ބޮލީވުޑް

"ގަންގޫބާއީ"ގެ ބަތަލަކީ ކާރްތިކް އާރްޔަންތަ؟

ސަލްމާން ޚާނާއި އާލިއާ ބަޓް އެކުގައި ކުޅެން އިއުލާންކުރި ސަންޖޭ ލީލާ ބާންސާލީގެ "އިންޝާﷲ" ހުއްޓިފައިވާކަން އެނގުނީއްސުރެ އެ ދެ ތަރިންގެ ފޭނުން ތިބީ ވަރަށް މާޔޫސްވެފަ އެވެ. ނަމަވެސް އާލިއާ ލައްވާ ފިލްމެއް ނުކުޅުވާ ދޫކޮށްލަން ބާންސާލީ ބޭނުން ނުވާތީ އޭނާއާއެކު މުޅިން އެހެން ފިލްމެއް ފަށަން ތައްޔާރުވާ ކަމުގެ ޚަބަރުން އާލިއާގެ ސަޕޯޓަރުންގެ މޫނުތަކަށް ހިނިތުންވުން ގެނުވި އެވެ.

ކުރިން ޕްރިޔަންކާ ޗޯޕްޅާއަށް ބާންސާލީ ދޭން ނިންމާފައި އޮތް ފިލްމު "ގަންގޫބާއީ" މިހާރު އާލިއާ އާއެކު ފަށަން ތައްޔަރުވަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. ދާދިފަހުން ބާންސާލީގެ އޮފީހަށް އާލިއާ ވަންނަތަން ފެނިގެން މި ވާހަކަތައް އިތުރަށް ހޫނުވެފައި ވަނިކޮށް "ސޯނޫ ކީ ޓީޓު ކީ ސްވީޓީ" ގެ ބަތަލު ކާރްތިކް އާރްޔަން ވެސް ބާންސާލީ އޮފީހުން ނުކުންނަނިކޮށް ވަނީ ފެނިފަ އެވެ. އެހެންވެ "ގަންގޫބާއީ" ގެ ބަތަލުގެ ރޯލު ކާރްތިކް އަށް ދީފި ކަމުގެ ޚަބަރުތައް މިހާރު ވަނީ ގަދަވެފަ އެވެ.

ނަމަވެސް ރަސްމީކޮށް މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.
"ގަންގޫބާއީ" ބިނާ ކޮށްފައި ވަނީ ހުސެއިން ޒައިދީ ލިޔުނު ވާހަކައެއް ކަމަށްވާ "މާފިއާ ކުއީންސް އޮފް މުމްބައި"ގެ ޗެޕްޓަރުތަކެއްގެ މައްޗަށެވެ.

މި ފިލްމަށް އާލިއާ އާއި ކާރްތިކް ހަމަޖެހިއްޖެނަމަ މިއީ މި ޖޯޑު އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރަށް ވާނެ އެވެ.

އާލިއާ މިހާރު ޝޫޓްކުރަމުންދަނީ އޭނާގެ ބައްޕަ އުފައްދާ "ސަޅަކް 2" ގައެވެ. މިއީ ވަރަށް ކުރިން ސަންޖޭ ދަތާއި ޕޫޖާ ބަޓް އާއެކު މަހޭޝް އުފެއްދި "ސަޅަކް"ގެ ސީކުއަލް އެކެވެ. މިފަހަރުގެ ފިލްމުން ވެސް ސަންޖޭ ދަތާއި ޕޫޖާ ތަންކޮޅެއް ދުވަސްވީ ކެރެކްޓާތަކަކުން ފެނުނާނެ އެވެ. ފިލްމުގެ ބަތަލަކީ އަދިތުޔާ ރޯއި ކަޕޫރެވެ.