ވިޔަފާރި

ގޭމް އިން ގެސްޓްހައުސް ރަށްރަށަށް އެވޯޑު ދީފި

Sep 29, 2019

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކޮށް، ރަށު ޓޫރިޒަމް ތަރައްގީ ކޮށްފައިވާ ރަށްރަށަށް ހާއްސަ އެވޯޑެއް ދީފި އެވެ.

މިއީ ގެސްޓްހައުސް ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާއިން މިގޮތަށް އެވޯޑެއް ދިން ފުރަތަމަ ފަހަރެވެ. މި އެވޯޑު ދީފައިވަނީ ގެސްޓްހައުސް ނުވަތަ ރަށު ޓޫރިޒަމް ތަރައްގީވެފައިވާ ރަށްރަށަށް އެކަންޏެވެ. ހުޅުމާލޭގައި ރޭ ބޭއްވި ހަފުލާއެއްގައި މި އެވޯޑުތައް ހަވާލުކޮށް ދެއްވީ ހުޅުމާލެ ދާއިރާގެ މެންބަރު ހުސެއިން ނިޔާޒާއި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އާއި އެމްއެމްޕީއާރުސީގެ ޑިރެކްޓަރު ފާތުމަތު ރާހިލް އެވެ.

ގޭމުން ބުނެފައިވާ ގޮތުގައި އެވޯޑު ދިނުމުގައި ބަލާފައިވާނީ ޓްރިޕް އެޑްވައިޒާއިން ދީފައިވާ ރޭންކިން އަށެވެ. އަދި އަންނަ އަހަރު މި އެވޯޑުގައި އާއްމުންގެ ހިޔާލަށް ވެސް ހުޅުވާލާނެ އެވެ.

އެވޯޑު ލިބުނު ރަށްތައް

  • ލީޑިން ފެމެލީ ހޮލިޑޭ އައިލެންޑް: ކ. ތުލުސްދޫ
  • ލީޑިން އިކޯ އައިލެންޑް: ބ. މާޅޮސް
  • ލީޑިން ޑައިވިން އެންޑް ވޯޓާ ސްޕޯޓްސް އެޑްވެންޗާ އައިލެންޑް: އއ. ރަސްދޫ
  • ލީޑިން ބިޒްނަސް އައިލެންޑް: އއ. އުކުޅަސް
  • ލީޑިން ފިޝިން އައިލެންޑް: ވ. ކެޔޮދޫ
  • ލީޑިން ކަނެކްޓިވިޓީ އައިލެންޑް: ކ. މާފުށި
  • ލީޑިން ބީޗް އައިލެންޑް: ހުޅުމާލެ
  • ލީޑިން އޮތެންޓިކް ނޭޗާ އައިލެންޑް: ބ. ފެހެންދޫ
  • ލީޑިން ފުޑް އެންޑް ބެވަރޭޖް އައިލެންޑް: އއ. ތޮއްޑޫ

ގޭމް އާއި އެޗްޑީސީ ގުޅިގެން ހުޅުމާލެ ރުއްގަނޑު ސަރަހައްދުގައި އިއްޔެ 18 ހަރަކާތެއް ހިންގާފައިވެ އެވެ. އޭގެ ތެރޭގައި މޫދު ކުޅިވަރާއި ޑައިވިން އަދި ކެއުމުގެ ބައެއް ބާވަތްތަކުގެ ރަހަ ދެއްކުން ހިމެނެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ގެސްޓްހައުސް ތަކުން މިހާރު މުހިންމު ދައުރެއް އަދާކުރެ އެވެ. ޓޫރިޒަމް ތަފާސް ހިސާބު ތައްކާ ގޮތުގައި ރާއްޖޭގެ 546 ގެސްޓް ހައުސްއެއްގައި 8,989 އެނދު އެބަހުއްޓެވެ. ގެސްޓްހައުސް ތަކުން ގްރީން ޓެކުހުގެ ގޮތުގައި ޖުލައި މަހު 1.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ.