ވާހަކަ

ވާހަކަ: ޑިޝްއެންޓަނާ އަކާއި ހާރަކާއި ޕާޓޭއެއް

އިޝާ ނަމާދުން ގެއަށް އައިގޮތަށް ލަތީފު ގޮސް އިށީނީ ކާ މޭޒު ދޮށުގަ އެވެ.

"ރޭގަނޑަށް މުގު ރިހަ ނުހަދާށޭ މަގޭ ލެޔަށާއި ފުރާނަ އަށް މިއެއް ރަނގަޅެއް ނޫނޭ ބުނެބުނެ ވެސް މި ނޫން އެހެން އެއްޗެއް ކައްކައިދޭކަށް ނޭނގުނު ދޯ ކަލެއަކަށް،" މޭޒު މައްޗަށް އަރުވާފައި ހުރި މުގުރިހައިގެ ބޯތަށްޓަށް ބަލަހައްޓައިގެން އިނދެފައި ގޭގެ ކައްކާ މީހާއާ ދިމާލަށް ލަތީފުގެ މޫނު ކުނިކޮށްލި އެވެ.

ގޭގައި ކުރަން ޖެހުނު ހުރިހާ ކަމެއް ކުރުމަށް ގެނެސްފައި ހުންނަ އިންޑިއާގެ އަންހެން މީހާ އަށް ލަތީފު ބުނި އެއްޗެއް ފަހުމެއް ނުވި ކަހަލަ އެވެ. ގޭގައި ކުރިން ގެންގުޅުނު އިންޑިއާ މީހާ އަށް ކައްކަން ނޭނގެޔޭ ކިޔާފައި ހެއްދެވި ނެހެއްދެވި އަށް ގޮވައި އެ މީހާ ފޮނުވާލާފައި މާދުރީއެކޭ ކިޔުނު މި އަންހެނަކު މީގެ ދެ ތިން ހަފުތާއެއްހާ ދުވަސް ކުރިން ގެއަށް ގެނައީ މާމޮޅަށް ކައްކާ މީހެކޭ ބުނެ ގާތް މީހަކު ދިން ލަފައެއް އަޑުއަހައިގެންނެވެ.

ނަމަވެސް ހަރާމެވެ.

"ހައްދަވައިގެން ކުރަން އެނގޭ ހަމަ އެއް ކަމެއް ވެސް ނެތީއޭ މި މާދުރީއަކަށް."

ކޮންމެއަކަސް މިހެން ހިތަށް އަރައި، އަދި ފަހުން ރަނގަޅުވެދާނެޔޭ ހިތަށް އަރުވައިގެން މުގުރިހައިގެ ބޯތަށީގެ ތެރެއަށް ލަތީފު ބޮޑު ސަމުސަލެއް ކޮށްޕާލައިގެން ބަތްތަށްޓަށް ރިހަ އަޅަން ފަށައިފި އެވެ.

ކައި ނިންމާލާފައި ވައިލަމުން ގޮސް ލަތީފު ދެން ވަނީ އޭނާގެ ކޮޓަރި އަށެވެ. ލައިގެން ހުރި ދިގު ރޮނގު ދެމި ގަމީސް ބާލައިގެން ގޮސް އަލަމާރީގެ ކޮނޑެއްގައި އެޅުވުމަށް ފަހު ދެން ގޮސް އިށީނީ ގޭގެ ސިޓިންރޫމުގައި ހުރި ސޯފާގަ އެވެ.

"އިސްހާގު ބޭ ގާތު ސޯފާއެއް ހަދައިދޭށޭ ބުނީމަ މި އޮތީ މައްކާ އަށް ދިޔަ މީހަކު ލައްވައި ހަރުހިލަގަނޑެއް ވިއްޔަ ގެނެސްދީފައި. މިއަށް ވުރެ ރަނގަޅުވީސް ބާލީހަކަށް ވެލިއަޅައި އޭގެ ތުންބަނދެގެން އެއަށް އަރައި އޮތަސް،" ޓީވީގެ ރިމޯޓް ނަގައިގެން ގޮސް ސޯފާގައި އިށީނދެ ފަސޭހަގޮތަކަށް ހަމަޖެހިލެވެން ދެން ލަތީފު ކޮށްލީ މި ޝަކުވާ އެކެވެ.

ފަނަރަހާސް އެތައް ރުފިޔާއެއް ދީފައި އިސްހާގު ބޭ ލައްވައި އޭނާ މި ސޯފާއެއް ޖެއްސީ ރެއިންބޯއަކާއި ސަންފުރޮންޓަކުން ވިއްކާ ސޯފާތަކަށް ވުރެ މާ އަރާމު އަދި މާ ހިތްގައިމު ސޯފާއެއް ޖަހައިދޭނެ ކަމަށް ޚުދު އިސްހާގު ބޭ އަމިއްލަ އަށް ބުނެ ފޮނިކެނޑީމަ އެވެ.

"މި ސޯފާ ނުލާހިކު މޮޅުވާނެ ލަތީފު ބޭ. މިއީ އަތުގައި ހުރި އަގުބޮޑު މުދަލެއް ވިއްޔާ އެއެއް ވެސް ރައްކާކުރެވޭ ގޮތަށް ފަރުމާކޮށްލާފައި ހުރި ސޯފާއެކޭ. މީތި ހުޅުވާލެވޭނެ ހަމަ ފޮށިގަނޑެއް ހުޅުވާލާ ގޮތަށް. ދެން އޭގެ ތެރެއަށް އެއްޗެހި އަޅައި ލައްޕާލަންވީ. ދެން އެވީ އިށީންނަން ތައްޔާރު ސޯފާއަކަށް،" އިސްހާބު ބޭ ގެ މި ސޯފާއެއްގެ މޮޅު ވާހަކަ ލަތީފަށް އެ ދުވަހު ކިޔައި ދިނީ މިހެންނެވެ.

އެއީ ހަމަ ތެދެކެވެ. އިސްހާގު ބޭ އަމިއްލަ އަށް ޑިޒައިންކޮށްފައިވާ މި ސޯފާ އަކީ ހަމަ އަސްލަށް ވެސް ތިޖޫރީއަކަށް ދޫނުކުރާ ވަރުގެ މޮޅު އުފެއްދުމެކެވެ. ފަހަރެއްގައި ހިލަގަނޑަކަށް ވުރެ ހަރުކޮށް އަދި ތިޖުރީއަކަށް ވުރެ ވަރުގަދަކޮށް މި ސޯފާއެއް އޭނާ އުފައްދާފައި ވަނީ ވެސް މި ސަބަބާ ހެދި އެވެ.

ކޮންމެއަކަސް މި ސޯފާއެއްގައި އޮށޯވެ ހަމަޖެހިލުމަށް ފަހު ޓީވީ ޖެއްސުމަށް ލަތީފު ރިމޯޓްގެ ފިތަކަށް އޮއްބައިލި އެވެ. އާންމުކޮށް އެންމެ ފިތުމަކުން ޖައްސާލެވޭ ޓީވީ ނުޖެއްސުމުން ރިމޯޓާ ދިމާލަށް ލޯކުނާކޮށްލާފައި އަނެއްކާވެސް އޭގެ ރަނގަޅު ފިތަށް އޮބައިލި އެވެ. 

ދެން ވެސް ޓީވީ ޖެއްސޭ ގޮތެއް ނުވި އެވެ.

"އެހައި އުނދަގުލުން ހަމަޖެހިލެވުނު ސޯފާގަނޑުން އަނެއްކާ ތެދުވަން ޖެހުނީތާއެވެ."

މިހެން ހިތަށް އަރައި އަރައިގަތް ރުޅިގަނޑާއެކު ސޯފާ އިން ފުންމައިގެން ގޮސް ބަލައިލިއިރު ޓީވީގެ ކަރަންޓް ވާގަނޑު ހުރީ އުފުރާލައިފަ އެވެ. ޑީކޯޑަރެއް ވެސް ނެތެވެ. ދެން ފެނުނީ ބިރެއް ފެނިގެން މީހަކު ދުއްވައިގަންނަ ފަދަ ގޮތަށް ލަތީފު ދުވެފައި ގޮސް ގެއިން ބޭރަށް ނުކުތް މަންޒަރެވެ.

