އިސްލާމިކް މިނިސްޓްރީ

ބޭރުން ފަންޑު ލިބިގެން ދީނާ ދެކޮޅު ހަރަކާތެއް އެބަ ހިންގާ، ހުއްޓުވާނަން: މިނިސްޓްރީ

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ފަދަ ޖަމިއްޔާތަކަށް ބޭރުގެ ގައުމުތަކުން ފަންޑު ލިބޭ ކަމަށާއި އެ ގޮތަށް ފަންޑު ލިބިގެން އިސްލާމް ދީނާއި ދެކޮޅު ހަރަކާތްތަކެއް ހިންގަމުން ގެންދާތީ އެ ކަންކަން ހުއްޓުވައި އިސްލާމް ދީން ދިފާއު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް އިލްޔާސް ޖަމާލު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގައިވާ ކަންކަމުން ފާހަގަކުރެވުނީ އެއީ އިސްލާމް ދީނާއި ދައުލަތް ވަކިކުރުމުގެ މަގްސަދުގައި ނެރުނު ރިޕޯޓެއް ކަމަށެވެ.

"މުޅި ދިރާސާގައި ބިނާކޮށްފައި އޮތީ އިސްލާމް ދީނާއި ދައުލަތް ވަކިކޮށްލަން. ދީނުގެ ވިސްނުން އައިސްގެން ނުވާނެ ކަމަށް ކިޔެވުމުގެ މަރުހަލާގައި ވެސް ކަމަށް ރިޕޯޓްގައިވޭ. މި ރިޕޯޓް ކިޔާލީމަ އަނދިރި ހަރަކާތެއްގެ ގޮތުގައި ފެންނަނީ. ވަރަށް ނުބައި ވިސްނުމެއްގައި ދީން މުޅިން ލުހެލުމަށް ކޮށްފައި އޮތް މަސައްކަތެއް." ޖަމާލު ވިދާޅުވި އެވެ.

ޖަމާލު ވިދާޅުވި ގޮތުގައި އިސްލާމް ދީނާއި ދައުލަތް ވަކި ކުރުމުގެ މަސައްކަތް ކުރުމުގެ ގޮތުން އެ ޖަމިއްޔާ ހިންގުމަށް ބޭރުގެ ގައުމުތަކުން ފައިސާގެ ފަންޑު ލިބޭ ކަން މިނިސްޓްރީއަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެ ނެޓްވޯކްގައި މަސައްކަތް ކުރާ މީހުންނަށް ބޭރުން މުސާރަ ވެސް ލިބެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި މުއްދަތުގެ ތެރޭގައި ލިބުނު މައުލޫމާތުތަކުން އެނގުނީ މި ނެޓްވޯކް ތެރޭގައި އުޅެފައިވާ ބައެއް މީހުނަށް 18000 ރުފިޔާއިން 20000 ރުފިޔާއިން މުސާރަ ވެސް ލިބިފައިވޭ. މިއީ އަޅުގަނޑުމެން ސީރިއަސް ވާން ޖެހޭ މައްސަލަ،" ޖަމާލު ވިދާޅުވި އެވެ.

ޖަމާލު ވިދާޅުވީ 2015 ވަނަ އަހަރު ނެރުނު އެ ރިޕޯޓަށް ކޮންމެ އަހަރަކު ވެސް އިތުރު އާ މައުލޫމާތުތަކެއް ހިމަނަމުން ގެންދިޔަ ކަމަށާއި އެ ގޮތުން 2016 ވަނަ އަހަރުގައި ވެސް އެ ރިޕޯޓަށް އިތުރު ސަފްހާ ތަކަކާއި މައުލޫމާތުތަކެއް އިތުރު ކޮށްފައިވާ ކަމަށެވެ. ފަހުން ފެންމަތިވި ކަންކަމަކީ ވެސް އެއިން ކޮންމެ އަހަރެއްގައި ރިޕޯޓަށް އިތުރު ކުރަމުން ގެންދިޔަ ބައިތަކުގައި ހިމެނޭ ކަންކަމެވެ.

އެ ގޮތަށް އެ ރިޕޯޓަށް ދީނާ ހިލާފު އެތައް ވާހަކައެއް އިތުރު ކުރަމުން ގެންދިޔައިރު ކުރީ ސަރުކާރުގައި އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާތީ ހިތާމަ ކުރާ ކަމަށް ޖަމާލު ވިދާޅުވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރުން ދީން ދިފާއު ކުރުމަށް ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި ދީނުގައި ނެތް ހަރުކަށި ކަމެއް ގެނެސް ހައްދު ފަހަނައަޅާފައިވާ ހަރަކާތްތައް ހިންގަން ވެސް ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރެވެމުންދާ ކަމަށާއި އެ ކަމުގައި ބައިވެރިވި ފަރާތްތަކަށް ދޭން ޖެހޭ އަދަބެއް ދޭނެ ކަމަށެވެ. އަދި ވިދާޅުވީ އެއީ ސަރުކާރުން އެއް ގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި އެ ރިޕޯޓާއި ސަރުކާރާއި ގުޅުވައި ދައްކާ ވާހަކަތައް އޭނާ ދޮގު ކުރެއްވި އެވެ.