ވިޔަފާރި

ލެޓްސްގޯ މޯލްޑިވްސްއަށް ސެވަން ސްޓާ ލަގްޒަރީ އެވޯޑު

Oct 6, 2019

ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ މަޝްހޫރު އެއް އެވޯޑު ކަމަށްވާ "ސެވަން ސްޓާ ލަގްޒަރީ" ލެޓްސްގޯ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

ގްރީސްގެ އެތެންސްގައި ރޭ ބޭއްވި އެވޯޑު ހަފުލާއެއްގައި ލެޓްސްގޯ މޯލްޑިވްސް އަށް ލިބުނީ އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ޓްއާ އޮޕަރޭޓަރަށް ދޭ އެވޯޑެވެ. އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ވެރިޔާ މުހައްމަދު ރިޔާޒެވެ.

އެ ކުންފުންޏަށް މި އެވޯޑު ލިބިފައިވަނީ ރާއްޖެއަށް ގެންނަ ބޭރުގެ ހައި ޕްރޮފައިލް މީހުންނަށް ދޭ ހިދުމަތްތަކަށް ބެލުމަށްފަހު އެވެ. އެ ކުންފުނިން ވަނީ ދުނިޔޭގެ މަޝްހޫރު ގިނަ ބަޔަކު ރާއްޖެ ގެނެސްދީފަ އެވެ. މީގެތޭގައި މާކްއެންތަނީ އާއި ރިކީ މާޓިންގެ އިތުރުން އަރަބި ބައެއް މަހުޖަނުން ހިމެނެ އެވެ.

ރިޔާޒު މިއަދު ވިދާޅުވި ގޮތުގައި މި އެވޯޑު ލިބިގެން ދިއުމަކީ ރާއްޖެއަށް ލިބުނު ވަަރަށް ރީތި ނަމެއް ކަމަށާ، މިއީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ސަރަހައްދުގައި ގިނަ އަދަދެއްގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން މަސައްކަތް ކުރޭ. އެ މީހުންނާ ވާދަކޮށް މިފަދަ އެވޯޑެއް ލިބުމަކީ އުފަލެއް. މިއން އެނގެނީ ދިވެހިން ނަށް ފުރުސަތު ދީގެން މަސައްކަތް ކޮށްފިނަމަ ރާއްޖެއަށް ރީތި ނަން ލިބިގެންދާނެ ކަން،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ޓްރެވަލް ކުންފުނި ތަކަށް އިތުރު ފުރުސަތު ތަކެއް ލިބިގެން ދިއުމަކީ އެންމެ ދެކެން ބޭނުންވާ ދުވަސް ކަމަށެވެ.

"ދިވެހި ޓްރެވަލް ކުންފުނި ތަކަށް ގިނަ ދަތި ތަކެއް އެބަހުރި. އެ މައްސަލަތައް ހައްލު ކުރަން ވާނެ ގަވާއިދެއް ހަދަން، ސަރުކާރާއެކު މަސައްކަތް ކުރަމުން މި ދަނީ. އުންމީދު ކުރަނީ އެ ގަވާއިދު ވީހާ އަވަހަކަށް ނިމޭނެ ކަމަށް. އޭރުން ދިވެހިންނަށް ފުރުސަތުތައް ލިބި މި ފަދަ ރީތި ގިނަ ނަން ތަކެއް ދިވެހި ކުންފުނި ތަކުން ހޯދާނެ،" ރިޔާޒު ވިދާޅުވި އެވެ.