ވިޔަފާރި

ޓޫރިޒަމް ސީއެސްއާރު ޖަމާކުރާ ފަންޑު 17 މިލިއަން ރުފިޔާ އަށް

Oct 5, 2019

ރިސޯޓު މުއްދަތު އިތުރު ކުރަން ނަގާ ފައިސާ ޖަމާކުރާ ޓޫރިޒަމް ޓްރަސްޓް ފަންޑު 17 މިލިއަން ރުފިޔާ އަށް ވުރެ އިތުރު ވެއްޖެ އެވެ.

ޓޫރިޒަމަށް 47 އަހަރު ފުރުމުގެ މުނާސަބަތުގައި ކްރޮސްރޯޑުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ޓޫރިޒަމް ޓްރަސްޓް ފަންޑުގައި ހުރީ 1.6 މިލިއަން ރުފިޔާ ކަމަށާއި، ނަމަވެސް މިހާރު ހުރި ފައިސާގެ އަދަދު 17 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޓްރަސްޓް ފަންޑަށް ލިބުނު ފައިސާއިން މިދިޔަ ސަރުކާރުން ފައިދާހުރި ކަމެއް ކޮށްފައި ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ ފަންޑަށް ލިބޭ ފައިސާއިން ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތައް ކުރާނެ ކަމަށާއި، އެ ފައިސާ އިން ފަސް ލައްކަ ރުފިޔާ ހަރަދުކޮށްގެން ރ. އަނގޮޅި ތީމުގައި "ޓޫރިސްޓް ވިޒިޓާ ސެންޓަރެއް" ގާއިމް ކުރަން ނިންމާފައިވާ ކަމަށެވެ.

ޓްރަސްޓް ފަންޑަށް ފައިސާ ޖަމާކުރަނީ ރިސޯޓުތަކުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރު ކުރަން ނަގާ ފީއިންނެވެ. ޓޫރިޒަމް މިނިސްޓްރީން ދާދި ދަހުން ވަނީ މި ސީއެސްއާރު ފައިސާ ޖަމާކުރާނެ އުސޫލެއް ކަނޑައަޅާފަ އެވެ. އަދި މިހާރު މި ފައިސާ ދައްކަން ޖެހެނީ މީރާ އަށެވެ.