ހަބަރު

އިންކަމް ޓެކްސް އާއެކު މި ދައުރަށް ސަރުކާރުން 32 ބިލެއް

Oct 7, 2019

އާމްދަނީން ޓެކްސް ނެގުމުގެ ބިލާއެކު ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގައި ސަރުކާރުގެ ފަރާތުން ޖުމްލަ 32 ބިލް ހުށަހަޅަން ނިންމައިފި އެވެ.

މަޖިލީހުގެ ތިންވަނަ ދައުރު މިދިޔަ ބުރާސްފަތި ދުވަހު ފަށާފައިވާއިރު، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މި ދައުރުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ލިސްޓެއް އާއްމުކޮށްފަ އެވެ.

އެ ބިލްތަކުގެ ތެރޭގައި އިންކަމް ޓެކްސްގެ އިތުރުން، އިންތިގާލީ އާދަލާތުގެ ބިލަކާއި، ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހިމެނެ އެވެ.

އޭގެ އިތުރުން، މަދަނީ އިޖުރާއަތާ ގުޅޭ ބިލަކާއި، ރުށް ގަހާ ބެހޭ ބިލެއް (ފޮރެސްޓީ އެކްޓް) އަދި ބޯހިޔާވަހިކަމާ ގުޅޭ ބިލަކާއި، ތައުލީމާ ބެހޭ ބިލަކާއި، އާއިލާއާއި ވަރި ކައިވެންޏާ ގުޅޭ ބިލަކާއި، ވަޒީފާއެއް ހޯދައި މީހުނަށް އިނާޔަތެއް ދިނުމުގެ ބިލަކާއި އެންމެ ކުޑަ އުޖޫރަ ދިނުމާ ބެހޭ ބިލެއްގެ އިތުރުން ދަތުރުފަތުރުގެ ނިޒާމާ ބެހޭ ބިލެއް ވެސް ހިމެނެ އެވެ.

ސަރުކާރުން ހުށަހަޅާ މުހިންމު ބައެއް ބިލުތައް

  • އާމްދަނީން ޓެކްސް ނެގުމުގެ ބިލް
  • އިންތިގާލީ އަދާލަތުގެ ބިލް
  • ވަޒީފާ ހޯދާ ފަރާތްތަކަށްދޭ އިނާޔަތްދިނުމުގެ ބިލް
  • މަދަނީ އިޖުރާއަތުގެ ބިލް
  • ބޯހިޔާވަހިކަމުގެ ބިލް
  • ޓެނަންސީ ބިލް

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުތަކުގެ އިތުރުން، އެޖެންޑާ 19 ގެ ހާއްސަ ބިލުތަކާއެކު ޖުމްލަ 48 ބިލެއްގެ މަސައްކަތް މަޖިލީހުގެ މި ދައުރުގައި ކުރުމަށް ހަމަޖެހިފައިވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާނުކުރައްވައިފަ އެވެ.

އެ ބިލުތަކުގެ އިތުރުން މި ދައުރުގައި މަޖިލީހުން ކުރާނެ އެންމެ ބޮޑު މަސައްކަތަކީ ކުރިއަށް އޮތް އަހަރަށް ލަފާކޮށް ފާސްކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ގާނޫނުއަސާސީ އަށް ގެންނަ ހަތަރު އިސްލާހަކާއެކު 200 އަށްވުރެ ގިނަ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފައިވާ ކަމަށް ބަންޑާރަނައިބު އިބްރާހީމް ރިފްއަތު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.