ރައްޔިތުންގެ މަޖިލިސް

ޓެރަރިޒަމްގެ ބިލް ހޯމަ ދުވަހު ފާސްކުރާނެ، މިހާރު އެއޮތީ އޮންނަންވާ ގޮތަށް: ޝަރީފު

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަންނަ ހޯމަ ދުވަހު ދައުރުން ބޭރުގައި ބާއްވާ ތިން ވަނަ މަޖިލީހުގެ ޖަލްސާގައި ފާސް ކުރަން ނިންމައިފި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ ތަޅުމުން ބަލައިގަނެ، ބިލު އިތުރަށް ދިރާސާ ކުރަން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. މިހާރު އެ ބިލްގެ މަސައްކަތް ނިންމާ، ކޮމެޓީގެ ރިޕޯޓް ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.

އަވަސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ބިލް ދިރާސާކުރި ކޮމެޓީގެ މުގައްރިރު އިބްރާހިމް ޝަރީފް ވިދާޅުވީ ބިލްގެ މަސައްކަތް މުޅިން ނިންމާ ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ކަމަށެވެ. އަދި މާދަމާ މެންދުރު 12:00 ގެ ނިޔަލަށް މެންބަރުންނަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުން ޗުއްޓީގައި ވަނިކޮށް ހުށައެޅި މި ބިލް ފާސް ކުރަން ދައުރުން ބޭރުގައި ދެ ޖަލްސާއެއް ބާއްވާފައިވާއިރު، އަންނަ ހޯމަ ދުވަހު އިތުރު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބި ވަޑައިގެންފައިވާ ކަމަށެވެ. އެ ޖަލްސާގައި ކޮމެޓީ ރިޕޯޓަށް މެންބަރުން ހުށައަޅާ އިސްލާހުތަކަށް ވޯޓަށް އެހުމަށްފަހު، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރުމާމެދު މެންބަރުންނަށް ފެންނަ ގޮތަކަށް ވޯޓަށް އަހަން ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

ގިނަ ބައެއްގެ ކަންބޮޑުވުންތައް އޮތް ބިލު ދިރާސާކޮށް ނިންމާ، ރިޕޯޓް އެކުލަވާލިއިރު އެ ކަންބޮޑުވުންތަކަށް ވަރަށް ބޮޑަށް ރިއާޔަތް ކޮށްފައިވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި ބިލަށް އާންމުންގެ ފަރާތުން ލިބުނު ޚިޔާލުތަކަށް ބަލައި ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކަންބޮޑުވުންތަކަށް ވަރަށް ބޮޑަށް އެޑްރެސްކުރެވިފައި ވާނީ. ހާއްސަކޮށް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި މާއްދާތަކަށް ބަދަލުވެސް ގެނެސްފައިވާނެ. އަޅުގަނޑު ދަންނަވާނީ މިހާރު ކޮމެޓީން މި ބިލް ނިންމާފައިވާނީ މިވަގުތަށް އެންމެ ރަނގަޅު ގޮތަށޭ. އަދި ގައުމާއި ރައްޔިތުންނަށް ވެސް އެންމެ ފައިދާހުރި ގޮތަށޭ." ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމުގެ ހާލަތު މިހާރު އޮތްގޮތުން މި ބިލް މިހާރުން މިހާރަށް ވެސް ފާސް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ކޮމެޓީ މަރުހަލާގެ ބައެއް ބައްދަލުވުންތައް ކުރިއަށް ގެންދެވުނީ ވެސް ސިއްރު ކޮށްގެން. އެއީ ވަރަށް ހައްސާސް މައުލޫމާތުތައް ހުރުމުން... އެހެންވީމަ ކޮމެޓީ މަރުހަލާގައި ދެކެވުނު ވަރަށް ގިނަ ވާހަކަތައް އެއީ މިވަގުތު ޕަބްލިކްގައި ދެއްކޭނެ ވާހަކަތަކެއް ނޫން، އެއަށްވުރެ މާ ސީރިއަސް ކަންތައްތައް އެއީ... އެކަން ކަމަށް ބަލާފައި އަޅުގަނޑު ދެކެނީ މިއީ ވަރަށް އަވަހަށް، ހަމަ މިހާރުން މިހާރަށް ވެސް ފާސް ކުރަންޖެހޭ ބިލެއް ކަމަށް،" ޝަރީފު ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ފުލުހުންނަށް ބާރު ދޭން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާ މާއްދާ ކޮމިޓީ މަރުހަލާގައި ވަނީ ބަދަލު ކޮށްފަ އެވެ. މިހާރު ބިލުގައި ވަނީ ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކު 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހޭނެ ކަމަށެވެ. އެ ނޫން މުހިންމު ބައެއް ބަދަލުތައް ވެސް ގެނެސްފައި ވެއެވެ.

ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ބިލުގައި އޮތް މާއްދާ ހަމަ އެ ގޮތަށް ބޭއްވުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

އާ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މިހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެ އެވެ.

ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތެއް ނުރައްކަލެއް ކުރިމަތި ކުރުމުގެ އިތުރުން އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުމާއި އާންމު އަސާސީ ހިދުމަތެއް ގަސްދުގައި މެދުކަނޑާލުން ވެސް ހިމެނެ އެވެ. އަދި ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް އުފެއްދުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމަކީ ވެސް ޓެރަރިޒަމް ކުށެކެވެ.

ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން ކަމަށް ބިލުގައިވެ އެވެ.