ބޭރަށް ގޮސް ބަލަހައްޓައިގެން ހުރެވުނީ ގޭގެ ފުރާޅާ ދިމާލަށެވެ.

"އައްޗިބޭ އަންނަނީ. އައްޗިބޭ އޭތި ގެންދަނީ. ބުނަނީ އޭތި ސާވިސް ބޭނުންވަނީ،" ފުރާޅާ ދިމާލަށް ބެލި ގޮތަށް އާގަމަވެ، އިސްހާގު ބޭގެ ސޯފާ އަށް ވުރެ ހަރު ހިލަގަނޑަށް ބަދަލުވެފައި ހުރި ލަތީފުއާ ދިމާލަށް ދޮރުން ބޯ ދިއްކޮށްލާފައި މާދުރީ ބުނީ މިހެންނެވެ.

"ބަލަ މަ މުގުރިހަ ނުކައްކަހަށޭ ބުނީމަ މަ އެ ބުނަނީ ކީކޭ ކަމެއް ކަލެއަކަށް ނޭނގޭ. އެކަމަކު އައްޗިބޭ އައިސް ގޭގައި ހުރި ޑިޝް އެންޓަނާ އަށް ސާވިސް ބޭނުންވެޔޭ ކިޔާފައި އޭތި ހިފައިގެންދާއިރު ކަލެއަށް އެބައެނގޭ އޭނަ ކިޔާއެއްޗެއް."

އިންޑިއާ އިން ގެނައި އަންހެން މީހާގެ އަޑު ގޮސް ކަންފަތުގައި ޖެހުމުން ލަތީފުގެ ހިތަށް އެރީ މިހެންނެވެ. އައްޗިބޭ އައިސް ޑިޝް އެންޓަނާ ވަގަށް ގެންދިއުމަށް ވުރެ ވެސް ލަތީފަށް މުހިންމުވީ އޭނާގެ ކައްކާގެ ކިބައިގައި ހުރި މަކަރުވެރިކަމެވެ.

ފަހަރެއްގައި އައްޗިބޭ އެ ކުރި ކަންތައް ލަތީފަށް މާ ބޮޑު ކަމަކަށް ނުވީ އައްޗިބޭގެ ތުރާލާ ކުރިމަތިލާން ޖެހި އެކަމަށް އާދަވެފައިވީމަ ކަމަށް ވެސް ވެދާނެ އެވެ. އެހެންޏާފަހެ އައްޗިބޭ އަކީ ކާކުކަން ނޭނގޭ މީހަކު އަދި އޭނާގެ މުސީބާތާ ކުރިމަތިލާން ނުޖެހޭ މީހަކު މުޅި ހިސާބުގަނޑުގައި ވެސް ނޫޅޭނެ އެވެ.

*** *** ***

"އަނެއްކާވެސް ޖަލުން ދޫކޮށްލީމާ ޖަލަށް ދާނެ އާ ގޮތެއް ނޭނގިގެންދޯ ތިޔަ އުޅެނީ،" ހުކުރުން ފައިބައިގެން ގޭގެ ފިރިހެންވެރިންތައް ގެއަށް އަންނާނޭ އިރަކަށް ފަރީޝާ ތައްޔާރުކޮށްފައި ހުރި އެކި ވައްތަރުތަކުގެ ކާ އެއްޗެހިތަކުން ރަހަތައް ބަލައި ކާތަށްޓަށް ފަހަރަކު ވައްތަރަކުން އަޅަމުން ތަށި ފުރަމުން ގެންދިޔަ އައްޗިބޭއާ ދިމާލަށް ބަލަހައްޓައިގެން އިނދެފައި ފަރީޝާ އަހާލި އެވެ.

އޭނާ އެހެން އެ އެހީ ބުލްބުލާގޭ ލަތީފުބޭގެ ފުރާޅުގައި ހަރުކޮށްފައި ހުރި ޑިޝް އެންޓަނާއެއް ސާވިސްކުރަންށޭ ކިޔާފައި އައްޗިބޭ އެ އެއްޗެއް ވަގަށް ގެންދިޔަ ޚަބަރެއް އަޑުއިވިފައި އޮތުމުންނެވެ.

