ހަބަރު

މަދަނީ އިޖުރާއަތުގެ ބިލު އާންމުންގެ ހިޔާލަށް ހުޅުވާލައިފި

Oct 8, 2019
1

މަދަނީ އިޖުރާއަތުގެ ބިލުގެ ދެލިކޮޕީ އެކުލަވާލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންގެންދާއިރު، އެ ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، ބިލަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ މަދަނީ އިޖުރާއަތުގެ ބިލުގެ މި ދެލިކޮޕީ އެކުލަވާލައްވާފައިވަނީ، އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު އައްޔަންކޮށްފައިވާ ކޮންސަލްޓަންޓެއް ކަމަށްވާ، އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ސީނިއަރ ލެކްޗަރަރއެއްގެ މަގާމު އަދާކުރައްވަމުންގެންދަވާއިމެނުއަލް ގުއިންޝާޑު ކަމަށެވެ.

ބިލު އެކުލަވާލުމުގައި ވިސްނާފައިވާނީ، މަދަނީ ދައުވާތަކާބެހޭ އުސޫލުތަކާއި، ޝަރީއަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ހައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، ޝަރީއަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގެ އުސޫލުތަކާއި، ހެއްކާބެހޭ ބައެއް އުސޫލުތަކާއި، ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ހުކުމްތައް ރާއްޖޭގައި ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި، ހުކުމް ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފުކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާއަތާގުޅޭ އާންމު އުސޫލުތައް، ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއަށާއި، ރާއްޖޭގައި އަމަލުކުރަމުންދާ އުސޫލުތަކަށްވެސް ރިއާޔަތްކުރުމާއެކު ކަމަށް ބަންޑާރަ ނައިބު އޮފީހުން ބުންޏެވެ.

"މިއީ، މަޝްވަރާގެ ބޭނުމަށްޓަކައި އެކުލަވާލާފައިވާ މަދަނީ އިޖުރާއަތުގެ ބިލުގެ ފުރަތަމަ ދެލިކޮޕީއެއް. ބިލަށް ހިޔާލު ހުށަހަޅުއްވާއިރު، ބިލުގައި އެކުލެވޭ މާއްދާތަކުގެ އޮށްޓަރަށާއި އެ މާއްދާތަކުން ކަނޑައަޅައިދޭ އުސޫލުތަކަށް ރިއާޔަތްކޮށްދެއްވުން އެދޭ ވާހަކަ ދަންނަވާލުމާއެކު، އިމްލާ ކުށާއި، ހަވާލާދިނުމާއި، އިބާރާތް ފުރިހަމަކުރުން ފަދަ ކަންކަމަކީ، މުޅި ބިލު އެކުގައި ފުރިހަމަކޮށް ނިމޭއިރު އިސްލާހުކުރެވިގެންދާނެ ކަންކަން ކަމުގައިވެސް ދަންނަވަން،" ބަންޑާރަ ނައިބު އޮފީހުން ބުންޏެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ބިލަށް ހިޔާލު ހުށަހަޅަން އެދޭ ފަރާތްތަކުން ބޭނުންނަމަ، 15 އޮކްޓޯބަރު 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް އެކަން ކުރެއްވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ލިޔުމުން ހުށަހަޅާ ހިޔާލުތައް، ރަސްމީ ގަޑީގައި ހުށަހެޅޭނެ އެވެ. އަދި އީ-މެއިލްކުރާނަމަ، [email protected] އަށް އީމެއިލް ކުރެވޭނެ އެވެ.