ފިނިޕޭޖް

އޭކަންގެ އާދަޔާހިލާފު ކެރިއަރު: އޭކަން އަކީ މުސްލިމެއްތަ؟

Jan 2, 2015
3

ދީނީ އިލްމުވެރިން ރުއްސަން އޭނާ އިސްލާމްވީކީއެއް ނޫނެވެ. އޭކަން ބުނާ ގޮތުން އޭނާ އަކީ އެންމެކުރިން ވެސް، އަބަދުވެސް މުސްލިމެކެވެ. ވަރަށް ވެސް ދީނީ މީހެއް ކަމަށް އޭނާ ބުނެ އެވެ.

އާންމުކޮށް މި އުޅޭ މިއުޒީޝަނުން އުޅޭހެން އުޅޭ މީހެއް ވެސް ނޫނެވެ. ފަތެއް ނުބޮ އެވެ. ރަލެއް ވެސް ނުބޮ އެވެ. އޭކަން ބުނަނީ މިހެންނެވެ. ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރާ ކަމަށެވެ.

އޭނާގެ ތިން އަނބިންގެ ވާހަކަ އަކީ ވެސް ނިކަން މަޝްހޫރު ވާހަކަ އެކެވެ. އޭނާ ބުނަނީ ތިން އަނބިން ވެސް ގެންގުޅެނީ ދީނުގައި ހުއްދަ ކަމަކަށް ވާތީ ދީނީ ހަމަތަކުގެމަތިން ކަމަށެވެ.

އެހެންވީމަ އަންނަ ހަފުތާގައި، ގަލޮޅު ދަނޑުގައި ޕާފޯމްކުރުމަށް ހަމަޖެހިފައިވާ މި އާދަޔާހިލާފު ފަންނާނުގެ ކެރިއަރަށް ބަލާލަމާ ހިނގާށެވެ.

އޭކަން އަކީ ސެނެގާލްގެ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ފަންނާނެކެވެ. އޭނާގެ އަސްލު ނަމަކީ އަލީއައޫން ދަމާލާ ތިއާމް އެވެ. އެކަމަކު އޭނާގެ ސެނެގާލް ދަރިކޮޅުގެ އާއިލާ އަށް ނިސްބަތްކޮށް ދީފައިވާ ފުރިހަމަ އަދި މިއަށް ވުރެ ވެސް ދިގެވެ.

ސެނެގާލްގެ އާއިލާއަކަށް ނިސްބަތްވިޔަސް އޭކަންގެ އުފަން ގައުމަކީ އެމެރިކާ އެވެ. އެމެރިކާގެ ސެއިޓް ލުއިސް ސިޓީ އަކީ އޭނާގެ އުފަން ރަށެވެ. ނަމަވެސް އުމުރުން ހަތް އަހަރު ވަންދެން މަންމަ އާއި ބައްޕައާ އެކު ދިރިއުޅުނީ ސެނެގާލްގަ އެވެ.

އެއަށް ފަހު އަނެއްކާވެސް އެމެރިކާ އަށް އެނބުރި ދިޔައީ އޭނާގެ މަންމަ އާއި ބައްޕަގެ ދިރިއުޅުން އެ ދިމާލަށް މިސްރާބު ޖެހުމުންނެވެ. އޭކަންގެ ބައްޕަ އާއި މަންމަ އަކީ ވެސް މިއުޒިކްގެ ތެރޭގައި ހަރަކާތްތެރިވާ ދެ ފަންނާނުންނެވެ. މަންމަ އަކީ ޑާންސަރެކެވެ. ބައްޕަ އަކީ ޖެޒް މިއުޒީޝަނެކެވެ.

އެހެންވީމަ އޭކަން އަށް ލިބިފައިވާ ހުނަރުވެރިކަމުގެ ހުރިހާ ވެސް ޝުކުރެއް އޭނާގެ މައިންބަފައިންނަކަށް ނޫން ހެއްޔެވެ؟

ކޮންމެއަކަސް އޭނާ ބުނާ ގޮތުން އޭނާ އަށް އޭނާގެ މި ހުނަރުވެރިކަން ޑިސްކަވާކުރެވުނީ 98ގެ ފަހުކޮޅު ޖަލުގައި ހޭދަކުރި ތިން އަހަރުގެ ޖަލު ހުކުމެއްގެ ތެރެއިންނެވެ. ބައެއް މީހުން ބުނާ ގޮތުން މިއީ މަޝްހޫރުކަން ހޯދުމަށް އޭކަން ދައްކާ މޮޅު ވާހަކަ އެކެވެ.

އިންޓަވިއުތަކުގައި އޭކަން ބުނެފައިވާއިވާ ގޮތުން މިއުޒިކްގެ ދުނިޔެ އަށް ވަނުމުގެ ކުރިން ކުށުގެ ރިކޯޑްތައް ގިނަ މީހެކެވެ.

