ވިޔަފާރި

އެސްޓީއޯއިން އެއާ ފްރައިޓްކޮށް ފިޔާ ޝިޕްމަންޓެއް ގެންނަނީ

Oct 10, 2019
2

ބާޒާރުގައި ބޮޑުވެފައިވާ ފިޔާގެ އަގު ދަށް ކުރަން އެސްޓީއޯ އިން އެއާ ފްރައިޓްކޮށް މިރޭ ފިޔާ ޝިޕްމަންޓެއް ގެންނަން ނިންމައިފި އެވެ.

އިންޑިއާއަށް މޫސުން ގޯސްވެ ފިޔާ ދަނޑުތައް ހަވާލުވަމުންދާތީ އެ ގައުމުން ފިޔާ އެކްސްޕޯޓު ކުރުން ވަނީ ހުއްޓާލާފަ އެވެ. މިއާއެކު ރާއްޖޭގެ ބާޒާރުން ވެސް ފިޔާ ހުސްވެ، ފިޔާ ބަސްތާއެއްގެ އަގު މިހާރު ވަނީ 900ރ. އަށް އުފުލިއްޖެ އެވެ. މިހާރު ފިޔާ ކިލޯއެއް ވިއްކަނީ 50ރ. އާއި 70ރ. ވަރަށް އުފުލިފަ އެވެ.

ނަމަވެސް ސަރުކާރުން ބުނެފައިވަނީ ރާއްޖެއަށް ފިޔާ ލިބުމުގައި ދައްޗެއް ނުވާނެ ކަމަށެވެ.

ރައްޔިތުން ނަށް ބޭނުންވާ ވަރަށް ފިޔާ ފޯރު ކޮށްދޭން އެސްޓީއޯ އިން މިރޭ ވަނީ ފިޔާ ޝިޕްމަންޓެއް އެއާ ފްރައިޓްކޮށް ގެންނަން ނިންމާފަ އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނިން ގެންނަ ފިޔާ މިރޭގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށާ، ވައިގެ މަގުން ގެންނަ ފިޔާ ކިލޯއެއް 30ރ. އަށް ވިއްކޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"ގަނޑުކޮށް ނުވިއްކާނެ. ވަކިވަކިން ކޮންޓްރޯލް ކޮށްގެން ވިއްކާނީ. ފިޔާ ވިއްކާނީ ސުޕަ މާކެޓުން. ސްޓޮކް ނެރެވޭ ވަރުވާނީ މާދަމާގެ ވަގުތެއްގައި،" އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާ އިން ކަނޑައަޅާފައިވާ ވަރަށް ފިޔާގެ ސްޓޮކް ރާއްޖެ އަށް ދޫކުރި ނަމަވެސް ބޯޓު ތަކަށް ބަރު ނުކުރެވި ލަސްވީ "މިސް ކޮމިއުނިކޭޝަން" އެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ޓުޓިކޮރިން ބަނދަރުން ބޯޓު ފަހަރަށް ފިޔާ ބަރެއް ނުކުރެވެ އެވެ. އެހެންވެ ބައެއް ވިޔަފާރިވެރިން ވަނީ އެހެން ބަނދަރު ތަކުން ފިޔާ ބޯޓު ފަހަރަށް ބަރު ކުރަން ފަށާފަ އެވެ. ލަސްވެގެން އުޅެނީ އެހެންވެ އެވެ. ނަމަވެސް މިހާރު ވަނީ އެ މައްސަލަ ހައްލުކޮށްފަ އެވެ. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި އެކަށީގެންވާ ވަރަށް ފިޔާ ލިބޭނެ ކަމަށް ބެލެވެ އެވެ.