ވިޔަފާރި

ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމާ ބެހޭ އުސޫލެއް ކަނޑައަޅައިފި

Sep 30, 2019

ދައުލަތުން ލޯނު ދިނުމާއި އޮންލެންޑް ކުރުމާބެހޭ އުސޫލެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅައި، އަމަލު ކުރަން ފަށައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުން ލޯނު ދޫކުރުމާއި އޮންލެންޑް ކުރުމާބެހޭ އުސޫލެއް ކަނޑައެޅީ ހަމަހަމަ ކަމާއި ދެފުށް ފެންނަ ހަރުދަނާ އުސޫލެއްގެ ދަށުން ލޯނު ދޫކުރުމާއި ތިން ވަނަ ފަރާތަކަށް ފަންޑު ދިނުން ނުވަތަ އޮންލެންޑް ކުރުން ކުރިއަށް ގެންދާށެވެ.

މިނިސްޓްރީގެ މި އުސޫލުގައިވާ ގޮތުން، އަމިއްލަ ފަރުދުންނަށް އޮންލެންޑެއް ނުކުރެވޭނެ އެވެ. އަދި ލޯނެއްވެސް ދުލެއް ނުކުރެވޭނެ އެވެ. ހަމައެކަނި ދޫކުރެވޭނީ ދައުލަތުގެ ބޭނުމަށެވެ.

ދައުލަތުގެ ބޭނުންތައް ކަމަށް ބަލާނީ، މުޖުމަތަމަަށް މަންފާއެއް ކުރުމާއި އެކަމަކީ ސަރުކާރަކަށްވުމުން އަދާކުރަން ޖެހޭ މަސްހޫލިއްޔަތުތަކާ ސީދާ ގުޅުން ހުރި ކަމަށަށްވުމާއި އެކަމެއް ކުރުމުގެ މައިގަނޑު ސަބަބަކީ ވަކި ފަރުދެއްގެ މަސްލަހަތު ހިމާޔަތް ކޮށްދިނުން ކަމުގައި ނުވުމެވެ. އިތުރަށް އެ ކަމަކީ އާއްމު ސިއްހަތާއި ރައްޔިތުންގެ ރައްކާތެރިކަމާއި އަމަން އަމާންކަމާއި ގައުމުގެ ކުރިއެރުމާއި ގައުމުގެ ފުދުންތެރިކަމުން ކަމެއް ހާސިލްވުމަށް މަގު ފަހިކޮށްދޭ ކަމެއް ކަމަށް ވުން ވެސް ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ލޯނު ދޫކުރާ އަދަދު ކަނޑައަޅާނީ ލޯނަށް އެދި ހުށަހަޅާ ފަރާތުގައި ސަރުކާރުގެ ހިއްސާ ނުވަތަ މަސްލަހަތު އޮތް މިންވަރަކާއި ކްރެޑިޓް ރިސްކާއި ލޯނު ނަގައިގެން ހިންގާ މަޝްރޫއުގެ ފީޒިބިލިޓީއަށް ބެލުމަށްފަހު އެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން ލޯނު ނަގަން ހުށަޅަން ޖެހެނީ ފިނޭންސް މިނިސްޓްރަށެވެ. ނަމަވެސް ލޯނު ދޫކުރާނީ ރައީސުލް ޖުމްހޫރިއްޔާ ހުއްދަ ދިނުމުންނެވެ.

ފިނޭންސް މިނިސްޓްރީގެ މި އުސޫލުގައި ލޯނު މައާފުކޮށްދެވޭނެ ގޮތް ތަކެއް ވެސް ބުނެފައިވެ އެވެ. ލޯނު މައާފުކޮށްދެވޭނީ ފިނޭންސް މިނިސްޓަރުގެ ލަފަޔާއެކު ރައީސުލް ޖުމްހޫރިއްޔާ އަށެވެ. ނަމަވެސް މައާފުކޮށްދޭ ލޯނުގެ ތަފުސީލު އެއް މަސް ދުވަހުގެ ތެރޭގައި ރައްޔިތުން މަޖިލީހު މާލިއްޔަތު ކޮމެޓީއަށް ހިއްސާ ކުރަން ޖެހެ އެވެ.