ހަބަރު

އިގްތިސޯދު ބިނާ ކުރަން ވާނީ ކަނޑުތަކުގެ ދެމި އޮތުމަށް: ރައީސް

ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތަކުގެ ދެމިއޮތުމަށް ބާރުއަޅައިގެން އިގްތިސޯދު ބިނާ ކުރުމަކީ އެޅިފައިވާ ޒިންމާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެެއްޖެ އެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވީ އެމެރިކާގެ ނިއުޔޯކްގައި މިއަދު ކުރިއަށްދިޔަ "ބްލޫ ލީޑާސް ކޯލް ޓު އެކްޝަން އޮން އޯޝަން އެންޑް ކްލައިމެޓް ސަމިޓް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

އެ ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، އެކަމުން ރައްކާތެރި ވުމަށް ހަރުދަނާ ނިޒާމެއް ގާއިމް ކުރުމަކީ އެ މަނިކުފާނުގެ ސަރުކާރުގެ ހާއްސަ އަމާޒެއް ކަމަށެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، ރައްކާތެރިވުމާއި އޭގެ އަސަރުތަކުން އަރައިގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރަން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ވެސް އެ ބައްދަލުވުމުގެ ބައިވެރިންނާއި ރައީސް ހިއްސާކުރެއްވި އެވެ.

ރައިސް ސޯލިހު ވިދާޅުވީ، އިޔާދަކުރަނިވި އީޖާދުތައް ބޭނުންކުރުމަށް ބާރުއެޅުމާއި، ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ބާރުއަޅާ މިންގަނޑުތަކެއް ތަންފީޒު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރާއްޖޭގެ އިތުރު ދެ އަތޮޅެއް ޔުނެސްކޯ ބަޔޯސްފިޔަރ ރިޒަރވްގެ ގޮތުގައި ރައްކާތެރިކޮށްފައިވާ ތަންތަނުގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާކަމުގެ މައުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާއި ރައީސް ވަނީ ހިއްސާ ކުރައްވާފަ އެވެ.

މީގެ އިތުރުން ކަނޑުތަކުގެ ނާޒުކުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވެފައިވާ ނުރައްކަލާއި، ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުތަކުގެ ދިރުންތައް މަރުވެ، ފަރުތައް ހަލާކުވެ، ރާއްޖޭގެ ގުދުރަތީ ރީތިކަން ގެއްލެމުންދާކަމަށެވެ. އަދި، އެ މައްސަލަތައް ހައްލު ކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދިވަޑައިގެން ރައީސް ވަނީ، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

ކަނޑާއި ކަނޑުގެ ދިރުންތަކަކީ ރާއްޖެ ފަދަ ގައުމުތަކުގެ ދެމިއޮތުމާއި ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ އެއްޗެހިކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެ އަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ޤައުމު ކަމަށެވެ.