ވިޔަފާރި

އުރީދޫން ގެސްޓްހައުސް ދާއިރާއަށް ހާއްސަ ހިދުމަތްތަކެއް

Oct 2, 2019

ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، ހާއްސަ ހިދުމަތްތަކެއް ގެސްޓްހައުސްތަކަށް ދޭން، އުރީދޫއާއި ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އާ ދެމެދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ޙާން އެވެ. އަދި ގޭމްގެ ރައީސް އަހުމަދު ކަރަމް އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކެއްގެ ވެރިން ވެސް ބައިވެރިވި އެވެ.

ގޭމްގެ ރައީސް ކަރަމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން، އުރީދޫ އިން ޓޫރިޒަމް ދާއިރާއަށްދޭ ބައެއް ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.

"ޕާޓްނަޝިޕަކީ ވަރަށް ގިނަ އެހީތެރިކަން ދެ ފަރާތަށް ވެސް ލިބިދެވޭ މާނަވީ އެއްބަސްވުމެއް. ގެސްޓްހައުސް ދާއިރާ ގަބޫލު ކުރާ ގޮތުން އޮންލައިން ޓްރެވަލް އޮޕަރޭޓާސް އަދި ޖުމްލަކޮށް ޑިޖިޓަލް އޭޖް އަށް އުފަންވުން އެއީ މި އިންޑަސްޓްރީ އެހާ ބާރު މިނެއްގައި ކުރިއަށްދިއުމުގެ އެއް އަސްލު،" ކަރަމް ވިދާޅުވި އެވެ.

އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބް ވިދާޅުވީ ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ދިނުމުގައި ބައިވެރިވުމަކީ، އަޅުގަނޑުމެން އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި ރާއްޖޭގެ ގެސްޓްހައުސް ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ގޭމް އާއި ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައިވާ ކަމަށެވެ.

"ޒަމާނީ ފަތުރުވެރިން ބޭނުންވާ ފަދަ ފަސޭހަ ތަޖުރިބާތަކެއް ފޯރުކޮށްދެވެނީ ޓެކްނޮލޮޖީގެ އެހީގައި. މިގޮތުން، ގޭމް އާއި އެކު އަޅުގަނޑުމެން މަސައްކަތް ކުރާނީ، ގެސްޓްހައުސްތަކަށް އެންމެ އެކަށޭނެ އަދި ބޭނުންވާ ޑިޖިޓަލް ހިދުމަތްތަކާއި ގުޅުވާލަދީ، ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، ގެސްޓްހައުސް ވިޔަފާރި އައު ހަރުފަތަކާއި ހަމަ އަށް ގެންގޮސްދިނުމަށް،" ނަޖީބު ވިދާޅުވި އެވެ.