"ބަލަ މަ ނުގެންދެއޭ ޖަލަކަށް ދައްތާ. އެތަނަށް ކިޔަނީ ރިހެބޭ. ކިތައް ފަހަރުތަ ބުނާނީ ޖަލަކަށް ނޫނޭ ގެންދިޔައީ. އެހެން ނޫނަސް މަ ބޭނުންވެގެންތަ މި ރިހެބަކަށް ވެސް ގެންދިޔައީ،" ފަރީޝާ ދެއްކި ވާހަކައިން ރެކިގަތުމަށް ފަހު ކޮޗެއް ކަނޑާލާފައި އައްޗިބޭ ޖެހިލީ މުޅިން އެހެން ވާހަކަ އަކަށެވެ.

ދެން ޕާޕަރެއް ނަގައި އަނގަ ތަންމިނަށް ހުޅުވައި އަނގައިގެ ތެރެއަށް އޭތި ކުދިކުދިކޮށްލައި ހަފައިގަތެވެ.

"ހުކުރަކަށް ވެސް ނުދަން ދޯ،" ޝަކުވާއެއްގެ ރާގެއް ނުކުޅެ ފަރީޝާއަކަށް ދެން ވެސް މަޑަކުން ނުހުރެވުނެވެ.

އެހެންޏާ އާއިލާގެ އެންމެން ރާވައިގެން މީގެ ހައެއްކަ މަސްކުރިން އައްޗިބޭ ރިހެބަށް ފޮނުވީކީ އެނބުރި އަންނަ ގޮތަށް އައިސް ވައްކަންކޮށް ހަކުރު ބޮއެ ހިސާބުގަނޑުގެ މީހުންނަށް އަނެއްކާވެސް ނުހޮރުއްޕާނަކަށް ވާކަށް ނޫން ވިއްޔާ އެވެ.

"ދައްތާ. އަބަދު ޝަކުވާނުކޮށްބަލަ. ރިހެބުންނޭ މަ މި އައީ. ހީވޭތަ މަ ހުކުރަށް ނުގޮސް ހުރެފާނެހެން. ބަނޑުހައިވެފައި ހުރި ވަރުންނޭ މިހާ އަވަހަށް މި އާދެވުނީ ވެސް. މަ ހިނގައިދާނަމޭ ދައްތަމެން މަ ދެކެ ތިހާ ހިތްހަމަނުޖެހެންޏާ،" މިހެން ބުނެފައި އައްޗިބޭ ނެގީ ފިހެލާފައި އޮތް ބޮޑު ކުކުޅު ފައެކެވެ.

އެއީ ތިން ވަނަ ފައެވެ. މީހަކަށް ކުކުޅު ފައެއްގެ މަތިން ބަހާލައިގެން ކުކުޅު ފައިތައް ފިހެލާފައި ހުއްޓެއް ކަމަކު ދެން އަންނަ ބަޔަކަށް ވާ ވަރަކަށް ކުކުޅު ފައެއް ހުރިހެނެއް ހީއެއް ނުވެ އެވެ.

"ބުލްބުލާގޭ ލަތީފު އެ ހަދަނީ ހުސް ދޮގު. އެ ގޭގައި އޭނާ ގެންގުޅޭ ކައްކާ މީހާ އަށް ދިވެއްސެއް ނޭނގޭ، ކިޔާނުކިޔާއެއް ނޭނގެއޭ ބުނަނީ ވެސް ހަމަ ތި ލަތީފު. މިހާރު އެ ބުނަނީ އެ އިންޑިއާ އަންހެން މީހާ ބުންޏޭ މަށޭ އެގޭގައި ހުރި ޑިސް އެންޓެނާއެއް ގެންދިޔައީ،" ޝަކުވާއެއްކޮށްގެން އުޅެނީ ކާކުކަން އެނގޭތީ އެ މީހަކު ދައްކާ ވާހަކައެއްގައި ހަގީގަތެއް ނެތްކަން އެންގުމަށް މިހެން ބުނެފައި އައްޗިބޭ އަނެއްކާވެސް ކެއުމާއިގެން ކުރިއަށް ހިނގައިގަތެވެ.

