ދިވެހި ސިނަމާ

ބަވަތި މިރޭ އައްޑޫގަައި، މާދަމާ ރޭ ދަރަވަންދުއަށް!

ޓީވީ ޕްރޮޑިއުސަރު އިލްޔާސް ވަހީދު (އިއްލެ) ގެ ފުރަތަމަ ފީޗާ ފިލްމު "ބަވަތި" އަތޮޅުތަކުގެ ތެރޭގައި ދައްކަމުންދާއިރު، މި ރެއާއި މާދަމާ ރޭ އައްޑޫގައި ދައްކަން ނިންމައިފި އެވެ.

އިއްލެ ބުނީ މިރެއާ މާދަމާ ރޭ އައްޑޫގެ މަރަދޫ ބޮޑަގޭގައި ފިލްމު ދައްކާނެ އެވެ. މިރޭ އައްޑޫގައި ދައްކަނީ ހައުސްފުލް ޝޯއެކެވެ. އަދި މާދަމާ ރޭގެ ޝޯގެ ގިނަ ޓިކެޓް ވެސް މިހާރު ވަނީ ވިކިފައެވެ.

މީގެ އިތުރުން މާދަމާ ރޭ ދަރަވަންދޫގައި ވެސް ބަވަތި އަޅުވާނެ އެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ވެސް އެ ރަށުގައި އެ ފިލްމު ދައްކާނެ އެވެ.. އަދި އުތުރުން ހއ. ގެ ތިން ރަށެއްގައި އަންނަ ހަފުތާގައި ފިލްމު އަޅުވަން ވެސް ނިންމާފައި ވެއެވެ. އުތުރުން ބަވަތި ގެންދާނީ ކެލާ އާއި އުތީމު އަދި ވަފަށަރަށެވެ.

ބަވަތި އޮލިމްޕަހުގައި އެޅުވީ މިމަހުގެ ދެވަނަ ދުވަހު އެވެ. ސައިކޮލޮޖިކަލް ތްރިލާ ޖޯންރާއަށް ހަދާފައިވާ މި ފިލްމު ފިލްމަށް ބޮޑު ތަރުހީބެއް ވެސް ލިބިފައި ވެއެވެ. އަދި ފިލްމީ ދާއިރާގެ ގިނަ ބައެއްގެ ތައުރީފު ވެސް ލިިބިފައި ވެއެވެ.

ފިލްމުގައި ހިމެނޭ ތަރިންގެ ތެރެއިން ނުޒޫ އާއި ދަރާ ރަޝީދު ފިޔަވައި ދެން ތިބީ މުޅިން ވެސް އާ ތަރިންނެވެ. ނަމަވެސް މިއީ ގިނަ އަދަދަކަށް އާ ތަރިން ބައިވެރިކޮށް އުފައްދާފައިވާ ފިލްމެއް ކަމުގެ އިހުސާސެއް ނުކުރެވެ އެވެ. އެކްޓަރުންގެ އެކްޓިން ރަނގަޅެވެ. ވަރަށް ގިނަ ބެލުންތެރިން ވަނީ ފިލްމުގައި ނުޒޫގެ އެކްޓިން މޮޅުކަން ފާހަގަކޮށް ތައުރީފު ކޮށްފައި ވެ އެވެ. އަދި އަލަށް ބޮޑު ފިލްމަކުން ފެނިގެންދިޔަ އިފްނާޒުގެ އެކްޓިންއަށް ވެސް ބެލުންތެރިން ތައުރީފު ކޮށްފައި ވެއެވެ.