އަފްޣާނިސްތާން

ތާލިބާނުންގެ ގިނަ ބަޔަކު އަފްޣާނިސްތާނުން މިނިވަންކޮށްފި

ޕާކިސްތާނައި އަފްޣާނިސްތާނުގެ ބޯޑަރު ގުޅޭ ސަރަހައްދުގައި ގާއިމް ވެގެން ތާލިބާން ޖަމާއަތުގެ ގިނަ އަދަދެއްގެ ކުށްވެރިން އަފްޣާނިސްތާނުން މިނިވަންކޮށްފި އެވެ.

ތާލިބާން ޖަމާއަތުން ވެސް ވަނީ އެ ޖަމާއަތުގެ ގިނަ އަދަދެއްގެ މެމްބަރުން މިނިވަންކޮށްފައިވާ ކަމަށް ބުނެފަ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި ޖަލުން މިނިވަންކުރި މެމްބަރުންގެ ތެރޭގައި އެ ޖަމާއަތުގެ ޝެޑޯ ގަވަރުނަރުން ވެސް ހިމެނެ އެވެ. އިތުރު ތަފްސީލު މީޑިއާތަކަށް ދޭން ތާލިބާން ޖަމާއަތުން ވަނީ ދެކޮޅު ހަދާފަ އެވެ.

އަފްޣާނިސްތާނުން ތާލިބާން ޖަމާއަތުގެ އިސް ލީޑަރުންތަކެއް މިނިވަން ކޮށްފައި ވަނީ ސުލްހައިގެ މަޝްވަރާއަށް ދީފައިވާ މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށެވެ. މުއްދަތު ކައިރި ވާތީ އެމެރިކާގެ ދިފާއީ ވުޒާރާގެ އިސް އޮފިޝަލަކު ވަނީ ޕާކިސްތާނުގައި ގާއިމްވެގެން އުޅޭ ތާލިބާން ޖަމާއަތުގެ އިސް މެމްބަރުންނާ މަޝްވަރާ ވެސް ކުރައްވާފަ އެވެ. މިނިވަންކުރި ތާލިބާން ޖަމާއަތުގެ މީހުންގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން ތާލިބާން ޖަމާއަތުގެ އިންޖީނިއަރުންގެ ގޮތުގައި އުޅުނު ތިން އިންޑިއާ މީހަކު ވެސް ހިމެނެ އެވެ.

ޝެޑޯ ގަވަރުނަރުންގެ ގޮތުގައި ބެލެވޭ ތާލިބާނުންގެ މެމްބަރުންނަކީ ޝެއިހް އަބްދުއް ރަހީމް، އަދި މައުލަވީ ރަޝީދެވެ. މި ދެ މީހުން ވަނީ މީގެ ކުރިން ވެސް ތާލިބާން ޖަމާއަތުގެ އިސް މަގާމުތަކެއް އަދާކޮށްފަ އެވެ. މި މީހުން ދޫކޮށްލީ ޝަރުތުތަކަކާއެކު ގައި ކަމެއް އަދި ނޭގެ އެވެ.

އެމެރިކާއާ އެކު ކުރަން ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތަށް ކުރިއަށް ގެންދެވޭ ގޮތް ނުވުމުން، ތާލިބާނުން ވަނީ ރަޝިއާ އާއެކު ސުލްހައިގެ އެއްބަސްވުމަކަށް ދާން ތައްޔާރުވެފަ އެވެ. މި ބައްދަލުވުން ގަތަރުގައި ވެސް ކުރިއަށް ދިޔަ އެވެ. އޭރު އެމެރިކާއި ވެސް ބުނެފައިވަނީ ތާލިބާނުންނާ އެކު މަޝްވަރާ ނުކުރާނެ ކަމަށެވެ. ނަމަވެސް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގަތަރުގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި އެމެރިކާއިން ވަނީ ސިއްރުން ތާލިބާނުންނާ ބައްދަލުކޮށްފަ އެވެ. މިކަމަށް ބާރު ދެނީ ތާލިބާން ޖަމާއަތުގެ މެމްބަރުން މިނިވަންކުރުމުގެ ދުވަސްކޮޅެއް ކުރިން އެމެރިކާއިން ތާލިބާންގެ ޕާކިސްތާނުގެ ލީޑަރުންނާ ބައްދަލުކުރުން ކަމަށް ވެސް މީޑިއާ ރިޕޯޓުތަށް ބުނެ އެވެ.