އެއަށް ފަހު އަނގައިން ނުބުނެ އިނދެ ކައި ނިންމާލާފައި ދެން ދަނީއޭ ބުނެފައި ހިނގައިގަތީ ބޭރަށެވެ. އޭރު ވެސް ހުކުރަށް ދިޔަ އެއްވެސް ފިރިހެނަކު އަދި އެނބުރި ގެއަކަށް ނާދެ އެވެ. ހުކުރަށް ދިޔަ އެހެން ބަޔަކު ވެސް ނިމިގެން ގެއަށް އަންނަ ތަނެއް ހިސާބުގަނޑަކުން ވެސް ނުފެނެ އެވެ.

އަނެއްކޮޅުން އޭރު އަދި އެކެއް ވެސް ނުޖަހަ އެވެ.

"އެހެންވީމަ އައްޗިބޭ ދިޔައީ ކޮން މިސްކިތަކަށް ހެއްޔެވެ؟"

ކައި ނިންމާލާފައި ތެދުވިގެން ދިޔަ އައްޗިބޭ އަށް ބަލަން ހުރެފައި ފަރީޝާގެ ހިތަށް މިހެން އެރީ މި ސަބަބާ ހެދި އެވެ. ކޮންމެއަކަސް އިތުރު ޝަކުވާއެއް ނުކުރާނަމޭ ހިތަށް އަރުވައިގެން ގޮސް އައްޗިބޭ ކެއި ތަށިތައް މޭޒު މަތިން ނަގައި، ސިންކަށް އަޅައި ފަރީޝާ އެ ތަށިތައް ދޮންނަން ފަށައިފި އެވެ. 

ދެން ކުއްލިއަކަށް އިވުނީ ސުބުހާނަﷲހިއޭ ކިޔާފައި އައްޗިބޭ ހޯބޯލައްވައިގަތް އަޑެވެ. ތަށިތަކުން އަތް ދޫކޮށްލާފައި ވީ ގޮތެއް ބަލައިލުމުގެ ޝައުގުވެރިކަމުގައި ފަރީޝާ ދުވެފައި ގޮސް ބޭރަށް ބޯދިއްކޮށްލިއިރު އައްޗިބޭ މިއިނީ ދޮރު ކައިރީގައި އުޑުފައިންނެވެ. ބޮލުގައި ދެ އަތް އަޅައިގެން ހައިރާންވެ ހަދާނޭ ގޮތް ހުސްވެފައިވާ ހާލެއްގަ އެވެ.

"އެ ގެންދިޔައީ މަގޭ ފައިވާނޭ ދައްތާ،" ކިހިނެތްވީތޯއޭ ސުވާލުކޮށްލުމުން ދޮރާ ދިމާލު ބޭރުގައި އަޅާފައި އޮތް ވެލްކަމް މެޓާ ދިމާލަށް އިނގިލި ދިށްކޮށްލާފައި އައްޗިބޭ ބުނެލީ މިހެންނެވެ.

އޭނާގެ ފައިވާން ގެއްލުނީ އެވެ.

"ޔަގީންތަ ފައިވާނަކަށް އަރައިގެންކަން މި ގެއަށް އާދެވުނީ،" ދިމާވެގެން އުޅެނީ ހީކުރި ވަރަށް ވުރެ ކުޑަކަމެއްކަން އެނގުމުގެ އިހްސާސެއް ބޭރުކޮށްލަމުން ފަރީޝާ އަށް އަހާލެވުނެވެ.

"އާއެކޭ ދައްތާ. މިއަދު ހުކުރަށް ދިޔަތަނުން ތިހިރަ ކަރަންކާގޭ ވަހީދު ހަދިޔާއެކޭ ކިޔާފައި މަށަށް ދިން ނުލާހިކު ސަޅި ރީފް ފައިވާނެކޭ އެއީ ދައްތާ. އަޖާއިބެއް އަޅެ މީހަކު ނުވާނެތަ. މާ ރޯ ދުވާލުއޭ މީހަކު މިހާރު އެ ފައިވާން ވަގަށް ނަގައިގެން އެ ގެންދިޔައީ،" އައްޗިބޭ ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ގެއެއްގައި ހުރި ތިޖޫރީއެއް މީހަކު ވަގަށް ގެންގޮސްގެން އުޅޭހެންނެވެ.

