ވިޔަފާރި

އާރަށުގައި، ސިނަމަން ވެލިފުށި މޯލްޑިވްސް ރިސޯޓް ހުޅުވައިފި

Oct 7, 2019

ވ. އަތޮޅުގައި އޮންނަ ކުޑަ ރަށެއް ކަމަށްވާ އާރަށުގައި ސްރީލަންކާގެ ޖޯން ކީލްސް އިން "ސިނަމަން ވިލުފުށި މޯލްޑިވްސް" ހުޅުވައިފި އެވެ.

ސްރީލަންކާ، ޑެއިލީ އެފްޓީ ނޫހުގައިވާ ގޮތުން، މިމަހުގެ އެއްވަނަ ދުވަހު ހުޅުވި މި ރިސޯޓަކީ ސްރީލަންކާގެ ޖޯން ކީލްސް އިން ސްރީލަންކާ އާއި ރާއްޖޭގައި ހުޅުވި 15 ވަނަ ހޮޓާ/ ރިސޯޓެވެ.

މި މަހުގެ އެއްވަނަ ދުވަހު މި ރިސޯޓު ހުޅުވާފައި ދެއްވީ ސްރީލަންކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނަމާލް ކަރުނަރަތުނަ އެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހުގެ އިތުރުން ޖޯން ކީލްސް ގްރޫޕުގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.

ފެލިދޫ ކައިރީގައި ކުރިން ދަތުރުދާ ރަށެއްގެ ގޮތުގައި އޮތް އާރަށް މަތީ ފަންތީގެ ރަށެއްގެ ގޮތުގައި ތަރައްގީކޮށް ހުޅުވާފައި މިވަނީ 90 ކޮޓަރިއާއެކުގަ އެވެ. ފަޅުން ބޮޑު ބައެއް ހިއްކައިގެން ހުޅުވި މި ރަށުގައި މޫދު ކޮޓަރި އާއި ބީޗު ވިލާ ހިމެނޭ ގޮތަށް ހަތަރު ވައްތަރެއްގެ ކޮޓަރި ހުރެ އެވެ. މީގެ އިތުރުން ތަފާތު ކެއުން ތަކަށް ހާއްސަ ރެސްޓޯރެންޓުތަކާއި ސްޕާ އާއި މި ނޫން ވެސް ވަސީލަތްތައް މިރަށުގައި ހުރެ އެވެ.

ޖޯން ކީލްސް އިން ރާއްޖޭގައި ތިން ރިސޯޓެއް ހިންގަ އެވެ. އެ ކުންފުނިން ރާއްޖޭގައި ހިންގަނީ ސިނަމަން ބައި ދޮންވެލި މޯލްޑިވްސް އާއި ސިނަމަން ހަކުރާ ހުރާ އަދި އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން އެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ މިއަހަރު 20 ރިސޯޓު ހުޅުވުމެވެ. މިހާތަނަށް 19 ރިސޯޓެއް ވަނީ ހުޅުވާފަ އެވެ. މި ސަރުކާރުން ވައުދުވެފައިވަނީ މި ދައުރުގައި އިތުރު 35،000 އެނދު އިތުރު ކުރުމެވެ.