ވިޔަފާރި

ވޯލްޑް ބޭންކުން ދިވެހިންގެ ހިޔާލު ހޯދަން ސާވޭއެއް ފަށައިފި

ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ މުހިންމު މައްސަލަތަކާއި ހުރި ފުރުސަތުތައް އަދި އެ ކަންކަން ހައްލު ކުރަން ކުރެވިދާނެ ކަންކަން ދެނެގަތުމަށް ވޯލްޑް ބޭންކުން ދިވެހި ބަހުން ސާވޭއެއް ފަށައިފި އެވެ.

ވޯލްޑް ބޭންކުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ ދެވަނަ ސިސްޓަމެޓިކް ކަންޓްރީ ޑައެގްނޯސްޓިކް (އެސްސީޑީ) އަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދަން އޮންލައިން ސާވޭއެއް އިފްތިތާހްކޮށްފައިވާ ކަމަށެވެ.

އެސްސީޑީ އަކީ ވަކި ގައުމަކަށް ހާއްސަކޮށް، އެ ގައުމެއްގެ ސަރުކާރާއި ކަމާ ބެހޭ އެހެނިހެން ފަރާތްތަކުގެ އިތުރަށް، ޢާންމު ފަރުދުންގެ ބައިވެރިވުމާ އެކު ވާލްޑް ބޭންކް ގްރޫޕް އިން އެކުލަވާލާ ރިޕޯޓެކެވެ. މި ރިޕޯޓަކީ، ފަގީރުކަން ނައްތާލުމާއި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮންނާނެ ފަދަ ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީގެ ކަންކަން ބައްޓަން ކުރުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ވާލްޑް ބޭންކް ގްރޫޕް އިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް ބަޔާންކުރާ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް އެކުލަވާލުމުގައި ބެލެވޭނެ އަސާސެވެ.

ވޯލްޑް ބޭންކުން ބުނީ 2016 ވަނަ އަހަރު އެކުލަވާލި ރާއްޖޭގެ ފުރަތަމަ އެސްސީޑީ އިން ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ދެ ސިނާއަތް ކަމަށްވާ ޓޫރިޒަމާއި މަސްވެރިކަން އިތުރަށް ތަރައްގީކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް، މުޖުތަމައުގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ މީހުންނަށް ވެސް ފައިދާކުރުވަނިވި ގޮތަކަށް، ރާއްޖެ ތަރައްގީ ބައްޓަންކުރެވިފައިވާ ގޮތް ބަދަލުކުރެވިދާނެކަން އެ ރިޕޯޓުން ހާމަވެގެން ގޮސްފައިވާ ކަަމަށެވެ.

"ކުރު ރާސްތާގައި ގައުމުގެ އިގްތިސާދީ، ގުދުރަތީ އަދި އިޖްތިމާއީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި ރައްކާތެރިކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ،" ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

ރާއްޖެ އަށް ގިނަ އެހީތަކެއް ދެމުން ގެންދާ ދުނިޔޭގެ އެންމެ ބޮޑު މާލީ އިދާރާއިން ބުނެފައިވާ ގޮތުގައި އެސްސީޑީގެ މައްޗަށް ބިނާކޮށް އެކުލަވާލެވުނު ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކް އަމާޒުކޮށްފައި ވަނީ ޓޫރިޒަމާއި މަސްވެރިކަމުގެ ސިނާއަތުގައި ދިވެހިންނަށް ހުރި ފުރުސަތުތައް ފުޅާކުރުމުގެ އިތުރަށް ތަރައްގީގެ އާ ވަސީލަތްތައް ގާއިމް ކުރަންކަމަށެވެ.