އަނެއްކޮޅުން ފައިވާނެއް ގެއްލިގެން އައްޗިބޭ ހެދިގަތް ގޮތަކުން ފަރީޝާގެ ގާތަށް ވެސް އައީ ނުލަފާ ހިންޏެކެވެ. އެއީ އައްޗިބޭ އުޅެބޮޑުވީ މީސް މީހުންގެ ފައިވާން ވަގަށް ނަގައި ބާކޮށް، އަނެކެއްގެ ޑިޝް އެންޓަނާއެއް ވަގަށް ނަގައިގެން ގޮސް އެއެއް ވިއްކާލައި، ގޭގައި ހުރި ދޮންނަމެޝިނެއް ހަދަން ދިނީމަ އެ އެއްޗެއް ވެސް ހިފައިގެން ގޮސް ވިއްކާލާ ލާޗާރުބިޗާރު ދިރިއުޅުމެއްގައި ކަމަށްވެފައި، ތަނެއްގައި ހުރި ފައިވާންގަނޑެއް ގެއްލިގެން އައްޗިބޭ އެއޮތް ހެދިގަތް ގޮތަކުންނެވެ.

މީހަކު ވައްކަމެއް ކޮށްގެން އައްޗިބޭގެ ހިތަށް އެއިން އަސަރެއްކުރީމަ ދެން ހުންނަ މީހާގެ ގާތަށް އަންނާނީ ހިންޏެއް ނޫން ހެއްޔެވެ. މީހަކު ވަގަށް އެއްޗެއް ގެންގޮސްގެން އެކަން ކުށްވެރިކޮށް އައްޗިބޭ ވާހަކަ ދެއްކީމަ ހަމަ ކޮންމެ މީހަކަށް ވެސް ހިނިއާދެވޭނެ އެވެ. ނުހޭން ހުންނަ މީހާ އަށް ވެސް ހެވޭނެ އެވެ.

"ރަނގަޅަށް ވެއްޖެއްޔާ ތި ވެސް ވާނީ ތަނަކުން ކަޓުވާލައިގެން އުޅޭ ފައިވާންގަނޑަކަށް."

ފަރީޝާގެ ހިތަށް އެރީ މިހެންނެވެ. އެކަމަކު ނުއެއް ބުނެ އެވެ.

އޭރު އައްޗިބޭ ވާހަކަ ދައްކަމުން އެ ގެންދަނީ ވައްކަންކުރުމުގެ ނުބައިކަމާ ބެހޭ ގޮތުންނެވެ. އޭނާ އަށް ކުރެވުނު ތަޖުރިބާތަކުގެ ވާހަކަ އާއި ހަޔާތުގެ ހަލަބޮލި ދަތުރުގައި ހާސިލުކުރެވުނު އިބްރަތްތަކުގެ ވާހަކަ ނިކަން އަސަރާ އެކު ކިޔައިދެމުން ގެންދަނީ އެވެ. ރިހެބުން ނަގައިދިން ފިލާވަޅުތަކާއި އިސްލާހުވުމަށް ކުރި އާދަޔާހިލާފު ދަތުރުގެ އާދަޔާހިލާފު ވާހަކަތަކެވެ.

ކޮންމެއަކަސް ހުކުރުން ފައިބައިގެން ގޭގެ ފިރިހެންވެރިން ގެއަށް އައިސް ކާން ފަށައިގަތުމާ އެކު އައްޗިބޭ ހިނގައްޖެ އެވެ. އޭގެ ގަޑި ދެ ގަޑިއެއްހާއިރުވީ ފަހުން ފަރީޝާގެ ފިރިމީހާ ސިދުކީ ބޭރަށް ދާން ބެލިއިރު އޭނާގެ ފައިވާނެއް ނެތެވެ.

"ފަރީޝާ މަގޭ ފައިވާން ދެކުނިންތަ،" މަތީ ފަންގިފިލާގައި ހުރި ކޮޓަރި ތެރޭގައި ހުރި އަނބިމީހާ އަށް އަޑުއިވޭހާ ބާރަށް ސިދުކީ އަހާލި އެވެ.

