އުމްރާ ދަތުރު

އުމްރާއަށް ގެންދާ އުސޫލަށް ބަދަލުތަކެއް ގެނެސްފި

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުތަކެއް ގެނެސް، އެ ބަދަލުތައް ގެޒެޓްކޮށްފި އެވެ.

އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލަށް މައިގަނޑު ހަ އިސްލާހެއް ވަނީ ގެނެސްފަ އެވެ. އެގޮތުން އުމްރާއަށް މީހުން ގެންދިއުމަށް އެދި ހުށައަޅާ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރަމުންދާ ނުވަތަ ޖިނާއީ ހުކުމެއް ސާބިތުވެފައިވާ ނުވަތަ ފައިސާގެ ޚިޔާނާތާ ބެހޭ އެއްވެސް މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް އައު އިސްލާހުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޕްރޮޕޯޒަލް ހުށައަޅާއިރު، އުމްރާއަށް މީހުން ގެންދާ ޖަމާއަތާއެކު އަރަބިބަހުން މުއާމަލާތްކުރުމަށް ގެންދާ މީހާގެ މައުލޫމާތާއި، އޭނާއަށް އަރަބިބަސް އެނގޭކަމުގެ ސެޓިފިކެޓް ހުށައަޅަންޖެހޭނެ ކަމަށްވެސް އިސްލާހުތަކުގައި ވެއެވެ.

އުމުރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޭއިރު، އެކަމަށް ޝަރުތު ހަމަވާ ކުންފުނިތަކަށް ހުއްދަދޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި މިނިސްޓްރީން އެއްވެސް ކުންފުންޏަކަށް ހުއްދަދީ އެއްބަސްވުމުގައި ސޮއިކުރުމުން ނޫނީ އުމުރާއަށް މީހުން ގެންދިއުމާ ގުޅޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަމަށް ބުނެ އެވެ. މީގެ އިތުރުން ހުއްދަދޭ ކުންފުނިތައް "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. ރަޖިސްޓްރޭޝަން ފީއަކީ 2500 ރުފިޔާކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އަދި ހުއްދަދޭ ކުންފުނިތަކުން ކޮންމެ އަހަރަކު ދެ ފަހަރު، އުމުރާއަށް މީހުން ގެންދިއުމަށް ހުޅުވާލާ އެކަމާ ގުޅޭ އިއުލާނުކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އުމްރާއަށް ގެންދިއުމާ ބެހޭ އުސޫލަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އެއްވެސް ކުންފުންޏަކަށް ހުއްދަ ދިނުމުން މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ދޭތާ 15 ދުވަސްތެރޭ އޮފީހެއް ގާއިމުކުރަން ޖެހޭނެކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުުރުން އުމުރާ ޖަމާއަތްތަކާމެދު ފިޔަވަޅު އެޅޭނެ ގޮތްވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ހުއްދަދޭ ޖަމާއަތެއްގެ ޑިރެކްޓަރުންގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެއްޖެނަމަ، އެ މައްސަލައެއްގެ ކުޑަ ބޮޑު މިނަށްބަލާ ކުންފުންޏަށް ދީފައިވާ ހުއްދަ ބާތިލް ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ. އަދި ހުއްދައަށް އެދި ހުށައަޅާ ލިޔުމުގައި ދޮގު މައުލޫމާތެއް ހިމަނާފައިވާކަން އެނގިއްޖެނަމަ ހުއްދަ ބާތިލްކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެފަދައިން ހުއްދަ ބާތިލްކުރާ ކުންފުނިތައް ތިން އަހަރަށް ސަސްޕެންޑް ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އަދި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފިނަމަ އެ ކުންފުންޏެއްގެ ހުއްދަ ތިން އަހަރަށް ސަސްޕެންޑް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.