އަބްދުﷲ ޝާހިދު

ގިނަ ގައުމުތަކެއްގެ ވެރިންނާ ޝާހިދު ބައްދަލު ކުރައްވައިފި

ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގެ ހަވާސާގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގިނަ ގައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާއި އެހެން ބައެއް އިސްވެރިންނާއި ބައްދަލުކުރައްވަމުން އެބަ ގެންދަވަ އެވެ.

އެގޮތުން އިއްޔެ އެމަނިކުފާނު ވަނީ ޖަރުމަންވިލާތުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސްއާއި، ފިޖީގެ ޚާރިޖީ އަދި ދިފާއީ ވަޒީރު އިނިއާ ސެރުއިރަތޫއާއި، އަޔަލެންޑްގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ސިއަރަން ކެނަންއާއި، މޯލްޓާގެ ޚާރިޖީ ވަޒީރު ކާމެލޯ އަބޭލާ އާއި، ބައްދަލުކުރައްވާފަ އެވެ.

އަދި އަންގާރަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާއި ބެހޭ އެންމެ އިސްވެރިޔާ ފެޑެރިކާ މޮގަރިނީއާއި، ނޯވޭގެ ޚާރިޖީ ވަޒީރު ޑަގް އިންގެ އުލްސްޓައިން އާއިވެސް ބައްދަލުކުރައްވާފަ އެވެ. މީގެ އިތުރުން ކޮމޮރޮސްގެ ރައީސް އަޒާލީ އުސްމާނީއާއި އެގައުމުގެ ޚާރިޖީ ވަޒީރު މުހައްމަދު އަލްއަމީން ސުއެފްއާއިވެސް މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވިއެވެ.

އަދި ބޫޓާންގެ ބޮޑުވަޒީރު ޑރ. ލޮޓޭ ޝެރިންގްއާއި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރު މެރީސް ޕެއިން، ސައޫދީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އާދިލް އަލް ޖުބެއިރް، ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ވިވިއަން ބާލަކްރިޝްނަން، އިންޑޮނީޝިއާގެ ނައިބު ރައީސް ޔޫސުފް ކައްލާ އަދި އެގައުމުގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއާއި މިނިސްޓަރު ޝާހިދު ވަނީ އާއްމު މަޖިލީހުގެ ހަވާސާގައި ބައްދަލުކުރައްވާފައެވެ.