ދިވެހި ރައްޔިތުންގެ މެދުގައި ތަފާތު ކުރާނަމަ ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިނލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅު ވެއްޖެ އެވެ.
ސައުދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ "ރާއްޖެތެރޭގެ" މެމްބަރުން ހުޅުމާލެ އިން ގޯތި ހޯއްދަވަން ނޫޅުއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައި އިންޒާރު ކުރެއްވުމާ ގުޅިގެނެވެ. އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް "މާލެ އާއި ރާއްޖެތެރޭ" ގެ ބަހުސްއެއް ފެށި މެންބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ވަނީ ރައްދުކޮށްފަ އެވެ. -- މި ޖުމްލަ އިހަށް ބޭނުންކޮށް އުޅުނީ މާލެ އާއި ރާއްޖޭގެ އެތެރެ މިހެނެވެ --
މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އިން ގޯތި ދޭން ޖެހޭ ކަމަށް ބައެއް މެންބަރުން އިއްޔެ ވިދާޅުވުމުން އަތޮޅުތަކުގެ ދާއިރާތައް ތަމްސީލް ކުރައްވާ ބައެއް މެންބަރުން ވަނީ ހުޅުމާލެ އަކީ ހުރިހާ ރައްޔިތުންގެ ތަނެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ "ރާއްޖެތެރޭ" މެންބަރުންނަށް ކަމަށް ވިދާޅުވެ ވަރުގަދަ ބަހުސެއް ވެސް ވަނީ ކޮށްފަ އެވެ.
އޭގެ ފަހުން ސައުދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ބިމުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށެވެ. ހުޅުމާލެއަކީ ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ބިނާ ކޮށްފައިވާ ސިޓީއެއް ކަމަށާ މާލެ މީހުން އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުން ނިކަމެތިކޮށް ތަފާތު ކުރާނަމަ ދެކުނު ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތް ކަމަށެވެ. ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ހުއްޓާލަން ވެސް އޭނާ ގޮވާލެއްވި އެވެ.
ރާއްޖޭގެ ބިމުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން. ހުޅުމާލެއަކީ ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ބިނާކޮށްފައިވާ ސިޓީއެއް. މާލޭ މީހުން އަތޮޅުތަކުގެ ރައްޔިތުން ނިކަމެތިކޮށް ތަފާތު ކުރާނަމަ ދެކުނު ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތް. ތަފާތު ކުރުން ހުއްޓާލާ،ސައުދު ހުސައިން | ވިލިނގިލީ ދާއިރާގެ މެންބަރު
މެންބަރު ރަޝީދު އިއްޔެ ވަނީ އަތޮޅުތަކުގެ ދާއިރާތައް ތަމްސީލު ކުރައްވާ މެންބަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ދޭނެ ކަމަށް ވިދާޅުވެ މީގެ ކުރިން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅުން މިހާރު ތިއްބެވީ މާލޭގައި ގެ އަޅައިގެން ކަމަށެވެ. އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގެ މެމްބަރުންނަށް ހުޅުމާލެ ނުނެގޭނެ ކަމަށެވެ.
އޭނާގެ ވާހަކަތަކަކީ މީގެ އެތައް އަހަރެއްގެ ކުރިން އޮތް މާލެ މީހުންނާއި އަތޮޅުތަކުގެ ރަށްރަށުގެ މީހުން "ރާއްޖެތެރޭ" ގެ ގޮތުގައި ސިފަކޮށް ތަފާތު ކުރުންތައް އަލުން ގެނައުމަށް ދެއްކި ވާހަކަތަކެއް ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔާފަ އެވެ.