ބޭރު ކުޅިވަރު

މި ސީޒަނަށް ފަހު ޖެރާޑް ލިވަޕޫލާ ދުރަށް

މި ސީޒަނަށް ފަހު ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް އެ ކްލަބް ދޫކޮށްލާނެކަން ޔަގީންވެއްޖެ އެވެ.

ލިވަޕޫލްއާއެކު ޖެރާޑް މިހާރު ހަދައިފައިވާ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. ޖެރާޑަށް އެމެރިކާގެ ބައެއް ކްލަބުތަކުން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.

އުމުރުން ނުވަ އަހަރުގައި ލިވަޕޫލްގެ އެކެޑަމީއާ ގުޅުނު ޖެރާޑް ލިވަޕޫލްގެ ސީނިއާ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ 1998 ވަނަ އަހަރު އެވެ. ލިވަޕޫލްގެ ކެޕްޓަންކަމާ ޖެރާޑް ހަވާލުވީ 2003 ވަނަ އަހަރެވެ. ޖެރާޑްގެ ކެޕްޓަންކަމުގެ ދަށުން ލިވަޕޫލް އިން ވަނީ 205 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން ލިވަޕޫލްއާއެކު ޖެރާޑް ވަނީ އެފްއޭ ކަޕް ދެ ފަހަރު، ލީގު ކަޕް ތިން ފަހަރު އަދި ޔުއޭފާ ކަޕް ކާމިޔާބުކޮށްފަ އެވެ.

އިންގްލެންޑްގެ ގައުމީ ޓީމަށް 2000 ވަނަ އަހަރުން ފެށިގެން ޖެރާޑް ވަނީ 114 މެޗު ކުޅެފަ އެވެ. ޖެރާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ މި އަހަރު އޮތް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން އިންގްލެންޑް ކެޓުމުންނެވެ.

ލިވަޕޫލް އިން އާ ކޮންޓުރެކްޓެއް ހުށަނާޅައިފި ނަމަ އެހެން ކްލަބަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ޖެރާޑް ވަނީ އޮކްޓޯބަރު މަހު މީޑީއާގައި ބުނެފަ އެވެ. ލިވަޕޫލް އިން ޖެރާޑަށް އާ ކޮންޓުރެކްޓެއް ހުށަހަޅާފައިވާ ކަމަށް ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް މި މި މަހުގެ އެއްވަނަ ދުވަހު ބުންޏެވެ. އަދި ޖެރާޑް އާއި އޭނައާދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ރޮޖާސް ދޮގުކުރި އެވެ.

ޖެރާޑްގެ ފިޓްނަސް އަށް ވިސްނާފައި، ޖެރާޑަށް ބައެއް މެޗުތަކުގައި ރެސްޓް ދޭނެ ކަމަށް ރޮޖާށް ވަނީ ބުނެފަ އެވެ. ލީގުގައި ރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ފުރިހަމަ 90 މިނިޓު ޖެރާޑް ކުޅުނެވެ. -- ބީބީސީ