ދުނިޔެ

ސަލާމަތީ ފިޔަވަޅުތަކާއެކު އަފްޣާނުގެ ރިޔާސީ އިންތިހާބު ފަށައިފި

Sep 28, 2019

(ކާބުލް - ސެޕްޓެމްބަރު 28) ހަމަލާތައް ދޭނެކަމުގެ އިންޒާރުގެ ސަބަބުން ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާއެކު އަފްޣާނިސްތާނުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

ވޯޓުލާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް އެ ގައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ތަލިބާނުން އިންޒާރުދީފައިވާތީ، ސަލާމަތީ ކަންކަން ބަލަހައްޓަން އެތައް ހާސް ސިފައިންނެއް ދަނީ ހަރަކާތްތެރި ވަމުންނެވެ.

ދެ ފަހަރެއްގެ މަތިން ފަސް ކުރުމަށްފަހު، މިއަދު ހެނދުނު ވޯޓުލުން ފަށާފައިވަނީ އެމެރިކާ އިސްވެ ތަލިބާނާއެކު މަޝްވަރާ ކުރަމުން ދިޔަ ސުލްހައިގެ އެއްބަސްވުން ފެއިލްވެފައި ވަނިކޮށެވެ.

ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އަފްޣާނިސްތާނުގެ ރައީސް ކަމަށް 15 ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާވީ ނަމަވެސް، މި އިންތިހާބު ސިފަކޮށްފައި ވަނީ މިހާރުގެ ރައީސް އަޝްރަފް ޣަނީ އާއި ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ ގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ.

މިއަދު ހެނދުނު ވޯޓުލުން ފެށުމާއެކު، ވޯޓުލާ މަރުކަޒެއްގެ ކައިރީގައި ބާރުގަދަ ގޮވުމެއްގައި އެތަކެއް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި އިންތިހާބުގައި 9.5 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، އޭގެ ތެރޭގައި 3.3 މިލިއަން އަންހެނުން ހިމެނެ އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް 50 ޕަސަންޓަށް ވުރެ ގިނައިން ވޯޓު ނުލިބިއްޖެނަމަ، އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެންޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބާއްވާނެ އެވެ.

ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އޮކްޓޯބަރު 17 ގައި އިއުލާނު ކުރުމަށް ހަމަޖެހިފައިވާއިރު، ދާއިމީ ނަތީޖާ އިއުލާނު ކުރެވޭނީ ނޮވެމްބަރު 7 ގައި ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ލަފާކޮށްފަ އެވެ.