ކޮންމެއަކަސް އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ ހިޕްހޮޕް ލޭބަލް އަޕްފްރޮންޓްގެ ވެރިޔާ ޑްވޭއިން ސްޓެފިންސްއާ ބައްދަލުވި ހިސާބުންނެވެ. އޭނާ އަށް އޭކަން ތައާރަފްކޮށްދިނީ، އޭކަންއާ އެކު މަޝްހޫރުވި ރެޕާ، ލިލް ޒޭން އެވެ.

މިއުޒިކް ދުނިޔޭގެ ނުފޫޒުގަދަ ފަރާތްތަކުގެ ސަމާލުކަން އޭކަން އަށް ލިބިގެން ދިޔައީ ސްޓެފިންސްގެ ބެލުމުގެ ދަށުން ރިކޯޑްކުރި ލަވަތަކަކާ ގުޅިގެންނެވެ. އޭގެ ތެރެއިން އެއް ލަވަ އަކީ، ފަހުން ނެރުނު އޭނާގެ އަލަތު އަލްބަމް "ޓްރަބްލް" ގެ ސިންގަލްއެއްގެ ގޮތުގައި ނެރެގެން ބޮޑު މަޝްހޫރުކަމެއް ހޯދި "ލޯންލީ" އެވެ.

"ލޯންލީ" އާއި "ލޮކްޑް އަޕް" އަދި "ބެލީ ޑާންސާ" ފަދަ މަޝްހޫރު ލަވަތަކާ އެކު އޭނާގެ ފުރަތަމަ އަލްބަމް "ލޮކްޑްއަޕް" ނެރުނީ 2004 ވަނަ އަހަރު އެވެ.

އޭނާގެ ދެ ވަނަ އަލްބަމަކީ 2006 ވަނަ އަހަރު ނެރުނު "ކޮންވިކްޓެޑް" އެވެ. މި އަލްބަމް ނެރުނުއިރު އޭނާ ވަނީ ފުރަތަމަ އަލްބަމާ އެކު ލިބުނު ކާމިޔާބީގެ ތެރެއިން އަމިއްލަ ލޭބަލެއް ވެސް ތައާރަފްކޮށް މިއުޒިކް އުފައްދަން ފަށައިފަ އެވެ. އޭނާގެ މިއުޒިކް ލޭބަލަކީ "ކޮން ލައިވް ޑިސްޓްރިބިއުޝަން" އެވެ.

އޭކަންގެ ދެ ވަނަ އަލްބަމްވީ ފުރަތަމަ އަލްބަމަށް ވުރެ ވެސް ބޮޑު ހިޓަކަށެވެ. އޭގެ ފުރަތަމަ ހަފުތާގައި ދެ ލައްކަ އަށް ވުރެ ގިނަ އަލްބަމް ވިކުނުއިރު ހަ ހަފުތާ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ އަލްބަމް ވިއްކާފައިވެ އެވެ.

މި އަލްބަމަކީ މަޝްހޫރު ރެޕް ފަންނާނުން ކަމުގައިވާ އެމިނެމް އާއި ސްނޫޕް ޑޯގް ފަދަ އާޓިސްޓުންނާ އެކު ވެސް އޭކަން ލަވަތަކެއް ރިކޯޑްކޮށްފައިވާ އަލްބަމެކެވެ. އެގޮތުން އެމިނެމްއާ އެކު ރިކޯޑްކޮށް އަލްބަމްގެ ފުރަތަމަ ސިންގަލްގެ ގޮތުގައި އާންމުކުރި "ސްމެކް ދެޓް" އަކީ އެ އަހަރުގެ ވެސް އެންމެ ބޮޑު ހިޓެވެ.

"ފްރީޑޮމް" އަކީ އޭނާގެ ތިން ވަނަ އަލްބަމެވެ. މިއީ ވެސް އޭނާގެ ކެރިއަރަށް އިތުރުވި ކާމިޔާބީގެ ބޮޅެކެވެ.

މި ހިސާބަށް އައިއިރު އޭކަން ވަނީ މިއުޒިކް ދުނިޔޭގެ އެންމެ މަޝްހޫރު ނަންތަކުގެ ތެރެއިން ޖާގަ ހޯދައިފަ އެވެ. އަދި ކާމިޔާބު ޕްރޮޑިއުސަރެއްގެ ދަރަޖަ ވެސް ހޯދައިފަ އެވެ.

އޭނާގެ ރިކޯޑް ލޭބަލް މެދުވެރިކޮށް މިއުޒިކްގެ ދުނިޔެ އަށް ނުކުތް އެންމެ މަޝްހޫރު ނަމަކީ އިތުރު ތައާރަފަކަށް މިހާރު ބޭނުން ނުވާ ލޭޑީ ގާގާ އެވެ. ބްރިޓްނީ ސްޕިއާސް ފަދަ ލަވަކިޔުންތެރިންނަށް ލަވަލިޔެދޭން އުޅުނު ލޭޑީ ގާގާ އަށް ލަވަކިޔުމުގެ ފުރުސަތު ހޯދައިދިން މީހަކީ އޭކަން އެވެ.