ވިޔަފާރި

ޓޫރިޒަމް އިޝްތިހާރު ކުރަން ފްރާންސްގައި ހަރަކާތްތަކެއް

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރަން އެމްއެމްޕީއާރްސީ އިން ފްރާންސްގައި ހަރަކާތް ތަކެއް ފަށައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން ފްރާންސްގެ ޕެރިހުގައި ކުރި އަށް ދާ އައިއެފްޓީއެމް ޓޮޕް ރޭސާ ފެއާގައި ވަނީ ބައިވެރިވެފަ އެވެ. މި ފެއާގެ އިތުރުން އިތުރުން ފްރާންސްގައި ރޯޑް ޝޯ އެއް ކުރިއަށްގެންދިޔުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ފްރާންސްގައި ޓޮޕް ރޭސާ ފެއާ ކުރިއަށްދާނީ މިމަހުގެ އެކަކުން ހަތަރެއްގެ ނިޔަލަށެވެ. މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 20 ކުންފުންޏަކުން ބައިވެރިވާއިރު ފެއާގެ ބައިވެރިން ފްރާންސް މާކެޓުގެ ޕްރޮފެޝަނަލް ފަރާތްތަކާ ބައްދަލުކޮށް ރާއްޖެ އިސްތިހާރު ކުރަން މަޝްވަރާ ކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.

ރޯޑް ޝޯއެއް ވެސް ބާއްވާނެ

އެމްއެމްޕީއާރުސީ އިން ބާއްވާ "ޖާނީ ޓު ދަ ސަނީ ސައިޑް" ރޯޑް ޝޯ ބާއްވަނީ މި މަހުގެ ހަތަކުން 10 އަށް ފްރާންސްގެ ނީސް، ތޫލޫސް އަދި ޕެރިސްގަަ އެވެ. މި ރޯޑް ޝޯގައި ޓޫރިޒަމް ދާއިރާގެ 11 ފަރާތަކުން ބައިވެރިވާއިރު ފްރާންސްގެ ފަތުރުވެރިން ރާއްޖެ އަށް ގެނެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރެވި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެެރިވާ ފަރާތްތަކުގެ ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެ އެވެ.

ފްރާންސް އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރާ އެއް ގައުމެވެ. އެ ގައުމުން 2018 ވަނަ އަހަރު 50،476 ފްރާންސް ފަތުރުވެރިން ރާއްޖެ އައެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 45،649 ފަތުރުވެރިން ރާއްޖެ އައެވެ. މިދިޔަ އަހަަރާ އަޅާ ބަލާއިރު 40 އިންސައްތައިގެ ކުރިއެރުމެކެވެ. ޕްރާސްން އަކީ ހަަތް ވަނަ އަށް ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމެވެ.