ދުނިޔޭގެ ޓޫރިޒަމް ދުވަސް މި އަހަރު ރާއްޖޭގައި ދަނީ ކުލަގަދަ ކޮށް ފާހަގަ ކުރަމުންނެވެ. އެ ހަރަކާތްތައް ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ދާއިރު މުޅި ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. އެ ކުންފުނިން ވަނީ މި ހަރަކާތުގައި ބައިވެރިވެ، ތަފާތު ކަންތައްތަކެއް ކުރެއެވެ. އެގޮތުން އިއްޔެ އެ ކުންފުނި ފެނިގެން ގޮސްފައިވަނީ ވަރަށް ދިވެހި ކޮށެވެ.
ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި އުރީދޫން ވަނީ ހަދިޔާ ބަހާފަ އެވެ. އެ ހަރަކާތް ކުރިއަށް ދިޔައިރު ކުންފުނީގެ މުވައްޒަފުން ތިބީ ދިވެހި ހެދުމުގަ އެވެ. އަދި އެ ކުންފުނީގެ އޮފީސްތައް ވެސް ހުރީ ދިވެހި ވަންތަ ފަރުމާއެއް ގެނެސް ޑިޒައިން ބަދަލުކޮށްފަ އެވެ.
ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ހަތް ހަރަކާތެއް ކުރިއަށް ގެންނަ ނިންމާފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ފްރީޑައިވް ވޯލްޑް ރެކޯޑު ހެދުމާއި ޖޮބް ފެއާއެއް ބޭއްވުމުގެ އިތުރުން ރ. އަނގޮޅިތީމުގެ ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ބިންގާ އެޅުމާއި ޓޫރިޒަމް އޯޕަން ޑޭ އަދި ކިޑްސް ފުޓްބޯލް ފިއެސްޓާއަކާއި ޓޫރިޒަމް ކޮންފަރެންސެއް އަދި ގާލާ ޑިނާއެއް ބޭއްވުމެވެ.