ވިޔަފާރި

އިންކަމް ޓެކުހުން 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފި

ވަކި ފަރުދުންގެ އާމްދަނީ އިން ނަގަން ތައްޔާރުވާ "އިންކަމް ޓެކުހުން" ދައުލަތަށް އަހަރަކު އާމްދަނީގެ ގޮތުގައި 680 މިލިއަން ރުފިޔާ ލިބޭނެ ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.

ފިނޭންސުގެ ހިދުމަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދޭން، މިއަދު ބޭއްވި "ނުވަ ގަޑި" ޕްރޮގްރާމުގައި އެ މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސެލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ އަންނަ އަހަރުތެރޭގައި މި ޓެކްސް ނަގަން ފަށަން ތައްޔާރުވަމުންދާއިރު އިިންކަމް ޓެކުސް 6،000 މީހުންގެ އަތުން ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ޓެކުހުގެ ބޭނުމަކީ ދައުލަތުގެ އާމްދަނީ އިތުރު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ބިޒްނަސް ޕްރޮފިޓް ޓެކްސް ނަގާ. މި ފަހަރު އިތުރު ވެގެންދާ ޓެކުހުން ފަރުދުންގެ އާމްދަނީ ވެސް ހިމެނޭ ގޮތަށް ވަށައި ޖެހޭ ނިޒާމެއް ފުރިހަމަ ވާނެ. އިންކަމް ޓެކްސްގެ އެންމެ ބޮޑު ބޭނުމަކީ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ކުޑަ ކުރުން. މި ފަރަގު ކުޑަ ކުރެވޭނީ، ލިބޭ ފައިސާ ވެލްފެއާ އަށް ހަރަދު ކުރެވިގެން،" އަރުޝަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ޓެކްސް ނެގުމުގައި ފަސޭހަ ޓެކުހެއްގެ ގޮތުގައި ހަދަން ވިސްނާފައިވާނެ ކަމަށެވެ.

ޓެކްސް ނަގާނީ 40،000ރ. އިން މަތިން

އިންކަމް ޓެކްސްގެ ބިލުގައިވާ ގޮތުން މި ޓެކްސް ނަގަން ސަރުކާރުން ހުށަހަޅާފައިވަނީ 40،000ރ. އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ. މި ޓެކްސް ނަގަން "އެޖެންޑާ 19" ގައި 60،000ރ. އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ހިމަނާފައި އޮތްއިރު، އައިއެމްއެފުން ސަރުކާރަށް ލަފާ ދީފައިވަނީ 10،833ރ. އިން މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނަގާށެވެ.

އަރުޝަދު ވިދާޅުވީ އިންކަމް ޓެކްސްގެ "ތްރެސް ހޯލްޑް" އަކީ 40،000ރ. އިން ދަށުގެ އާމްދަނީ ލިބޭނަމަ ޓެކްސް ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި މި އަދަދު ކަނޑައެޅުމުގައި ހަރަދުތަކަށް ވެސް ބަލާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލިބެން ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް މިގޮތަށް ނިންމީ. އާމްދަނީ 40،000ރ. އިން މަތިން ނަގާނަމަ އެއީ އަހަރަކު 480،000 ރުފިޔާ. މިއީ ބީޕީޓީ ނަގާވަރާ ގާތް ކުރާވަރު. މިސާލަލަށް 50،000ރ. ލިބޭނަމަ. ދައްކަން ޖެހޭނީ އިތުރުވާ 10،000ރ. އިން ޓެކްސް. އެހެންވެ މިއީ ނިސްބަތުން ވަރަށް ކުޑަ އަދަދެއް،" އަރުޝަދު ވިދާޅުވި އެވެ.

އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަރުޝަދު ވިދާޅުވީ އިންޓަނޭޝަނަލް މިނިޓަރީ ފަންޑް (އައިއެމްއެފް) އިން ހުށަހެޅި އަދަދާއި އަނެއް ދެ ހުށަހެޅުން ތަފާތު ބޮޑުވެފައިވަނީ އައިއެމްއެފުން ހޯދި މައުލޫމާތުގެ މައްޗަށް ބެލުމުން ކަމަށެވެ.

"އައިއެމްއެފުން ރިކޮމެންޓް ކުރީ ޑުއެލް އިންކަމް ޓެކްސް ނަގަން. ނަމަވެސް އަޅުގަނޑުމެން ނިންމީ ޕްރޮގްރެސިވް ޓެކްސް ރޭޓުގައި ނަގަން. މިގޮތަށް ހަދަން ޖެހުނު ސަބަބެއް އޮޅުން މަދުކޮށް ކުޑަ ކުރުން،" އަރުޝަދު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރުން މަތިން ޓެކްސް ނަގާނެ

އަރުޝަދު ވިދާޅުވީ ސަރުކާރު މުވައްޒަފެއްނަމަ އިންކަމް ޓެކްސް ނަގާނީ ސްޓޭޓް މިނިސްޓަރުން ފެށިގެން މަތީ މަގާމުތަކުގައި ތިބި މީހުންގެ އާމްދަނީ އިން ކަމަށެވެ.

"ފުރަތަމަ ޓެކްސް ނަގަން ފަށާނީ ސަރުކާރު މުވައްޒަފުންގެ އަތުން. މިކަން ދާނީ މިހާރު ޕެންޝަން ދައްކާ ގޮތާއެއް ގޮތަށް. އޭގެ ފަހުން އެހެން ފަރާތްތަކުގެ އަތުން ފަށާނީ،" އަރުޝަދު ވިދާޅުވި އެވެ.