ހަބަރު

ބުޅާ މަރަން ނެރުނު ގަރާރު ހޫނުވުމުން ބާތިލްކޮށްފި

Oct 2, 2019
2

ރ. އުނގޫފާރުގައި ބުޅަލުގެ އުނދަގޫ ބޮޑުވެއްޖެ ކަމަށް ބުނެ ބުޅާ މަރާ މީހުންނަށް ފައިސާ އިނާމް ދިނުމަށް އެ ރަށު ކައުންސިލުން ފާސްކުރި ގަރާރަށް ފާޑުކިޔުން އަމާޒުވުމުން އެ ބާތިލުކޮށްފި އެވެ.

ގަރާރު ބާތިލުކޮށްފައި ވަނީ މިރޭ އެ ކައުންސިލުން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ. ގަރާރު ބާތިލުކުރި ސަބަބެއް ކަމަށް ކައުންސިލުން ބުނީ ބުޅާ މެރުމާމެދު ރައީސް އޮފީހާއި މިނިސްޓްރީތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންދާތީ ކަމަށެވެ.

އުނގޫފާރު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބުޅަލުގެ އުނދަގޫ ކުޑަ ކުރުމަށްޓަކާ ބުޅާ ހިފުމަށް ފަހު ކައުންސިލާއި ހަވާލު ކުރުމުން ކޮންމެ ތިން ބުޅަލަކަށް 100 ރުފިޔާ ދޭން ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެތައް ބައިވަރު ބުޅަލެއް މެރުމަށް ކައުންސިލުން އިއުލާން ކުރުމާއެކު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ކައުންސިލަށް ފާޑުކިޔުން އަމާޒުވި އެވެ. އެ މައްސަލަ ހޫނުވުމާއެކު ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި މެންބަރުން ވެސް އެކަމާ ނުރުހުން ފާޅު ކުރެއްވި އެވެ.

މިކަމަކީ ގާނޫނުލްއުގޫބާތަށް ބަލާއިރު ވެސް ކުށެކެވެ. ޖަނަވާރުންނަށް އަނިޔާ ކުރުމަކީ ގާނޫނުލްއުގޫބާތުގައި ކުށެކެވެ. އުގޫބާތުގެ 625 ވަނަ މާއްދާގައިވާ ގޮތުން އަނިިޔާވެރިކަމާއެކު ޖަނަވާރަކަށް އަނިޔާކޮށްފި ނަމަ އެއީ ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށަކަށް އެއް މަހާއި ހަ މަހުގެ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.