ކުޅިވަރު

ލޮރިސްގެ އަނިޔާއާއެކު މި އަހަރު ދެން ނުކުޅެވޭނެ

ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރިސްގެ އުޅަނބޮއްޓަށް ލިބުނު އަނިޔާ އާ ގުޅިގެން މި އަހަރުގެ ބާކީ ބައިގައި އޭނާ ނުކުޅެވޭނެ ކަމަށް ކުލަބުން ބުނެފި އެވެ.

ލޮރިސްއަށް އަނީޔާވީ، މިދިޔަ އާދީއްތަ ދުވަހު ބްރައިޓޮން އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މެޗުގެ ވަރަށް ކުރީ ކޮޅު އޭނާ އަނިޔާ ވެގެން ދަނޑުން ބޭލިރު އެ މެޗު ބްރައިޓޮން ކާމިޔާބު ކުރީ 3-0 ންނެވެ. އޭނާގެ ބަދަލުގައި މެޗުގެ އަށް ވަނަ މިނެޓުން ފެށިގެން ގޯލް ބެލެހެއްޓީ ބަދަލު ކީޕަރު އާޖެންޓީނާގެ ޕައުލޯ ގަޒަނިގާ އެވެ.

ޓޮޓެންހަމް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކުލަބުގެ ކެޕްޓަނަށް ލިބުނު އަނިޔާ އާ ގުޅިގެން ސާޖަރީއެއް ހަދަން ނުޖެހޭނެ ކަމަށެވެ. ފްރާންސްގެ ކެޕްޓަން މަގާމު ވެސް އަދާ ކުރަމުން އަންނަ އެ ޓީމުގެ ގޯލް ކީޕަރަށް ނުކުޅެވުމަކީ ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕަށް ކުރިމަތި ވާނެ ބޮލުގެ ރިހުމެކެވެ.

ލޮރިސްގެ އަނިޔާ އާ ގުޅިގެން އެންމެ ފުރަތަމަ ތަފަސީލު ދިނީ ޑެޝޯމްޕް އެވެ. އޭނާ ބުނީ، ލޮރިސް އާ ވާހަކަ ދެއްކި ކަމަށާއި އޭނާއަށް މި އަހަރުގެ ބާކީބައިގައި ނުކުޅެވޭނެ ކަމަށެވެ.

ފްރާންސްގެ ބަދަލު ކީޕަރަކީ، ޕީއެސްޖީގެ ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަންގައި ރެއާލް މެޑްރިޑަށް ބަދަލުވި އަލެފެންސޭ އަރެއޯލާ އެވެ. އޭނާއަށް އެ ޓީމުގައި ދެނީ ދެ ވަނަ ކީޕަރެއްގެ ރޯލެވެ. އެހެންވެ ކުޅެން ޖެހޭ މެޗުތައް އޭނާ އަށް މަދުވުމަކީ ފްރާންސްގެ ޓީމަށް ކުރިމަތި ވާނެ މައްސަލައެއް ކަމަށް ޑެޝޯމްޕް އޭރު ބުންޏެވެ.

އެހެން ނަމަވެސް ރެއާލްގައި އޭނާ ވަނީ ތިން މެޗު ކުޅެފަ އެވެ. އެ ޓީމުގެ އެއް ވަނަ ކީޕަރު ތިބޯޓް ކޯޓްއާ ފޯމު ކަޓާފައި ވުމުން ކުރިއަށް ހުރި މެޗުތަކުގައި އަރެއޯލާއަށް ގިނަ ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.