ހަބަރު

އަގު ދީގެން ބުޅާ މަަރަން އުނގޫފާރު ކައުންސިލުން ފަށައިފި

Oct 2, 2019
7

ރ. އަތޮޅު އުނގޫފާރުގައި ބުޅަލުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާ ކަމަށް ބުނެ އަގު ދީގެން ބުޅާ މަރަން ކައުންސިލުން ނިންމައިފި އެވެ.

އުނގޫފާރު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބުޅަލުގެ ސަބަބުން ގޭގޭގެ ފުރާޅުން ފެން ނެގުމަށާއި މީހުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ލިބެމުުންދާތީ ބުޅާ މަދު ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބުޅަލުގެ އުނދަގޫ ކުޑަ ކުރުމަށްޓަކާ ބުޅާ ހިފުމަށް ފަހު ކައުންސިލާއި ހަވާލު ކުރުމުން ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެކަމާ ބެހޭ ގޮތުން އަވަސް އިން ސުވާލު ކުރުމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއް ނާސިރު އަލީ ވިދާޅުވީ ބުޅާ ކައުންސިލާ ހަވާލު ކުރަން ޖެހޭނީ މަރާލުމަށް ފަހުގައި ކަމަށާއި އެއަށް ފަހު އެ ނައްތާލުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށެވެ.

"މިހާރު ރަށު ރައްޔިތުންނަށް އުޅެވޭ ވަރެއް ނޫން ބުޅަލަކާ ހެދި. އެހެންވެ ބުޅާ ގެންގުޅެން ބޭނުންވާ މީހުން ގެންގުޅެން ޖެހޭނީ ގޭތެރޭގައި އެ އެއްޗެހި ބަންދުކޮށްގެން،" އޭނާ ވިދާޅުވި އެވެ.

އިއުލާނުގައިވާ ގޮތުން މަރާލާފައިވާ ބުޅާ ބަލައިގަންނާނީ ހެނދުނު 8:30 އިން މެންދުރު 11:00 އަކަށެވެ. އަދި އަންނަ މަހުގެ ނިޔަލަަށް އެކަން ކުރިޔަށް ދާނެ އެވެ.