ހަބަރު

ޒުވާނާގެ މަރުގައި ޝައްކު އުފެދޭ ކަމެއް ނެތް: ފުލުހުން

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން އަނިޔާގެ ކުޑަ އަސަރެއް ފެންނަން ހުރުމުން އެކަން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހެންވޭރުގެ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިގެން ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:24 ގައި ކަމަށެވެ. އަދި ބުނީ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ ރޭ ނިދި ގޮތަށް ހަބަރެއް ނުވެގެން އާއިލާއިން މިއަދު ބެލުމުން ކަމަށެވެ.

މަރުވެފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން ނިޔާވި މީހާގެ އަގައިން ފޮނު އައިސްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ މީހާގެ ނިއްކުރީގައި ތަންކޮޅެއް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ.

"ނިއްކުރީގެ އަނިޔާއަކީ މީހާގެ ފުރާނައަށް ގެއްލުންވާ ވަރުގެ އަނިޔާއެއް ނޫންކަން ފާހަގަ ކުރެވޭ. އަދި މިހާތަނަށް ބެލި ބެލުމުން ނިއްކުރީގައިވާ ޒަޚަމަކީ މީހެއްގެ ފަރާތުން ލިބިފައިވާ އަނިޔާއެއް ކަމަށް ބެލެވޭނެ އެއްވެސް ކަމެއް ފާހަގައެއް ނުކުރެވޭ." ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ ސާފުކޮށް، ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.