ހަބަރު

ރާއްޖެއާ ދެކޮޅަށް މެލޭ ކުންފުންޏަކުން އާބިޓްރޭޝަން މައްސަލައެއް

Sep 25, 2019
2

މެލޭޝިއާ ކުންފުންޏަކަށް ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތް އަޅަން ހަވާލުކުރި އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ ބަދަލު ހޯދަން ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަން މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޑަބްލިއުޒެޑްއާރު ޕްރޮޕަޓީ ގުރޫޕް ނަމަކަށް ކިޔާ ކުންފުނީގެ ޗެއާމަން ސަޒްމީ މިއާ މެލޭޝިއާގެ ބައެއް ނޫސްތަކަށް ވިދާޅުވި ގޮތުގައި ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް 123 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެއް ކުރީގެ ސަރުކާރުން އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އަދި މަޝްރޫއު ހަވާލު ކުރިކަމުގެ އެއްބަސްވުމުގައި އެ އަހަރުގެ މާޗު މަހު ފިނޭންސް މިނިސްޓްރީއާއެކު ސޮއިކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެ އިމާރާތަކީ ފިނޭންސް މިނިސްޓްރީ ހިންގި އިމާރާތް ތަޅާލުމަށްފަހު އެ ބިމުގައި އާ އިމާރާތެއް އެޅުމުގެ ބަދަލުގައި ހުޅުމާލޭގައި އެ އިމާރާތް އެޅުމަށް ނިންމައި ހަވާލުކުރި އިމާރާތެވެ. ކުއްލިއަކަށް އެ ބަދަލު ގެނައީ ކަމާބެހޭ މާހިރުންގެ ލަފަޔާއެކު ކަމަށް އޭރު ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ކުންފުނިން މުޅި މަޝްރޫއުގެ 20 ޕަސަންޓްގެ މަސައްކަތް ނިންމާފައިވީ ނަމަވެސް އަދި މިހާތަނަށް ދިވެހި ސަރުކާރުން އެއްވެސް ފައިސާއެއް ދީފައި ނުވާކަމަށް މިއާ ވިދާޅުވެފައިވެ އެވެ.

"އަސްލު ވީ ގޮތަކީ މިދިޔަ އަހަރު ސަރުކާރު ބަދަލުވުމާއެކު، އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ކަމާމެދުވެސް ގޮތެއް ނުނިންމާހެން ހީވަނީ. އެ އެއްބަސްވުމުގައި ކުރީގެ ސަރުކާރުގައި. އަދި މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދަން ދަނީ ފަސް ޖެހެމުން. މި ކުންފުނިން ކޮށްފައިވާ މަސައްކަތަށް 29 މިލިއަން ޑޮލަރު ދޭންވެސް ވަނީ ފަސްޖެހިފައި،" އޭނާ ތުހުމަތު ކުރެއްވި އެވެ.

މިއާ އިތުރަށް ވިދާޅުވި ގޮތުގައި އެ ފައިސާ ހޯދުމަށް އެތަކެއް ސިޓީތަކާއި ގިނަ ބޭފުޅުންނާ ބައްދަލުވުންތައް ވެސް ބޭއްވިއްޖެކަމަށާއި، ނަމަވެސް އެ މައްސަލައަށް އަދި މިހާތަނަށް އަލި މަގެއް ފެނިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ފައިސާ ހޯދުމަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އިއްޔެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުން އެ އެއްބަސްވުން ބާތިލުކުރާނަމަ، މިހާރު ދައްކަންޖެހޭ 29 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 40 ވަރަށް މިލިއަން އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭންޖެހޭނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ކޮންމެ ސަރުކާރެއް އޮތަސް ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމް ކުރަންޖެހޭނެ. އަޅުގަނޑު އުއްމީދުކުރަން މި މައްސަލަ ސީރިއަސްކޮށް ނަގައި، މިކަން ހައްލުކޮށްދޭނެކަމަށް،" މިއާ ވިދާޅުވެފައިވެ އެވެ.