ދިވެހި މީޑިއާ

ފަސޭހަ އާއި އަޑަފީގެ މައްސަލަ ބަލަނީ

Sep 25, 2019

"ފަސޭހަ ޑޮޓްކޮމް" އާއި "އަޑަފި" އެޕުން ރާއްޖޭގެ ނޫސްތަކުގެ ލިޔުންތަކާއި ޚަބަރުތައް ނަގައި ރީ-ޕަބްލިޝްކޮށް އެކަމުން މަންފާ ހޯދަމުންދާ މައްސަލަ ބަލަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.

އެމްއެމްސީ އިން މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމެއްގަ އެވެ.

ފަސޭހަ ޑޮޓްކޮމް އަދި އަޑަފި އެޕުން ގެންދަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިނގާ އޮންލައިން ނޫސްތަކުގައި ލިޔަމުންދާ ޚަބަރުތަކާއި ރިޕޯޓްތަކާއި ފޮޓޯތައް ރީ-ޕަބްލިޝްކޮށް އެ ކޮންޓެންޓުގެ ތެރޭގައި އެކި ވިޔަފާރި ކުންފުނިތަކުގެ އިޝްތިހާރުތައް ޖަހައި މާލީ މަންފާ ހޯދަމުންދެ އެވެ.

އެ މައްސަލައާ ގުޅިގެން އެމްއެމްސީން މިފަދަ ނިންމުމެއް ނިންމާފައިވަނީ އޮންލައިން ނޫސްތައް ހިންގަމުންދާ ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.