ވިޔަފާރި

މަތިވެރި ބޮޑު ގެސްޓްހައުސް 50 އަހަރަށް ޖާބިރަށް

Sep 30, 2019
3

އއ. މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސްއެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ޓޫރިޒަމް މިނިސްޓްރީން ބައި ގަރުނަށް ކުއްޔަށް ދީފި އެވެ.

މަތިވެރީގައި ހަދާފައިވާ 50 ކޮޓަރީގެ އެ ގެސްޓްހައުސް ހަދާފައިވަނީ ކައުންސިލުން ދޫކޮށްފައިވާ ބިމެއްގަ އެވެ. ކައުންސިލުން ދޫކޮށްފައިވަނީ 21،000 އަކަފޫޓާއި 25،000 އަކަފޫޓުގެ ބިމެއްގަ އެވެ.

މި ގެސްޓްހައުސް އަމިއްލަ ކުންފުންޏަށް ދޫކޮށް ހުޅުވާފައިވަނީ ކާސާ މިއާ މޯލްޑިވްސްގެ ނަމުގަ އެވެ. ނަމަވެސް ގެސްޓްހައުސްގެ ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހި ގެސްޓްހައުސް ހިންގުން އޮތީ ހުއްޓިފަ އެވެ. އެހެންވެ ގެސްޓްހައުސް ވަނީ ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސް އަށް ވިއްކާލާފަ އެވެ. ނަމަވެސް އެ ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިނުކޮށް އޮތީ ހިފަހައްޓާފަ އެވެ.

ސްކޫލް ކުދިންނަށް ޓޫރިޒަމް މިނިސްޓްރީ ހުޅުވާލައި، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މަތިވެރި ގެސްޓް ހައުސްގެ މައްސަލައިގައި ދިމާވި ކަންކަން ޑިސްޕިއުޓް މަރުހަލާގައި ހައްލުކޮށް، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ ލަފާއާއެކު ގެސްޓް ހައުސްއާ މެދު ގޮތެއް ނިންމާފައިވާ ކަމަށެވެ.

"ބުރާސްފަތި ދުވަހު ބަނޑާރަ ނައިބުގެ ލަފާ ދެއްވީ. އަޅުގަނޑުމެން މި ފޮލޯ ކުރަނީ ޕްރޮސީޖާސް. އަޅުގަނޑަށް އަމަލު ކުރެވޭނީ ގާނޫނާ އެއްގޮތަށް،" އަލީ ވިދާޅުވި އެވެ.

މަތިވެރި ކައުންސިލުގެ ގެސްޓްހައުސް ޖާބިރުއާއެކު އެއްބަސްވުމުގައި ސޮއި ކުރިއިރު މީގެ ކުރިންވަނީ އެތަނުގައި އަލިފާން ވެސް ރޯކޮށްލާފަ އެވެ. އެ އަލިފާނުގެ ހާދިސާއާ ބެހޭ ގޮތުން ޖާބިރު ވިދާޅުވެފައިވަނީ ގެސްޓް ހައުސްގައި ރޯކޮށްލާފައި ވަނީ ގަސްތުގައި ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.