އެސްއެމްއީ ބޭންކް

އެސްއެމްއީ ބޭންކުން 120 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

Sep 30, 2019

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ލޯނު ދޫކުރަން އުފެއްދި، އެސްއެމްއީ ފައިނޭންސިން އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 120 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރާއްޖެ ޓީވީގައި ރޭ ވިދާޅުވީ މިހާތަނަށް އެސްޑީއެފްސީ އިން 120 މިލިއަން ރުފިޔާގެ ލޯނު ދޫކޮށް، ކޮންޓްރެކްޓް ކޮށްފައިވާ ކަމަށެވެ. އެ ލޯނަށް ގިނަ ފަރާތްތަކުން އެދެމުންދާތީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އިތުރު ފަރާތްތަކެއް ލޯނު ދޫކުރަން ވިސްނާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު އުއްމީދު ކުރަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އަހަރަކު 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރުން ކަމަށެވެ.

މީގެ ކުރިން ވަނީ އެސްއެމްއީ ބޭންކްއަށް މިހާތަނަށް އެއް ބިލިއަން ރުފިޔާގެ ލޯނު އެޕްލިކޭޝަން ލިބިފައިވާ ކަމަށް ބުނެފަ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޭން އެސްޑީއެފްސީގެ ނަމުގައި ބޭންކެއް އުފައްދާފައި ވަނީ މި އަހަރު އެވެ. އެ ބޭންކުން ވަނީ ތަފާތު ގިނަ ލޯނުތަކެއް ތައާރަފު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ "ހަރުމުދާ" އާއި "ދަނޑުވެރި ނަފާ" އަދި " ވިޔަފާރި އެހީ" ގެ އިތުރުން "ރަށު ފަތުރެ" ވެ.

ބޭންކް އުފައްފާދައިވަނީ ދިވެހި ސަރުކާރުގެ 85 ޕަސެންޓް ހިއްސާ އާއި ކައުންސިލްތަކުގެ 15 ޕަސެންޓް ހިއްސާ އޮވެގެނެވެ. ބޭންކުގެ ލޯނުތަކުގައި އަމިއްލަ އަތުން ހަރަދު ކުރަން ޖެހޭ އަދަދު "އިކްއިޓީ ރިކުއައިމަންޓް" އުޅެނީ 15 ޕަސެންޓާއި 20 ޕަސެންޓުގަ އެވެ. އަދި ލޯނުތަކުގެ އިންޓްރެސްޓް އުޅެނީ ހަ ޕަސެންޓާއި 9.5 ޕަސެންޓާ ދެމެދުގަ އެވެ. އަދި މި ލޯނު ނަގަން ގެ ފަދަ ތަންތަން ރަހުނު ކުރެވެ އެވެ. ލޯނު ދެނީ 75،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.