އެމްޓީސީސީ

އެމްޓީސީސީން މެލޭޝިއާ ކުންފުންޏަކަށް ފައިސާ ނުދައްކާ މައްސަލައެއް!

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މެލޭޝިއާގެ ކުންފުންޏަކުން 195،000 ޑޮލަރަށް ވުރެ ގިނަ ފައިސާގެ ތަކެތި ގަތުމަށް ފަހު ފައިސާ ނުދައްކާ އަދި އެ ކުންފުންޏާއެކު މުއާމަލާތް ކުރުން ވެސް ހުއްޓާލާފައިވާ ކަން އެނގިއްޖެ އެވެ.

އެމްޓީސީސީ އިން ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ބޯނިއޯ ޝިޕް ބިލްޑިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ" އިން 500،000 ޑޮލަރުގެ ލޭންޑިން ކްރާފްޓާއި 60،000 ޑޮލަރުގެ ބާޖެއް ގަނެފަ އެވެ. އޭގެ ފަހުން އެ ދެ އުޅަނދުގެ ރިޕެއާ އާއި މެއިންޓެއިނަންސްއަށް ބޭނުންވާ 195،650 ޑޮލަރުގެ މުދާ ވެސް ފަހުން ފައިސާ ދައްކާ ގޮތަށް ކްރެޑިޓަށް ހޯދާފައިވެ އެވެ. ނަމަވެސް އޭގެ ފަހުން އެ ފައިސާ ހޯދަން މެލޭޝިއާ ކުންފުނިން އެމްޓީސީސީއާ މުއާމަލާތް ކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

"ފުރަތަމަ ކޯޓޭޝަން ނަގާފައި ޕާޗޭސް އޯޑަރު ފޮނުވައިގެން އެއްޗެހި ސަޕްލައި ކުރި. ޑެލިވަރީ ނޯޓުތަކާއި އެ ހުރިހާ އެއްޗެއް އެބަހުރި. އެ ސަޕްލައިކޮށް ނިމުމަށް ފަހު މިއަދާ ހަމަޔަށް އައިރު ވެސް އެމްޓީސީސީއަކުން ކޮމިއުނިކޭޓެއް ނުކުރޭ މި ކުންފުންޏާ. މުދާ އެމްޓީސީސީގެ އަތަށް އެރުމަށް ފަހު ބޯނިއޯއާ ގުޅުން ކެނޑިއްޖެ. އެއްވެސް ޖަވާބެއް ނުދޭ،" މެލޭޝިއާ ކުންފުނީގެ ފަަރާތުން އެ ފައިސާ ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ގެންދާ ދިވެހި އެޖެންޓު އަހުމަދު ނަސީރު އަވަސްއަށް ވިދާޅުވި އެވެ. -- ނަސީރަކީ އެމްޓީސީސީގެ ކުރީގެ ބޯޑު މެންބަރެއް އަދި އެ ކުންފުނީގެ ހިއްސާދާރެކެވެ. --

އޭނާ ވިދާޅުވީ އެމްޓީސީސީއާ އެއްވެސް ވަރަކަށް މުއާމަލާތް ނުކުރެވުމުން މި އަހަރު ޖުލައި މަހު ބޯނިއޯ ކުންފުނިން މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއަށް ގުޅައި މުއާމަލާ ކުރެވޭތޯ މަސައްކަތް ކުރި ކަމަށެވެ. އަދި މެލޭޝިއާގެ އެމްބަސީން އެމްޓީސީސީއާ ވާހަކަ ދެއްކުމުން "ބޯނިއޯއަށް ދޭން ޖެހޭ ފައިސާ ޖަމާ ކުރުމުގެ މަސައްކަތް ކުރަމުން ދާ" ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.

އެމްޓީސީސީން އެމްބަސީއަށް އެ ޖަވާބު ދީފައި ވަނީ މިދިޔަ ޖުުލައި މަހު 15 އިގަ އެވެ. އޭގެ ފަހުން ހަބަރެއް ނުވާ ކަމަށް ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލާގައި އެމްޓީސީސީގެ ޗީފް ފައިނޭންޝިއަލް އޮފިސާ މުހައްމަދު ހިލްމީއާވެސް ގުޅާފައިވާނެ ކަމަށައި ބޯނިއޯގެ މައްސަލަ "ޑިސްޕިއުޓެ"އްގައިވާ ކަމަށް ހިލްމީ ވިދާޅުވި ކަމަށެވެ. އަދި އެއަށް ފަހު ކުންފުނީގެ ސީއީއޯ ހަސަން ޝާހަށް ގުޅުމުން ފައިސާ ނުދެއްކިގެން ގުޅެނީ އެގްރީމަންޓެއް ހަދާފައި ނެތުމުން ކަމަށް ވިދާޅުވި ކަމަށެވެ.

