފައިވާ މީހެއް ނަމަވެސް އޭނާ ވަނީ ރަނގަޅަށް ކިޔަވައިގެން މާސްޓާޒް ޑިގްރީއެއް ހާސިލްކޮށްފަ އެވެ.

ގިލް އަށް ޑިގްރީގެ ލިޔުން ހަވާލުކުރި ރަސްމިއްޔާތު އޮތީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އޭނާ ޑީގްރީއާ ހަވާލުވި ވަގުތު މުޅި ހޯލު އަތްތިލަބަޑިން ގުގުމާލި އެވެ.

ގިލް 1957 ވަނަ އަހަރު ޚާއްސާ ކޮލެޖުން ގްރެޖުއޭޓްވުމަށްފަހު ކިޔެވުން ހުއްޓާލީ އެވެ. އަދި އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ ޓީޗިން ކޯހެއް ހެދީ އެވެ.

މީގެ ދެ އަހަރު ކުރިން 81 އަހަރުގައި ގިލް ގަސްތުކުރީ އިނގިރޭސި މާއްދާއިން ދުރުން ދޭ ތައުލީމުގެ މާސްޓާޒް ކޯހެއް ފުރިހަމަ ކުރާށެވެ. އަދި އޭނާ ވަނީ ދެ އަހަރު ތެރޭ ރަނގަޅަށް ކިޔަވައި ކޯހުން މޮޅަށް ފާސްވެފަ އެވެ. އޭނާ ބުނީ އިނގިރޭސި އަކީ އެންމެ މަގްބޫލު މާއްދާ ކަމަށާއި ކެންޔާގައި ހުރިއިރު ކިޔެވުމުގެ ފުރުސަތު ލިބުމުން ކިޔެވީ ކަމަށެވެ.