"ކޮން ފައިވާނެއް،" ހަމަ އެ ބާރު މިނުގައި، ދަމަދަމާފައި ފަރީޝާ އަހާލި އެވެ.

"އިހަށްރޭ މަ ގެންގޮސް އެހެރަ ބާޓާއެއް ކިޔާ ފިހާރައަކުން ގަނެދިނީމެއް ނޫން ފައްކާ ފައިވާނެއް،" ބާރު ބާރަށް ސިދުކީ ބުނެލި އެވެ.

އެއަށް ފަހު ދެން ގޮވާގޮވާ ވެސް ފަރީޝާގެ ޚަބަރެއް ނުވެގެން އެންމެފަހުން ސިޓިންރޫމުގައި ހުރި ލަކުނޑި ސިޑިން ސިދުކީ މައްޗަށް އަރައި އެމީހުންގެ ކޮޓަރީގެ ދޮރު ހުޅުވާލި އެވެ.

ގައިން ވަރު ދޫވެ ދެ ލޯ ފެންކަޅިވެފައި ހުރި އަނބިމީހާ އެނދު ކައިރީގައި އިށީނދެލައިގެން އިން މަންޒަރު ފެނުމުން އިތުރު ސުވާލެއް ނުކޮށް ބޭއިހްތިޔާރުގައި ސިދުކީ އަށް ފިޔަވަޅު އަޅާލެވުނީ އެތެރެއަށެވެ.

އަލަމާރީގެ ދެ ދޮރުފަތް ހުރީ އޭގެ ތަންމިނަށް ހުޅުވައިފަ އެވެ. ހަލާކުކޮށްލާފައިވާ ކުޑަދޮރުގެ ދެ ދޮރުފަތް ވެސް ހުރީ ހުޅުވިފަ އެވެ. އެ ދިމާލަށް ގޮސް ސިދުކީ ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްލިއިރު އިންވެގެންހުރި ތިރީ ފުރާޅު މަތީގައި ހުރީ ނިކަން ރީތި، ނިކަން އާ ފައިވާނެކެވެ. ލެދަރު ވަދު ޖެހި ރީފް ބްރޭންޑްގެ ކޮލިޓީ ފައިވާނެކެވެ.

*** *** ***

"އޭ ތިއީތަ ކަލޭ ބުނި ސަޅި ރީފް ފައިވާނަކީ،" ގޯޅިއެއްގެ ކަންމަތިން ދިމާވެގެން އަނގަތަޅަން ތިބެފައި އައްޗިބޭގެ އެކުވެރިޔާ އަހާލި އެވެ.

"ކަލޭ ގަޅިތަ؟ މިއީ މަޝްހޫރު ބަޓާ ބްރޭންޑްގެ ފައިވާނެކޭ ބްރަދާ. ސަޅި ދޯ،" ފައިން އެއް ކިބަ ދޫކޮށްލައި އޭގެ ރީތިކަން އެކުވެރިޔާ އަށް ރަނގަޅަށް ދައްކާލުމަށް ފަހު އައްޗިބޭ ބުނެލި އެވެ.

"އެކަމަކު ކަލޭ ބުނީ ރީފް ފައިވާނެކޭ ކަޓުވާލީ މިސްކިތުން،" އައްޗިބޭއާ ހަވާލާދީ އޭނާގެ އެކުވެރިޔާ ބުނެލި އެވެ.

ނަމަވެސް އެ ވާހަކަ އަށް މާ ބޮޑު ސަމާލުކަމެއް ނުދީ އައްޗިބޭ ދެން ފެށީ އެހެން ވާހަކަ އެކެވެ.

"ޕީސްއެއް ލިބިދާނެ. ގެނޭ ތީތި މަށަށް،" ކޮޓަރިއަށް ގޮސް އައްޗިބޭގެ ޖީބުން ނަގައި ދައްކާލި ރަން ހާރު ވިދައި ބަބުޅައިގަތުމުން އޭނާގެ އެކުވެރިޔާ އަށް މަޑަކުން ނުހުރެވުނެވެ.