"އަޅުގަނޑު ހިލްމީއަށް ދެންނެވިން ޑިސްޕިއުޓެއްގައި އުޅެންޏާ ވެސް ކުންފުންޏާ މުއާމަލާތްކޮށް އެ މައުލޫމާތުތައް އަންގާނެއޭ. ކޮމިއުނިކޭޓް ކުރެވެން ވާނޭ. އަދި ޝާހަށް އަޅުގަނޑު ދެންނެވިން ސަޕްލައި ބަލައިގަތުމުގެ ކުރިން އެގްރީމަންޓް ކުރަން ޖެހޭނީ އެމްޓީސީސީން ކަން. ހުރިހާ މުއާލަމާތައް ނިންމާފައި މި ހުރީ ލިޔުންތަކުގައި ސީއީއޯ ސޮއިކޮށްފައި. މިއަށް ވުރެ ބޮޑު އެގްރީމަންޓެއް އޮންނާނެތޯ؟" ނަސީރު ސުވާލު ކުރެއްވި އެވެ.

އެމްބަސީ މެދުވެރިކޮށް ދިޔައީމަ ބުނީ ޕޭމަންޓް ސެޓްލް ކުރަނީއޭ، ސީއެފްއޯ މި ބުނަނީ ޑިސްޕިއުޓްއެއް އެބައުޅެއޭ... ސީއީއޯ ވިދާޅުވަނީ އެގްރީމަންޓެއް ނެތޭ. ތިން އިރު ތިން ގޮތަށް ޖަވާބު ދީގެން ކުންފުންޏާ މުއާމަލާތް ވެސް ނުކޮށް ފައިސާތައް ހިފަހައްޓައިގެން ތިބެނީ،
އަހުމަދު ނަސީރު | ދިވެހި އެޖެންޓް

ނަސީރު ވިދާޅުވީ ފައިސާގެ މި މައްސަލަ މީޑިއާއަށް ތިލަ ކުރާނެ ކަމަށް ދެންނެވުމުން "އެއީ މާ ރަނގަޅު ގޮތެއް، އޭރުން ކުރީ ސަަރުކާރުން ހޭވި ހަޑި އެނގޭނެ،" އޭ ޝާހު ވިދާާޅުވި ކަމަށެވެ. އަދި ވިދާޅުވީ މިއީ ހިޔާނާތެއް އަދި ގޯސް މުއާމަލާތެއް ވެސް ނޫން ކަމަށާއި ރަނގަޅު މުއާމަލާތެއްކޮށްފައި ކުންފުނިން މިހާރު ޖަަވާބެއް ނުދީ އަދި ވާހަކަ ދެއްކުން ވެސް ހުއްޓާލީ ކަމަށެވެ.

އެމްޓީސީސީ އާއި ބޯނިއޯ ދެމެދު ބަދަލު ކޮށްފައިވާ އިންވޮއިސްތަކުގައިވާ ގޮތުން ފައިސާ ނުދައްކާ ދާ ކޮންމެ މަހަކަށް 1.5 ޕަސަންޓުގެ އިންޓްރަސްޓެއް އިތުރުވާނެ އެވެ. އަދި މި މަހުގެ 22 އާ ހަމަޔަށް 26،235 ޑޮލަރު އިންޓްރަސްޓުގެ ގޮތުގައި ވަނީ އަރާފަ އެވެ.

މި މައްސަލައާ ގުޅިގެން އަވަސް އިން ޝާހުއަށް ގުޅުމުން ވިދާޅުވީ ބޯނިއޯގެ މެއިލްތައް ލިބިފައި ހުރި ކަމަށާއި އެކަމާ ބެހޭ ގޮތުން ފަހުން މައުލޫމާތު އަރުވާނެ ކަމަށެވެ. އިތުރު ވާހަކަފުޅެއް ނުދެއްކެވި އެވެ.

އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސެއިނަށް ގުޅުމުން ވިދާޅުވީ މެއިންޓެނަންސް އާއި ރިޕެއާއަށް ބޭނުންވާ ސާމާނަށް އަރާފައިވާ ފައިސާގެ އެއްބައި ދައްކާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ބައެއް ޑިސްޕިއުޓްގައި އޮތް ކަމަށެވެ.

އެމްޓީސީސީން އެ ކުންފުންޏާ މުއާމަލާތް ނުކުރަނީ ކީއްވެތޯ ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ ދިވެހި އެޖެންޓް ނަސީރާއެކު މުއާމަލާތް ކުރާ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީން އެދުމުން އެ މައްސަލައާ ބެހޭ ލިޔުމެއް ވެސް ދީފައިވާނެ ކަމަށެވެ. އެމްބަސީއާ މުއާމަލާތް ކުރަން ޖެހުނީ ކީއްވެ ކަމާއި ސީދާ ކުންފުންޏާ ވާހަކަ ނުދައްކާ މައްސަލައަށް ޖަވާބެއް ނުދެއްވަ އެވެ.

މި މައްސަލަ ދިމާވެފައިވާ އިރު ސަރުކާރުން ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތް އެޅުމަށް ވެސް މެލޭޝިއާ ކުންފުންޏެއް ލައްވާ ބައެއް މަސައްކަތް ކުރުވުމަށް ފަހު ފައިސާ ނުދޭ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލާގައި މެލޭޝިއާގެ ކުންފުނިން ވަނީ ބަދަލު ހޯދަން ދިވެހި ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަން މައްސަލައެއް ހުށަހަޅާފަ އެވެ.