ހަބަރު

މެލޭގައި އަލުން ދިވެހި ލައިސަންސާއެކު ދުއްވޭ ގޮތް ހަދަނީ

Sep 29, 2019
3

ދިިވެހިން އާއްމުކޮށް ދަތުރު ކުރާ މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސެންސް ބޭނުން ކޮށްގެން ދުއްވޭގޮތަށް އެ ގައުމާއެކު އެއްބަސްވުމެއްގައި ސޮއި ކުރަން މަޝްވަރާކޮށްފި އެވެ.

ސިންގަޕޫރުގެ އިތުރުން މެލޭޝިއާއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާއި ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރާނެ މިއުޗުއަލް ރެކޮގްނިޝަން އެގްރީމެންޓެއްގައި ދެ ގައުމުގެ ދެމެދުގައި ސޮއި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ރާއްޖެ ވެސް ހިމެނޭ ގޮތުން އެހެން ގައުމުތަކުން ދޫކުރާ ލައިސަންސް ބޭނުން ކޮށްގެން ދުއްވުން މެލޭޝިއާގައި ވަގުތީ ގޮތުން މަނާކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ.

މެލޭޝިއާގެ ޓްރާންޕޯޓް މިނިސްޓިރީން އެގޮތަށް އަމަލު ކުރަން ފެށީ އުސޫލުތައް ހަރުދަނާ ކުރުމުގެ ގޮތުންނެވެ.

މެލޭޝިއާގައި ގިނަ އަދަދެއްގެ ދިވެހިން އުޅެމުންދާތީ އެކަމަށް ހައްލު ހޯދަން އެގައުމުގެ ކަމާބެހޭ ވުޒާރާތަކާއެކު މަޝްވަރާ ކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ބަދަލުގެ ކުރިން މެލޭޝިއާގައި ދިވެހި ލައިލަންސް ބޭނުން ކޮށްގެން އެއްގަމު އުޅަނދު ދުއްވެނީ ދިވެހި ލައިސަންސާއެކު އެމްބަސީން ދޫކުރާ ލިޔުމެއް އޮވެގެންނެވެ.

އާ އުސޫލުގެ ދަށުން މެލޭޝިޔާގެ ޓްރާންސްޕޯޓް އޮތޯރިޓީއިން ބޭރުގެ ގައުމެއްގެ ލައިސަންސެއްގެ ގޮތުގައި ހަމައެކަނި ބަލައި ގަންނާނީ، އެ ގައުމުމާ އަވަށްޓެރި ސިންގަޕޫރުގައި ދޫކުރާ ލައިސަންސް އެކަންޏެވެ.