ގާސިމް އިބްރާހިމް

ދީނަށް ކުރާ ފުރައްސާރައަށް ރައީސް ފިޔަވަޅު އަޅާނެ: ގާސިމް

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފިޔަވަޅު އަޅުއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ކުރީގެ މެންބަރު ވަހީދު، ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅު ގައެވެ.

ގާސިމް ވިދާޅުވީ އިސްލާމްދީނާއި ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކުރުމުގެ އެއްވެސް ފުުރުސަތެއް ދެވިގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވަން މާތްﷲ ގަންދީ ހުވާކޮށްގެން މަގާމުތަކާ ހަވާލުވެވަޑައިގެންފައިވާ ބޭފުޅުން އެ ބޭފުޅުންގެ ޒިންމާ އަދާކުރެއްވުމަށް ގާސިމް ގޮވާލެއްވި އެވެ.

ގާސިމް ވިދާޅުވީ މާތްﷲ އާއި ރަސޫލާއަށް ފުރައްސާރަކުރާ މީހަކަށް މި ބިމުގައި ލިބޭނެ ކާމިޔާބެއް ނެތް ކަމަށާއި އެފަދަ މީހުން ދާނީ ބޭޒާރުވެ ބޭކާރު ވެގެން ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އެޅުން ފަސްވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރަށް ކިޔަމުން ގެންދާ ފާޑު ކިޔުންތަކާ ގުޅިގެން ގާސިމް ވިދާޅުވީ އެ މައްސަލާގައި ރައީސް ފިޔަވަޅު އަޅުއްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"އެހެން ނަމަވެސް ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އެ ކަންކަން ނިންމަވާނެ ކަމުގެ ޔަގީންކަން މިދަނީ ލިބެމުން،" ރައީސަށް އޮތް އިތުބާރު ހާމަކުރައްވާ ގާސިމް ވިދާޅުވިއެވެ. "ތިޔަ ބޭފުޅުން ގަބޫލުކުރައްވަނީތޯ މިގައުމުގައި މާތްﷲއާއި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ފުުރުސަތު ދީގެން ތިބޭނެ ކަމަށް، ނޫން.. ނޫން.. އެއްގޮތަކަށްވެސް އެހެން ނުވާނެ ދެއްތޯ،"

ގާސިމް ވަނީ އެމްޑީއެންގެ ރިޕޯޓް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ހިލާފު ވާހަކަތައް ހިމަނާފައިވެ އެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައިވެ އެވެ.

އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާއާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހަށް މައްސަލަ ހުށައަޅާފައެވެ. އަދި އެ ތަހުގީގު މިހާރު ފެށިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެެވެ.