ދުނިޔެ

އަފްޣާން އިންތިހާބު: ހަމަލާދޭތީ ވޯޓުލާން ނުކުންނަ މީހުން މަދު

ކާބުލް (ސެޕްޓެމްބަރު 29) - ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކާއެކު އަފްޣާނިސްތާނުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ކުރިއަށްދާއިރު، ވޯޓުލާ މައުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާތީ، ވޯޓުލާން ނުކުތް މީހުންގެ އަދަދު ދަށް ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ވޯޓުލާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް އެ ގައުމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ތަލިބާނުން އިންޒާރުދީފައިވާތީ، ސަލާމަތީ ކަންކަން ބަލަހައްޓަން އެތައް ހާސް ސިފައިންނެއް ދަނީ ހަރަކާތްތެރި ވަމުންނެވެ.

ނަމަވެސް، ވޯޓުލާ މަރުކަޒުތަކަށް އަމާޒުކޮށް މިހާރުވެސް ހަމަލާތައް ދީފައިވާއިރު، އެ ހަމަލާތަކުގައި ހަތަރު މީހުން މަރުވެ، 80 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ދެ ފަހަރެއްގެ މަތިން ފަސް ކުރުމަށްފަހު، އިއްޔެ ހެނދުނު ވޯޓުލުން ފަށާފައިވަނީ އެމެރިކާ އިސްވެ ތަލިބާނާއެކު މަޝްވަރާ ކުރަމުން ދިޔަ ސުލްހައިގެ އެއްބަސްވުން ފެއިލްވެފައި ވަނިކޮށެވެ.

ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ އަފްޣާނިސްތާނުގެ ރައީސް ކަމަށް 15 ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާވީ ނަމަވެސް، މި އިންތިހާބު ސިފަކޮށްފައި ވަނީ މިހާރުގެ ރައީސް އަޝްރަފް ޣަނީ އާއި ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ ގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ.

މި އިންތިހާބުގައި 9.5 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، އޭގެ ތެރޭގައި 3.3 މިލިއަން އަންހެނުން ހިމެނެ އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް 50 ޕަސަންޓަށް ވުރެ ގިނައިން ވޯޓު ނުލިބިއްޖެނަމަ، އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެންޑޭޓެއްގެ މެދުގައި ދެވަނަ ބުރެއް ބާއްވާނެ އެވެ.

ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އޮކްޓޯބަރު 17 ގައި އިއުލާނު ކުރުމަށް ހަމަޖެހިފައިވާއިރު، ދާއިމީ ނަތީޖާ އިއުލާނު ކުރެވޭނީ ނޮވެމްބަރު 7 ގައި ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ލަފާކޮށްފަ އެވެ.