ހަބަރު

އެއާޕޯޓްގައި މުޒާހަރާކުރި މައްސަލަ ސުޕްރީމް ކޯޓަށް

Oct 2, 2019
1

އެއާޕޯޓުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮލުމަށް އަޑުއުފުލައި، މުޒާހަރާކޮށްފައިވާތީ ކަމަށް ބުނެ، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން ކުށްވެރިކޮށް، ތިން މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށް، ތިން އަހަރު ދުވަހުގެ މުއްދަތަށް ހުކުމް ތަންފީޒުނުކޮށް ފަސްކުރުމަށް، ކްރިނަލް ކޯޓުން، 2016 ވަނަ އަހަރު ހުކުމްކުރި މައްސަލަ، މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅައިފި އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔާ ސިފާ މުހައްމަދު ހިމެނިވަޑައިގައްނަވާގޮތަށް އަންހެނުންގެ ރޫހުގެ 14 އަންހެން ބޭފުޅަކާއި ގައުމީ މަޖިލިސް މެމްބަރު، ވިލިމާލޭ ދާއިރާގެ ރައީސް އިބްރާހިމް މަނިކުގެ މައްޗަށް ހުކުމްކޮށްފައިވާ މި މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީޕް ކޯޓަށް ހުށަހެޅުއްވީ، އޭގެ ތެރެއިން އެކަކުކަމުގައިވާ ސ.ހުޅުދޫ/ ކަޅުމަގިގޭ މަރްޔަމް ޒުބައިރު (މަންދީ) އެވެ.

މަރްޔަމް ޒުބައިރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީގައި، މި މައްސަލަ ހައި ކޯޓުން 2017 ގައި، ދައުލަތާ އެއްކޮޅަށް ނިންމުމުން، ސުޕްރީމް ކޯޓަށް، 60 ދުވަހުގެ ތެރޭގައި އޭރު އިސްތިއުނާފު ނުކުރެވުނީ، މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ވަކީލެއް އައްޔަނުކުރުމުގެ މާލީ ތަނަވަސްކަން މަރްޔަޔް ޒުބައިރު ކިބައިގައި، އޭރު ނެތުމުން ކަމަށާއި، މަރްޔަމް ޒުބައިރުގެ ފަރާތުން ހައިކޯޓަށް ދިޔަ ވަކީލުގެ އަތުގައި ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ސަނަދު އޭރު ނެތުމުންކަމަށާއި، އަދި 2017 ގައި ސިޔާސީ މަސްރަހު އޮތްގޮތުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްގެން ކުރިއެރުމެއް ލިބޭނެކަމަށް އޭރު ނުފެނުމުންކަމުގައި ބަޔާންކޮށްފައިވެއެވެ.

މިގޮތުން، މި މައްސަލަ އިސްތިއުނާފުކުރެވޭނެ އެހެނިހެން ހުރިހާ ދޮރުތައް މިހާރު ބަންދުވެފައިވާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޓެރަރިޒަމް މައްސަލައާއި، މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ޓެރަރިޒަމް މައްސަލަ، ސުޕްރީމް ކޯޓުން ބަލައިގަތް ފަދައިން، މި މައްސަލަވެސް ބަލައިގަތުމަށް މަރްޔަމް ޒުބައިރު އެދިވަޑައިގެންފައިވެއެވެ.

އިސްތިއުނާފުކުރާ ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ، ހުކުމްކުރި އިރުވެސް މި މައްސަލައިގެ ދައުވާ ސާފު ނުވާކަމަށާއި، “އެއްވުމުގެ ގާނޫނާ” ހިލާފުވެގެން، ދައުލަތުން ދައުވާ ކުރީ، މި 15 ބޭފުޅުން “މުޒާހަރާ ކޮށްފައިވާތީ” ކަމަށެވެ. ނަމަވެސް މުޒާހަރާ ކުރުމަކީ ގާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައި އޮތް ކަމެއް ނޫން ކަމަށެވެ. އަދި މި ބޭފުޅުން އެއާޕޯޓުގައި އެއްވުމެއް އެއްވިތަންވިއަސް ނުވަތަ މުޒާހަރާއެއް ކުރިތަންވިއަސް ކަނޑައެޅިގެން ފެނުނު ދެ ހެކިން ދައުލަތަށް ދެއްކިފައިނުވާއިރު، މި މައްސަލަ ގާޒީ ނިންމަވާފައިވަނީ މި ބޭފުޅުން އެދުވަހު އެއާޕޯޓަށް ވަޑައިގެންފައިވާތީ، ކުށްވެރިވީކަމުގައި ބަލާފައިކަމަށެވެ.