"ގައުމުގެ އިގްތިސާދީ ތަރައްގީ އާއި ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށްޓަކައި ބޭނުންކުރެވޭ ގުދުރަތީ އަދި މާލީ ވަސީލަތްތައް ބެލެހެއްޓުމަކީ ވެސް، ވާލްޑް ބޭންކް އިން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކަންދެވޭނެ ދާއިރާތަކުގެ ގޮތުގައި ކަނޑައެޅިފައިވެ އެވެ،" ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

ސުވާލުތައް ދިވެހި ބަހުން ވެސް ހުންނާނެ

އޮންލައިން ސާވޭ ކުރިއަށްދާނީ މި މަހުގެ ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ނޮވެމްބަރު 2019 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސާވޭތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުންނެވެ. މި މަސައްކަތާ އެކު، ޢާންމު ފަރާތްތަކާއި އަމިއްލަ ފަރާތްތައް އަދި އިޖްތިމާއީ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމްއިއްޔާ ޖަމާއަތްތަކަށް ބައިވެރިވެވޭ ގޮތަށް، ހިޔާލާއި މަޝްވަރާ ހޯދުމުގެ ގްރޫޕް ސެޝަންތަކެއް ކުރިއަށް ގެންދެވޭނެ އެވެ. މި މަޝްވަރާތަކުގެ ނަތީޖާ އަށް ބިނާކޮށް އެކުލަވާލެވޭ ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކްގައި، ކުރުމަށް ހުށަހެޅޭ އިންވެސްޓްމަންޓްތަކުގެ އިތުރަށް، އޭގެ ސަބަބުން ފައިދާކުރާނެ ދާއިރާތައް ވެސް ކަނޑައެޅިގެންދާނެ އެވެ.

ވޯލްޑް ބޭންކް ދިވެހި ބަހުން ޓުވިޓާއަށް

ރާއްޖެއަށް ހާއްސަކޮށް ދިވެހި ބަހުން ހެދި ޓުވިޓާ އެކައުންޓް

އޮންލައިންކޮށް ކުރާ މި ސާވޭ ކުރަން ވާލްޑް ބޭންކް އިން ވަނީ ރާއްޖެ އަށް ހާއްސަކޮށް ފުރަތަމަ ފަހަރަށް ޓުވިޓާ އެކައުންޓެއް ގާއިމްކޮށްފަ އެވެ. އިނގިރޭސި ބަހާއި ދިވެހި ބަހުން މުއާމަލާތް ކުރެވޭ މި ޕްލެޓްފޯމްގެ މަގްސަދަކީ، ވާލްޑް ބޭންކް އިން ރާއްޖެއާއެކު ބާއްވަމުން އަންނަ ގުޅުން ވަރުގަދަކުރުމާ ގުޅޭ މަޢުލޫމާތު ހިއްސާކޮށް، މި ޖަޒީރާ ގައުމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭ ގޮތުން އާންމު ފަރުދުންގެ ހިޔާލާއި މަޝްވަރާ ހޯދުމެވެ.

"މުޖުތަމައުގެ އެންމެން ޝާމިލްވާ ގޮތަށް ކަންކަން ބައްޓަންކުރުމުގައި ވާލްޑް ބޭންކް ގްރޫޕާއި ސަރުކާރުން ގުޅިގެން ގެންގުޅޭ ސްޓްރެޓެޖީ އަށް އެހީތެރިވުމުގެ ގޮތުން ހިޔާލާއި މަޝްވަރާ ދިނުމަށްޓަކައި މިއީ ތަފާތު ފުރުސަތެއް. ތިބޭފުޅުންގެ ހިޔާލާއި މަޝްވަރާ އަޅުގަނޑުމެންނާ ހިއްސާކޮށްލައްވާ،" ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވެފައިވެ އެވެ.

ވޯލްޑް ބޭންކްއަކި ރާއްޖޭގެ ތަރަގީގެ އެންމެ މުހިންމު އެއް ބައިވެރިޔާ އެވެ. އެ ބޭންކުން ދަނީ ދިވެހިން ހިންގާ ތަރައްގީގެ ގިނަ މަޝްރޫއުތަކަށް ގިނަ އެހީތަކެއް ދެމުންނެވެ.