ހަބަރު

ބީއެމްއެލް އިން 60 ފަރާތަކަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި

Oct 7, 2019

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް މިއަހަރު ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި އެވެ.

އެ ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ކަމަށެވެ.

"މިފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއަރ ލިބުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވިފައިވާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ސޯޔާ ވިދާޅުވި އެވެ.

ގައުމީ ބޭންކުން ބުނި ގޮތުގައި އެ ބޭންކުގެ ފަރާތުން ކުރިޔަށް ގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ދަށުން 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިރިއުޅުމުގައި ހިނގާބިނގާވެ އުޅުމަށް ދަތި، ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 76 ފަރާތަކަށް މޮޓްރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފަ އެވެ.

މުޖުތަމައަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި، ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް ބީއެމްއެލް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.