ރާއްޖޭ ސަރުކާރުން މެލޭޝިއާގެ ކުންފުނިތަކަށް ބުލީ ކޮށް، ގޯނާ ކުރަމުންދާތީ، އެކަމާއި މެދު ފިޔަވަޅު އަޅައި، މެލޭޝިއާގެ ކުންފުނިތަށް ރާއްޖެ ކިބައިން ސަލާމަތްކުރަން ޖެހިފައިވާ ކަމަަށް މެލޭޝިއާގެ ކުރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑަޓުކް ރީޒަލް މެރިކަން ވިދާޅުވެއްޖެ އެވެ.
ރީޒަލް ވިދާޅުވީ، މެލޭޝިއާގެ ކުންފުނިތަކަށް ބޭރު ގައުމުތަކުން ބުލީ ކުރުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމަކަށް ނުވުމުން މެލޭޝިއާގެ ސަރުކާރުން ރާއްޖެއިން ކުރަމުންދާ ބުލީތަކާ މެދު މިހާރަށް ވުރެ ފުންކޮށް ވިސްނައި ސީރިއަސްވާން ޖެހޭނެ ކަމަށެވެ.
"މެލޭޝިއާގެ ސަރުކާރުން މެލޭޝިއާގެ ވިޔަފާރިތަށް ރައްކާކޮށް ދިފާއު ކުރަން ޖެހޭނެ، ހާއްސަކޮށް ދިވެހި ސަރުކާރުގެ ކިބައިންނާއި ދިވެހި ސަރުކާރުގެ ކުންފުނިތަކުގެ ކިބައިން، ރާއްޖޭ ކުންފުނިތަކާމެދު ފިޔަވަޅު އަޅަން ޖެހޭ" ރީޒަލް ވިދާޅުވި އެވެ.
މެލޭޝިއާގެ ކުންފުނިތަށް ބައިނަލްއަގްވާމީ މައިދާނުގައި ދިމާވާ ކަންކަމަށް މެލޭޝިއާ ސަރުކާރުން އެހީނުވާނަމަ އެކަމުގެ ގެއްލުން ލިބޭނީ ސަރުކާރަށް ކަމަށްވެސް ރީޒަލް ވިދާޅުވި އެވެ. ރީޒަލް ވިދާޅުވީ، ރާއްޖެއަކީ މެލޭޝިއާ ވަރަށް ގާތް އަވައްޓެރި ގައުމަކަށްވުމުން، ދިމާވާ މައްސަލަތަށް ވާހަކަ ދައްކައިގެން ފަސޭހަ ކަމާއެކު ހައްލު ކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ސަބަބުން މެލޭޝިއާގެ ވިޔަފާރިތަކަށް ނުރައްކާވާ ކަމަށް ރީޒަލް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފިނޭސް މިނިސްޓްރީގެ އާ އިމާރާތެއް ހުޅުމާލޭގައި އެޅުމަށް ހަވާލުކުރި މެލޭޝިއާ ކުންފުނިން ވަނީ އެމަސައްކަރް ކުރިއަށް ގެންދަން މި ސަރުކާރުން އެއްބާރުލުން ނުދޭތީ 30 މިލިއަން (462 މިލިއަން ރުފިޔާ) ޑޮލަރު ހޯދަން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފަ އެވެ
އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅި ކުންފުނިން ބުނެފައިވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފިނޭސް މިނިސްޓްރީގެ އާ އިމާރަތް ނާޅަން ނިންމައިފިނަމަ އިތުރު 462 މިލިއަން ރުފިޔާ ޖުމްލަ 60 މިލިއަން ޑޮލަރު އިތުރަށް ހޯދަން އާބިޓްރޭޝަނަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.
ސަރުކާރުން މިހާރު ދަނީ މެލޭޝިއާގެ ކުންފުންޏާއެކު މަޝްވަރާތަށް ކުރަން ތައްޔާރު ވަމުންނެވެ.